(13 މާޗުގެ އަދަދާ ގުޅޭ)
ކުއްލިޔަކަށް އަންދަލުސުގެ ޙާލަތު އެހެންގޮތަކަށް ބަދަލުވެއްޖެއެވެ. އަލްފާންސޫ ޠުލައިޠުލާގެ ބަދަލުގައި އެހެން މިސުރާބަކަށް އޭނާގެ ސަމާލުކަން ބަދަލުކޮށްލައްވައިފިއެވެ. އަލްފާންސޫގެ އާދަޔަކީ އޭނާގެ ހަނގުރާމައިގެ ޚަރަދުތައް އޭނާގެ ޑޯލާ ރަސްރަސްކަލުންގެ އަތްޕުޅުން އަތުލެއްވުމެވެ. އިޝްބީލިއްޔާގެ އާއްމުންގެ ބަދުނަސީބަކީ މުލޫކުއްޠަވާއިފުންގެ ތެރެއިން އެންމެ މުއްސަނދި ބޭފުޅަކީ معـتـمـد ކަމުގައި އަލްފާންސޫ ޔަގީންކުރައްވާ ކަމެވެ. معـتـمـد ގެ ޢައްޔާޝީ ޚަރަދުތަކާއި ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ އަލްފާންސޫގެ ހުށަހެޅުއްވުންތަކުގެ ސަބަބުން معـتـمـد ގެ ޚަޒާނާ ކުރީއްސުރެވަނީ ހުސްވެފައެވެ. ޖިޒީގެ ގޮތުގައި ވަރަށްގިނަ އަދަދެއްގެ ފައިސާ ދެއްވާން އަލްފާންސޫ معـتـمـد ގެ އަރިހުން އެދިވަޑައިގެންފިއެވެ. ރައްޔިތުން އަތުން އިތުރަށް އެތައް ޓެކުސްތަކެއް ނަންގަވައިގެންވެސް معـتـمـد އަށް އެ އަދަދު ހަމަކޮށެއް ނުދެއްވެވުނެވެ.
ބައެއް މުއައްރިޚުން ވިދާޅުވާގޮތުގައި معـتـمـد ރައްޔިތުންގެ އަތުން ނަންގަވާ ޓެކްސް އިންތިހާޔަށް އިތުރުކުރައްވައިގެންވެސް އަލްފާންސޫ ހުށަހެޅުއްވި ޖިޒީ ހަމަކޮށްދެއްވޭވަރު ނުވުމުގެ ސަބަބުން معـتـمـد ވަގުފައިސާ ޖެއްސުވިއެވެ. އަލްފާންސޫގެ ފަރާތްޕުޅުން ޖިޒީ ބަލައި އައީ إبـن أشـاليـب އެވެ ކިޔުނު ޔަހޫދީއެކެވެ. އޭނާ ވަގުފައިސާ ފެންނައިރަށް ބުނެފިއެވެ. "އަހަންނަކީ ތިޔަހައި ބޮޑު މޮޔައެއް ނޫން. ވަގުފައިސާ ގަބޫލުކުރާނީ އެހެންނަމަތާ. މިއަހަރު އަހަރެމެން ގަބޫލުކުރާނީ ޚާލިޞު ރަން. އަންނަ އަހަރު ތިޔަބައިމީހުންގެ ރަށްތަކަށް ވެރިވާނަން." معـتـمـد ކޯފާވެގެން ޔަހޫދީ ކާރުދަވެރިޔާ ދަންޖައްސަވައިފިއެވެ. އޭނާއާ އެކުގައި އައި ނަޞާރާއިން ޖަލަށް ލައްވައިފިއެވެ. އަލްފާންސޫ ހުންނެވީ ދައްކަވާނެ ބަހަނާއަކަށް ބައްލަވަ ބައްލަވައެވެ. އެހެންކަމުން ޠުލައިޠުލާ ހިއްޕެވުމުން މަޑުޖައްސައިލައްވައިފައި އިޝްބީލިއްޔާގެ ސަރަޙައްދުގައި ޤަތުލު އާއްމު ހިންގެވުމާއި ތަންތަން ހަލާކު ކުރެއްވުމާއި ލޫޓުވުން އާއްމު ކުރައްވައިފިއެވެ.
ޠުލައިޠުލާގެ މީހުން ވަގުތުގެ ބޭނުންހިފިއެވެ. އެބައިމީހުންގެ ވަރަށްގިނަ ސަރަޙައްދުތަކެއް ނަޞާރާއިންގެ އަތުން ފިރުކައިގަތެވެ. ޠުލައިޠުލާގެ ސިފައިންގެ ވެރިޔާ أحمـد ޠުލައިޠުލާއަށް ގެންނަވައިފައި އަނެއްކާވެސް ރިޟާކާރުން ތަމްރީނު ކުރެއްވުމުގެ މަސައްކަތް އޭނާއާ ހަވާލުކުރައްވައިފިއެވެ.
أحمـد އެއްދުވަހެއްގެ ހަވީރު ގެއަށްވަޑައިގެން ދޮރޯށީން ވެދެވަޑައިގެންނެވުމާއެކު ޚާދިމާއެއް އޭނާގެ އަރިހުގައި ދަންނަވައިފިއެވެ. ޣަރުނާޠާއިން އައި މެހުމާނެއް، ކަލާގެ އިންތިޒާރުގައި އެބައިނެވެ. أحمـد ބައްދަލުކުރާ ކޮޓަރިޔަށް ވެދެވަޑައިގެންނެވިއިރު އޭނާގެ އިންތިޒާމުގައި އިނީ المـــاس އެވެ.
أحمـد އާއި المـــاس އާ ދެބޭފުޅުން ވަރަށް ހޫނު ތަރުހީބަކާއެކު ބަޣަލްޤީރު ކުރެއްވިއެވެ. أحمـد، المـــاس ކުރެން ގޭގެ ހާލުއަހުވާލުގެ ޚަބަރު އެއްސެވިއެވެ. المـــاس، أحمـد އަށް ދެންނެވިއެވެ. "إدريـس މާލިގާއިން އެނބުރި ވަޑައިގެންފި. އޭނާ ދުވަސްކޮޅަކު ޣަރުނާޠާގައި ހުންނަވާނެ. ދަރިފުޅުގެ ބައްޕާފުޅު عبـدالمـنعــم މުރުސިއްޔާއިން އެނބުރިވަޑައިގެން ދުވަސްކޮޅަކު ޣަރުނާޠާގައި މަޑުކުރެއްވި. އެކަމަކު މިހާރު އަނެއްކާވެސް އޭނާ ވަނީ قـاضى أبـو جـعـفـر ގެ އަރިހުގައި ކޮންމެވެސް ދިމާޔަކަށް ވަޑައިގެން. حسن އޭނާއާ ބެހޭގޮތުން އެއްވެސް ޚަބަރެއް ނުފޮނުއްވާތާ ދުވަސްކޮޅެއްވެއްޖެ. ޣަރުނާޠާއިން އޭނާގެ އަރިހުގައިދިޔަ ޒުވާނުންގެވެސް ޚަބަރެއް ނުވޭ. މީގެ ދެމަހެއްހައިދުވަސް ކުރީން މުރާކިޝުން سعد ޚަބަރު ފޮނުއްވި. އޭނާ ދުވަސްކޮޅަކަށް ގެއަށް ވަޑައިގަންނަވާ ޚަބަރު ދެއްވި. އެކަމަކު އޭނާ ދާދިފަހުން އެންގެވީ މުރާބިޠީންގެ އަމީރުލްބަހުރުގެ އަރިހުގައި ކަނޑުމަތީގެ މުހިންމަކަށް ވަޑައިގަންނަވާ ވާހަކަ. ދަރިފުޅުގެ މަންމާފުޅު އަޅުގަނޑު ފޮނުއްވީ ދަރިފުޅު ގެއަށް ވަޑައިގަންނަވާން ޙާލަތު ތަންނުދޭ ކަމުގައިވާނަމަ ދަރިފުޅުގެ އަނބިކަނބަލުން ގެޔަށް ފޮނުއްވުން އެދިވަޑައިގެން އޭނާ ބަލައި. ދަރިފުޅުގެ ބައްޕާފުޅު ދެކެވަޑައިގަންނަވާ ގޮތުގައިވެސް ޠުލައިޠުލާގެ މަސްރަޙު އަންނަނީ ވަރަށްބޮޑަށް ނާމާންވަމުން."
طـاهـــرة ޣަރުނާޠާއަށް ފޮނުއްވުމާ ބެހޭގޮތުން އެރޭގެ ރޭގަނޑު أحمـد، طـاهـــرة އާ ޚިޔާލު ބަދަލުކުރެއްވިއެވެ. طـاهـــرة ވިދާޅުވިއެވެ. "ޠުލައިޠުލާ ދޫކޮށްލުމަކީ އަޅުގަނޑަށް ވަރަށް ދަތިކަމެއް. ޣަރުނާޠާގައި ކަލާގެ އިންތިޒާރުގައި މަގު ބަލަބަލައި އިނުމަށްވުރެ އަޅުގަނޑަށް ފަސޭހައީ ދުޝްމިނުންގެ ތީރުގެ ވާރޭގެ ތެރޭގައި ކަލާގެ އަރިހުގައި ހުއްޓި ހުރުން."
المـــاس ހަފުތާއެއްހައި ދުވަހު ޠުލައިޠުލާގައި ހުރެފައި އެނބުރި ޣަރުނާޠާއަށް ހިނގައްޖެއެވެ.
އަލްފާންސޫގެ ސިފައިން ދުވަސްކޮޅެއް ވަންދެން އިޝްބީލިއްޔާގެ ސަރަޙައްދުގެ އެކިދިމަދިމާގައި މީހުން މަރައި ފޭރި އުޅުނެވެ. އަލްފާންސޫ އެއަށްފަހު ސީދާ އިޝްބީލިއްޔާގެ ވެރިރަށަށް ޙަމަލަ ދެއްވައިފިއެވެ. އިޝްބީލިއްޔާގެ ރަށްރަށާއި އަވަށްއަވަށުގައި ލެޔާއި އަލިފާނުގެ ކުޅިވަރު ކުޅުއްވަމުން ގެންދެވިއެވެ. އޭނާ މުސްލިމުންގެ އެތައްހާސް ބަޔަކު އަޅުވެތިކުރެއްވިއެވެ. ތިންދުވަސް ވަންދެން އިޝްބީލިއްޔާ ޙިޞާރު ކުރެއްވުމަށްފަހު މުޙާޞިރާ ރޫޅައިލައްވައިފައި އޭނާގެ ލަޝްކަރަށް ޠުލައިޠުލާއަށް އެނބުރިދާން އަމުރު ކުރައްވައިފިއެވެ. معـتـمـد ގެ ތާޖާއި ތަޚުތު ވަގުތީގޮތުން ސަލާމަތްވެއްޖެއެވެ. އެކަމަކުވެސް معـتـمـد އަށް ވަނީ ފިލާވަޅެއް ލިބިވަޑައިގެންފައެވެ. އަންދަލުސުގެ އެހެނިހެން އަމީރުންގެ ނައުފަހަރު ފެތެމުންދާއިރު އޭނާއަށްވެސް ހިތްޕުޅު ހަމަޖެހިވަޑައިގެން އައްސޭރީގައި ކުޅިބައްލަވާން ނުއިންނެވޭނެކަން ކަށަވަރުވެވަޑައިގެންފައެވެ. އަލްފާންސޫ ތުލައިޠުލާއާއި ސަރުޤިސްޠާ ފަތަޙަކުރެއްވުމަށްފަހު މާވަރުގަދަޔަށް ތައްޔާރުވެވަޑައިގެން އިޝްބީލިއްޔާއަށް ޙަމަލަ ދެއްވާނެކަން ޔަގީންވެވަޑައިގެންފައެވެ.
* * * * * * * * * * *
އެހާދިސާގެ ހަމަސްދުވަސްފަހުން ޠުލައިޠުލާގެ ހަތަރު އުދަރެހަށް ވެރިވާންފެށީ މާޔޫސްކަމުގެ ކަޅުވިލާތަކެވެ. ބާރަށް ދެމެމުން އަންނަ ސައިލެއް ފަދައިން އަލްފާންސޫގެ ލަޝްކަރު އެކިދިމަދިމާއިން ޠުލައިޠުލާއާ ދިމާޔަށް ކުރިއަރަމުން އަންނާން ފަށައިފިއެވެ. عمــر المـتــوكّـل ގެ ސިފައިންނާއި ޠުލައިޠުލާގެ ރިޟާކާރުން ހުރިހައި މައިދާންތަކެއްގައިވެސް ވަރަށް ހިތްވަރާއި ފަންވަރާއެކު ނަޞާރާއިންނާ ކުރިމަތިލަމުން ގެންދިޔައެވެ. ނަމަވެސް ނަޞާރާއިންގެ ކުރިއެރުން ހުއްޓުވުމަކީ އެމީހުންގެ ބާރު ފޯރާވަރުގެ ކަމަކަށް ނުވިއެވެ. ޠުލައިޠުލާގެ އެތަކެއްހާސް ރިޟާކާރުންނާއި ބިޠުލިޔޫސުގެ ލަޝްކަރުގެ ތިންބައިކުޅަ އެއްބައިވަނީ އެޙަމަލަތަކުގައި ޝަހީދުވެފައެވެ. އަންދަލުސުގެ އެހެނިހެން ދައުލަތްތަކުން ޠުލައިޠުލާއާ އެހީވާން އަންނަ ރިޟާކާރުންގެ އަދަދު މާޔޫސުވާހައިވެސް މަދެވެ. އެއާ ޚިލާފަށް އުތުރުގެ ކުދިބޮޑު ހުރިހައި ނަޞާރާ ދައުލަތްތަކުން އަލްފާންސޫއާ އެހީވާން ސިފައިން ފޮނުވަމުން ގެންދިޔައީ ސުމާރެއްނެތްހައި ގިނައިންނެވެ.
އަލްފާންސޫ عمــر المـتــوكّـل ގެ ކުރިފުޅުމަތީގައި އަތުރައިލެއްވި ކުޅިބަޔަކީ عمــر އަށް އެއްފަހަރާ ދެމައިދާނަކަށް ސަމާލުކަން ދެއްވާން މަޖުބޫރުވެވަޑައިގަންނަވާނެގޮތް ހެއްދެވުމެވެ. އަލްފާންސޫ އޭނާގެ ލަޝްކަރުގެ އެއްބައި ބިޠުލިޔޫސަށް ޙަމަލަ ދެއްވާން ފޮނުއްވައިފިއެވެ. عمــر المـتــوكّـل ހުންނެވީ ޠުލައިޠުލާއަށްޓަކައި އޭނާގެ އަމިއްލަފުޅު ރަސްކަން ނުރައްކަލުގެ ތެރެޔަށް ވައްޓައިލައްވާކަށެއް ތައްޔާރަކަށް ނޫނެވެ. އޭނާ ހުންނެވީ ލިބިވަޑައިގަންނަވަމުންދިޔަ ބޮޑެތި ގެއްލުންތަކާއި އެހެނިހެން މުލޫކުއްޠަވާއިފުންގެ ދީނާއި މިއްލަތުގެ ޣީރަތެއް ނެތުމުގެ ސަބަބުން އިންތިހާޔަށް ކަންބޮޑުވެވަޑައިގެންފައެވެ. އެހެންކަމުން އޭނާ ޠުލައިޠުލާގެ މުސްލިމުން އެބައިމީހުންގެ އެކަނިހާލަށް ދޫކޮށްލައްވައިފައި ބިޠުލިޔޫސަށް މިސުރާބު ޖައްސަވައިފިއެވެ. عمــر المـتــوكّـل މައިދާނުން ނުކުމެވަޑައިގެންނެވުމަކީ ޠުލައިޠުލާއާ ދިމާޔަށް ބާރަށް ދެވެމުންއައި ނަޞާރާއިންގެ ބިރުވެރި ސައިލުގެ ކުރިމަތީގައިހުރި އެންމެފަހުގެ ބާޑީ ރޫޅިގެން ދިޔުންފަދަ ކަމެކެވެ.
أحمد بـن عبـدالمـنعــم ޠުލައިތުލާގެ ހުޅަނގު ސަރަޙައްދުގެ ރަށެއް ދިފާޢުކުރައްވާން ހަވާލުވެވަޑައިގެން ހުންނަވާތާ އެތައް ހަފުތާތަކެއް ވެއްޖެއެވެ. އޭނާގެ އަރިހުގައިވަނީ ރިޟާކާރުންގެ ފައުޖެކެވެ. އޭނާވަނީ މުޖާހިދުންގެ ދާދިމަދު މީސްކޮޅަކާއެކު ނަޞާރާއިންގެ އެތައް ޙަމަލަތަކެއް މަތަކުރައްވައި ނަޞާރާއިންގެ މޫނު ފަހަތަށް އަނބުރުއްވައިލައްވައިފައެވެ. أحمـد ނަޞާރާއިންނަށް ދެއްވި އެންމެފަހުގެ ޙަމަލައިގައި އެބައިމީހުން ރަށާ އެތައް މޭލެއްގެ ދުރަށް ފައްސައިލެއްވުމަށްފަހު ޠުލައިޠުލާގައި ހުންނެވި ބިޠުލިޔޫސުގެ ސިފައިންގެ ވެރިޔާއަށް ސިޓީއެއް ފޮނުއްވިއެވެ. "އަޅުގަނޑުގެ އެންމެފަހުގެ ކާމިޔާބީއާމެދު ހިތްޕުޅު ހަމަޖައްސަވައިގެން ނުހުންނަވާށެވެ. އަޅުގަނޑުގެ އެކުވެރީންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަމީހުންވަނީ ޝަހީދުވެފައެވެ. މިރަށުން އަލަށް ރިޟާކާރަކު ލިބެނީ ހާލަކުން ފަހަރަކުއެވެ. ވަރަށްވެސް އުންމީދު ގެއްލޭފަދަ ގޮތަކަށެވެ. ރަށުގެ މީހުން އެކިދިމަދިމާޔަށް ހިޖުރަކުރަމުން ގެންދަނީއެވެ. މިރަށް ދިފާޢުކުރައްވާން ބޭނުންފުޅު ކަމުގައިވާނަމަ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި އެންމެ މަދުވެގެންވެސް ހަތަރުސަތޭކަ އަސްވާރުން ފޮނުއްވާށެވެ."
أحمـد އެ ސިޓީއާއެކު عبـدالـواحــد އަށްވެސް ސިޓީއެއް ފޮނުއްވިއެވެ. عبـدالـواحــد ގެ ސިޓީގައި ބާރުއަޅުއްވައިފައިވަނީ ބިޠުލިޔޫސު ސިފައިންގެ ވެރިޔާ ކަންފަސޭހަކޮށްލައްވައިގެން ހުންނަވާކަމުގައިވާނަމަ عبـدالـواحــد ރިޟާކާރުން ފޮނުއްވައިދެއްވުމަށެވެ.
أحمـد ސިޓީ ފޮނުއްވިތާ އެއްހަފުތާ ވީއިރުވެސް އެއްވެސް ޚަބަރެއް ނުވެއެވެ. އަށްވަނަޔަށްވީ ދުވަހު އޭނާއަށް ލިބިވަޑައިގެންނެވި ނާއުންމީދީ ޚަބަރަކީ ބިޠުލިޔޫސުގެ ސިފައިން ހުރިހައި މައިދާންތަކަކުންވެސް އެނބުރިދާންފެށި ވާހަކައެވެ. أحمـد އެޚަބަރުތައް ލިބިވަޑައިގަންނަވާން ފެށުމާއެކު އޭނާގެ އެކުވެރީންކުރެ ނުފޫޒުހުރި ބޭފުޅުންނާއި ސަހަރުގެ ކަމުވޮށީން އެއްކުރައްވައި މަޝްވަރާ ކުރެއްވިއެވެ. ޠުލައިޠުލާގެ ރިޟާކާރުންކުރެ ގިނަމީހުން ތިބީ އަނބިދަރީންގެ ގާތަށް ގެޔަށްދާހިތުން ކެތްމަދުވެފައެވެ. ސަހަރުގެ އަހުލުވެރީންގެ މަންދޫބުންވެސް ފާޅުކުރަމުން ގެންދިޔައީ މާޔޫސުކަމެވެ. ސައްލާގެ ބައިވެރީން أحمـد ގެ ޚިޔާލުފުޅަކީ ކޮބައިތޯ ދެންނެވުމުން އޭނާ ސާބިތުކަމާއެކު ޖަވާބު ދެއްވިއެވެ.
"ތިޔަބޭފުޅުން ހަނގުރާމަ ކުރައްވަނީ عمــر المـتــوكّـل އަށްޓަކައި ކަމުގައިވާނަމަ ތިޔަބޭފުޅުން މާޔޫސުވެވަޑައިގަންނަވާ ސަބަބު ވިސްނައިގަތުމަކީ އަޅުގަނޑަކަށް އުނދަގޫކަމެއް ނޫން. ތިޔަބޭފުޅުން ހަނގުރާމަ ކުރައްވަނީ މާތް اللّـه އަށްޓަކައި ކަމުގައިވާނަމަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާން ބޭނުން. މާތް اللّـه ގެ ސިފައިންނަކީ މާޔޫސުވާ ބައެއް ނޫން. ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި މިހާރު އޮތީ ޚިޔާރުކުރެއްވިދާނެ ދެމަގެއް. އެއްމަގަކީ ތިޔަބޭފުޅުންނަށް ޣާޒީންގެ ލަޤަބު ނުވަތަ ޝަހީދުންގެ ގޮތުގައި އަވަހާރަވުމުގެ ޝަރަފު ހޯއްދެވޭނެ މަގެއް. ދެވަނަ މަގަކީ އެމަގަކަށް ހިންގެވުމުން ތިޔަބޭފުޅުންގެ ނަސީބުފުޅުގައި އަޅުވެތިކަމުގެ ދިރިއުޅުއްވުމާއި ނިކަމެތިކަމުގައި އަވަހާރަވެދިޔުން ނޫން އެހެން ގޮތެއް ނޯންނާނެ މަގެއް. އަޅުގަނޑަށްޓަކައި އަޅުގަނޑު ޚިޔާރުކޮށްފައިވަނީ ކުރީން މިދެންނެވި މަގު. އަޅުގަނޑަށް ޔަގީން ޠުލައިޠުލާގައި ތިއްބެވި ތިޔަބޭފުޅުންގެ އަޝްރާފުންވެސް ޚިޔާރު ކުރައްވާނީ ކުރީން މިދެންނެވި މަގު. އެބޭފުޅުން ވަނީ މިރަށް ދިފާޢުކުރުމަށްޓަކައި އަޅުގަނޑު އިންތިޚާބު ކުރައްވައިފައި. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަގީންކޮށް އަރުވަން. އަޅުގަނޑު އެކަނި ދޫކޮށްލައްވައިފައި ތިޔަބޭފުޅުން އެނބުރި ވަޑައިގެންނެވި ކަމުގައިވިޔަސް އަޅުގަނޑުގެ ކަނޑި އުރަޔަކަށެއް ނުލާނަން. އަޅުގަނޑަށް ޔަގީން. عمــر المـتــوكّـل ޠުލައިޠުލާއިން އޭނާގެ ސިފައިން ބާލުއްވާން މަޖުބޫރުކުރުވީ ބިޠުލިޔޫސުގެ ޙާލަތު. އެކަމަކު އޭނާ އެނބުރި ވަޑައިގެންނެވި ކަމުގައިވިޔަސް ޠުލައިޠުލާގެ މިނިވަންކަމަށް ލޯބިކުރާ މީހުން ފިނޑިވެ ހިތްވަރު އެލުވައެއް ނުލާނެ. އަޅުގަނޑު ވަނީ عبـدالـواحــد ގެ އަރިހަށްވެސް ސިޓީއެއް ފޮނުއްވައިފައި. އޭނާގެ އަރިހަކުންވެސް އަދި ޖަވާބެއް ނުލިބޭ. އަޅުގަނޑު ޔަގީންކުރާ ގޮތުގައި އޭނާ އަޅުގަނޑުމެންނަށް ވަރަށް އަވަހަށް މަސްރަޙު އޮތްގޮތް ބަޔާންކޮށްދެއްވާނެ. ކޮންމެ ގޮތެއްގައިވެސް އަޅުގަނޑުމެންގެ މިވަގުތުގެ ވާޖިބަކީ މިރަށް ޙިމާޔަތްކުރުން."
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު