އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ދިޔަ ނޯތު ލަންޑަން ޑާބީގައި އާސެނަލް އަތުން ބަލިވެ، ޓޮޓެންހަމް އިން ގަދަ ހަތަރަކަށް ކުރަމުން އައި އުންމީދުތަކަށް ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.
އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގެ ކުރީކޮޅުގައި އެރިކް ލަމޭލާގެ ހިތްގައިމު ގޯލެއް ފެނިގެން ގޮސްފައިވީ ނަމަވެސް، އާސެނަލް ފަހަތުން އެރީ ކުޅުން ރަނގަޅުކޮށް، މެޗު ކޮންޓްރޯލްވެސް ކޮށްގެންނެވެ. ޓޮޓެންހަމް އިން މިހާތަނަށް ކުޅުނު 28 މެޗުން 45 ޕޮއިންޓް އެޓީމަށް ލިބިފައިވާއިރު، މިވަގުތު އޮތީ ހަތްވަނައިގަ އެވެ. ހަތަރުވަނައިގައި އޮތް ޗެލްސީއަށް 29 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލް އަދިވެސް އޮތީ 10 ވަނައިގައެވެ.
ލަމޭލާގެ ގޯލް މެޗުގެ 33 ވަނަ މިނެޓުގައި ފެނިގެން ގޮސްފައިވާއިރު، އޭނާގެ ގޯލަކީ ހިތްގައިމު ހުނަރެއް ކަމަށްވާ "ރަބޯނާ" ގޯލެކެވެ. ފުރަތަމަ ހާފުގައި ޓޮޓެންހަމްގެ އިނގެރޭސި ފޯވަޑް ހިއުން މިއުން ސޮންއަށް އަނިޔާވެ އޭނާ ބާލަން ޖެހިފައިވާއިރު، ހާފު ނިމެންދެން ނުރައްކާ ބޮޑުކޮށް ފެނުނީ އާސެނަލްއެވެ. އެމީލް ސްމިތު ރޯވޭގެ ހަމަލާ އާއި ސެޑްރިޑް ސޮއަރޭސްގެ ހަމަލާ ދަނޑިއަށް އަމާޒުވެފައިވާއިރު، ހާފު ނިމުމުގެ ކުރިން މާޓެން އޮޑެގާޑް ޖެހި ގޯލާއެކު އާސެނަލް ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ދެވަނަ ހާފުގައިވެސް ރަނގަޅަށް ކުޅެ އާސެނަލްއިން މޮޅުވި ގޯލް ޖެހީ 64 ވަނަ މިނެޓުގައެވެ. ޑެވިންސޮން ސަންޗޭޒް އޭރިއާ ތެރެއިން އެލެކްސެންޑްރާ ލަކަޒެޓަށް ކުރި ފައުލަށް ރެފްރީ ދިން ޕެނެލްޓީ ކާމިޔާބު ކޮށްދީފައިވަނީވެސް ލަކަޒެޓެވެ. ދެވަނަ ހާފުގައި ލަމޭލާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާފައިވާއިރު، ފަހު 15 ވަރަކަށް މިނެޓް ސްޕާސްއިން ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ.
ރޭގެ މެޗުގައި އާސެނަލްގެ ކެޕްޓަން ޕިއޭ އެމްރިކް އަބަމަޔާން ފެނިފައެއް ނުވެއެވެ. ނޫސްވެރިން ސުވާލުކުރުމުން ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ އަބަމަޔާން ނުފެނުނީ ޑިސިޕްލިނަރީ މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެ ސަބަބު ހާމަކޮށްފައެއް ނުވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު