ދިވެހިރާއްޖޭގެ ތާރީޚު

ދިވެހީންގެ ދަރިކޮޅުތަކާއި މަތިކޮޅުތައް - 10

އިޔާޒު ނަސީމް

1

ދިޔަމިގިލީ ރަސްދަރިކޮޅުން ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން 2ވަނަ (ދިޔަމިގިލީ ބަންޑާރައިން)ގެ ދަރިކަލުން އައްސުލްޠާން އިބްރާހީމް އިސްކަންދަރު 2ވަނަ (އިބްރާހީމް ރަސްގެފާނު)ގެ އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުގެ ދަރިކަލުން އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނު ފުރަތަމައަށް ކައިވެނި ބެއްލެވީ، އިސްދޫ ރަސްދަރިކޮޅުން ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްޠާން އިބްރާހީމް މުޡްހިރުއްދީނުގެ ދަރިކަލުން މުޙައްމަދު މަނިކުފާނުގެ ދަރިކަނބަލުން އާމިނާ މަނިކުފާނުގެ ދަރިކަނބަލުން ފުވައްމުލަކު ކުޑައިރަނިއެދުރުގޭ މަރްޔަމް މަނިކުފާނާއެވެ. މި މަރްޔަމް މަނިކުފާނުގެ ބައްޕައަކީ އައްޑޫމީދޫ ކުދުރަނިޔަގެ އެދުރު ތައްޚާނު (އެދުރު މަނިކުފާނު)އެވެ. އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނަށް ކުޑައިރަނިއެދުރުގޭ މަރްޔަމް މަނިކުފާނުގެ ބަނޑުން ލިބިވަޑައިގަތީ އެދުރުގޭ އައްނަބީލާ ޢާއިޝަތުދީދީ (ދޮށީދީދީ) އާއި، އެދުރުގޭ އައްނަބީލު މޫސާދީދީއެވެ.

އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު (ޙާޖީބަންޑާރައިން)ގެ ދަރިކަލުން އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ދަރިކަނބަލުން އައްނަބީލާ ޢާއިޝަތުދީދީ (ދޮށީދީދީ)އާ އެންމެ ފުރަތަމައަށް ކައިވެނި ބެއްލެވީ އައްސުލްޠާން އިބްރާހީމް މުޡްހިރުއްދީނުގެ ދަރިކަލުން މުޙައްމަދު މަނިކުފާނުގެ ދަރިކަލުން މޫސާ މަނިކުފާނުގެ ދަރިކަލުން ކޮނޑޭ ޢަލި މަނިކުފާނެވެ. މި ދެކަނބަލުންނަށް ފުރަތަމައަށް ލިބިވަޑައިގަތީ ދޮންދީދީ (ކޮނޑޭދީދީ)އެވެ. މި ދޮންދީދީގެ ފޮތު ނަމަކީ ފާޠިމަތުދީދީއެވެ. ހުވަދުއަތޮޅުގައި އެންމެ ފުރަތަމައަށް {ދީދީ} މި ނަން ކިޔައިފައި ވަނީ މި ދޮންދީދީއަށް ކަމަށް އަލްއަޚް ޢަބްދު ﷲ ޙިލްމީ މައުލޫމާތު ދެއްވައެވެ. ކިލެގެފާނުގެ ދޮށީދީދީއާއި ކޮނޑޭ ޢަލި މަނިކުފާނަށް ދެވަނައަށް ލިބިވަޑައިގަތީ މުޙައްމަދުދީދީ (ތުއްކަލާދީދީ)އެވެ. ކޮނޑޭ ޢަލި މަނިކުފާނު އަރިހުން ވަރިވެވަޑައިގެން ފުވައްމުލަކަށް ވަޑައިގެން ދޮށީދީދީ ފުވައްމުލަކުގައި ދުވަސްކޮޅަކު ހުންނެވިއެވެ. އެއަށް ފަހު އައްޑޫމީދޫ ގަނޑުވަރު އައްނާއިބު މުޙައްމަދު ތަކުރުފާނު (މުޙައްމަދު ތައްޚާނު) މި ދީދީއާ ކައިވެނި ބެއްލެވުމުން ދިރިއުޅުއްވުން މީދޫއަށް ބަދަލު ކުރެއްވީއެވެ.

އައްޑޫމީދޫ ގަނޑުވަރު އައްނާއިބު މުޙައްމަދު ތަކުރުފާނަކީ އަލްފަޤީހް އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން އަލްކަބީރު (އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނު)ގެ އަލްޤާޟީ ޙުސައިން ޤުޠުބުއްދީނު (އުއްތަމަ ފަނޑިޔާރު ތަކުރުފާނު)ގެ އަލްޥަޒީރުލްކަބީރު މުޙައްމަދު ބޮޑުފުތް ތަކުރުފާނުގެ އިބްރާހީމް ނާއިބު ތަކުރުފާނުގެ ޒުލައިޚާ ރަނިޔަގެ އަލްޥަޒީރުއްޞަޣީރު ޢަލީ އަލްމާހިރުގެ ދަރިކަލުން އައިސާބީގެދަރު އައްނާއިބު ދޮން ޙުސައިން ތަކުރުފާނުގެ ގެދަރު ޢަލި ތަކުރުފާނުގެ ދަރިކަލުންނެވެ. އައްޑޫމީދޫ ގަނޑުވަރު އައްނާއިބު މުޙައްމަދު ތަކުރުފާނުގެ މަންމައަކީ މީދޫ ކަޅިހާރު އާމިނާ ރަނިޔަ (އެދުރުގޭ އާމިނާ ރަނިޔަ)އެވެ. މި އާމިނާ ރަނިޔަކީ އައްޑޫމީދޫ އެދުރުގޭ އަލްފަޤީހް މޫސާ އެދުރުތަކުރުފާނުންގެ ވެސް މަންމައެވެ. މި އާމިނާ ރަނިޔަގެ ބައްޕައަކީ ހުވަދޫ މާމެންދޫ މުދިންގޭ އިބްރާހީމް ކަލޭގެފާނެވެ.

އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު (ޙާޖީބަންޑާރައިން)ގެ ދަރިކަލުން އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ދަރިކަނބަލުން އައްނަބީލާ ޢާއިޝަތުދީދީ (ދޮށީދީދީ)އާއި އައްޑޫމީދޫ ގަނޑުވަރު އައްނާއިބު މުޙައްމަދު ތަކުރުފާނާ ކުރެއްވި ކައިވެނީން ލިބިވަޑައިގަތް ބޭފުޅުންނަކީ އައްޑޫމީދޫ ގަނޑުވަރު އައްނާއިބު ޙަސަންދީދީ އާއި، އައްޑޫމީދޫ ގަނޑުވަރު އަޙްމަދުދީދީ އާއި، އައްޑޫމީދޫ ގަނޑުވަރު ޚަދީޖާދީދީ އާއި، އައްޑޫމީދޫ ގަނޑުވަރު އާމިނަތުދީދީއެވެ.

އެހެންކަމުން އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު (ޙާޖީބަންޑާރައިން)ގެ ދަރިކަލުން އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ދަރިކަނބަލުން އައްނަބީލާ ޢާއިޝަތުދީދީ (ދޮށީދީދީ)އަށް ދެ ކައިވެނީން ލިބިވަޑައިގެންފައި ވަނީ 6 ބޭފުޅެކެވެ. އެއީ 1. ދޮންދީދީ (ކޮނޑޭދީދީ)، 2. މުޙައްމަދުދީދީ (ތުއްކަލާދީދީ)، 3. އައްޑޫމީދޫ ގަނޑުވަރު ޙަސަންދީދީ، 4. އައްޑޫމީދޫ ގަނޑުވަރު އަޙްމަދުދީދީ، 5. އައްޑޫމީދޫ ގަނޑުވަރު ޚަދީޖާދީދީ، 6. އައްޑޫމީދޫ ގަނޑުވަރު އާމިނަތުދީދީ، މިއެވެ.

އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ދަރިކަނބަލުން އައްނަބީލާ ޢާއިޝަތުދީދީ (ދޮށީދީދީ)ގެ ދަރިކަނބަލުން ދޮންދީދީ (ކޮނޑޭދީދީ)އާ ކައިވެނި ބެއްލެވީ ދެއްވަދޫ ގަނޑުވަރު ދޮންދަލޭކާ ކަނބުލޭގެފާނުގެ ޙަސަން މަނިކުފާނު (ތުއްކަލާ)އެވެ. މި ދެ ކަނބަލުންނަށް ލިބިވަޑައިގަތީ މުޙައްމަދުދީދީ (ތުއްކަލާގެދީދީ) އާއި އިބްރާހީމްދީދީއެވެ.

އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ދަރިކަނބަލުން އައްނަބީލާ ޢާއިޝަތުދީދީ (ދޮށީދީދީ)ގެ ދަރިކަލުން މުޙައްމަދުދީދީ (ތުއްކަލާދީދީ) ކައިވެނި ބެއްލެވީ ދެއްވަދޫ ގަނޑުވަރު ދޮންދަލޭކާ ކަނބުލޭގެފާނުގެ އާމިނާ މަނިކުފާނާއެވެ. މި ދެ ކަނބަލުންނަށް ލިބިވަޑައިގަތް ދަރިކަނބަލުންނަކީ ދޮންދީދީއެވެ.