ވިޔަފާރި

ލޯކަލް ޓްރާންސެކްޝަން ތަކުގައި ޑޮލަރުގެ މުއާމަލާތްތައް ހުއްޓާލަން އެމްއެމްއޭ އިން އަންގައިފި

ރާއްޖޭގެ ބޭންކުތަކުން ދޫކޮށްފައިވާ ވިސާ ކާޑުތަކުން ރާއްޖޭގައި މުއާމަލާތް ކުރަންވާނީ ދިވެހި ރުފިޔާއިން ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް އަންގައިފި އެވެ.

އެމްއެމްއޭ އިން ރާއްޖޭގެ ހުރިހާ ބޭންކަކަށް ފޮނުވާފައިވާ އިންޓާނަލް އެންގުމުގައި ބުނެފައިވަނީ އަންނަ މަހުގެ 15 އިން ފެށިގެން ރާއްޖޭގައި ނަގާފައިވާ ވިސާ ކާޑުތަކަށް ރާއްޖޭގެ އެތެރޭގެ ހުރިހާ ޓްރާންސެކްޝަންތަކެއް ހިންގަން ޖެހެނީ ދިވެހި ރުފިޔާއިން ކަމަށެވެ.

އެގޮތުން ރިސޯޓުތަކާއި ގެސްޓް ހައުސްތަކުގައި ވިސާ ކާޑުން ހިންގާ ފައިސާގެ މުއާމަލާތްތައް ވެސް ހިންގަންވާނީ ރުފިޔާއިން ކަމަށް ބުނެފައިވެއެވެ.

މަނިޓަރީ ގާނޫނު މިހާރު ބުނާ ގޮތުން ވެސް ރާއްޖޭގައި ދޫކޮށްފައިވާ ވިސާ ކާޑު ބޭނުން ކޮށްގެން ޑޮލަރުން ފައިސާއެއް ނުދެއްކޭނެއެވެ. އަދި އެމްއެމްއޭގެ މި ނިންމުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ކުންފުނިތަކަށާއި ބައެއް ރެސްޓޯރެންޓުތަކުން ވެސް ވިސާ ކާޑު ބޭނުން ކޮށްގެން ޑޮލަރުގެ ޓްރާންސެކްޝަން ތަކެއް ނުހިންގޭނެއެވެ.

ޑޮލަރުގެ ދަތިކަން ރާއްޖެ އަށް ކުރިމަތިވުމާ ގުޅިގެން ރާއްޖޭގައި ޑޮލަރު ހިފެހެއްޓުމާ ގުޅޭ ގޮތުން ސަރުކާރުން އަންނަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ޑޮލަރު ލިބޭނެ ގޮތް ހެދުމަށްޓަކައި، ސިޔާސަތުތައް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.