މިދިޔަ އަހަރު ކުޑަކުދިންނާ ގުޅޭ މައްސަލަތަކާއި ވަޒީފާގެ މާހައުލުގައި ހައްގުތައް ގެއްލުމުގެ މައްސަލަތަކާއި ބިދޭސީންގެ އަސާސީ ހައްގުތައް ގެއްލިގެން ހުށަހެޅި މައްސަލަތައް ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެޗްއާރުސީއެމުން އެގޮތަށް ބުނެފައި ވަނީ، އެ ކޮމިޝަނުގެ 2020 ވަނަ އަހަރުގެ މަސައްކަތްތަކާ ބެހޭ އަހަރީ ރިޕޯޓް ނޫސްވެރިންނާ ހިއްސާ ކުރުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައެވެ.

އެ ނިއުސް ކޮންފަރެންސްގައި ތަފްސީލު ދެއްވަމުން، ކޮމިޝަންގެ މެންބަރު ޑރ. އަހުމަދު އާދަމް އަބުދުﷲ ވިދާޅުވީ، 2020 ވަނަ އަހަރު އެ ކޮމިޝަނަށް 627 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. މިދިޔަ އަހަރު އެންމެ ގިނަ އަދަދަކަށް ހުށަހަޅާފައި ވަނީ، 16 ޕަސެންޓާއި 14 ޕަސެންޓުން ހުށަހެޅިފައިވާ، ޖަލުތަކުގެ ސިއްހީ މައްސަލަ ތަކާއި އެހެނިހެން ވެސް ޖަލުތަކާ ބެހޭ މައްސަލަަތައް ކަމަށެވެ. ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ނުވަ ޕަސެންޓު ހިމެނޭ އެންޓި ޓޯޗާގެ މައްސަލަަތައް ކަމަށްވެސް ވިދާޅުވިއެވެ.

ޑރ. އަހުމަދު އާދަމް އަބުދުﷲ އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު 2015 ވަނަ އަހަރު އެންގެ ގިނައިން ހުށަހެޅުނީ އިގްތިސާދީ އިޖުތިމާއީ ކަންކަމާ ގުޅުން ހުރި މައްސަލަތައް ކަމަށެވެ. އަދި 2016 ވަނަ އަހަރު އެންމެ ގިނައިން ހުށަހެޅިފައި ވަނީ ހައުސިންއާ ބެހޭ މައްސަލަތައް ކަމަށާއި، 2017 އާއި 2018 ވަނަ އަހަރު ހުށަހެޅިފައި ވަނީ ޖަލުތަކާއި އެންޓިޓޯޗާގެ މައްސަލަތަކެވެ.

މައްސަލަތަކަށް އައިސްފައިވާ ބަދަލުތަކުގެ ތަފްްސީލު ދެއްވަމުން ޑރ. އަހުމަދު އާދަމް އަބުދުﷲ ވިދާޅުވީ، ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތައް 53 ޕަސެންޓު އިތުރު ވެފައިވާ ކަމަށާއި، ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލަތައް 205 ޕަސެންޓް އިތުވެފައިވާ ކަމަށެވެ. އަދި ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތައް 61 ޕަސެންޓަށް އިތުރު ވެފައިވާ ކަމަށާއި، އިޖުތިމާއި އަދި އިގްތިސޯދީ ދާއިރާގެ މައްސަލަތައް 211 ޕަސެންޓް އިތުރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އޭނާ ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންގެ މައްސަލަތައް 2019 ގައި ގިނަވި ނަމަވެސް އެމައްސަލަތައް ހުސްވި 2020 ވަނަ އަހަރު މަދުވެފައިވާ ކަމަށެވެ.