ދިވެހިރާއްޖެ އަންނަން އޮތް ޖީލުތަކަށް ގެންދިއުމަށްޓަކައި، އަޅުގަނޑުމެންގެ ތާރީހާއި އަޅުގަނޑުމެންގެ ސަގާފަތާއި، އަޅުގަނޑުމެންގެ އަމިއްލަ ވަންތަ ކަމާއި އަޅުގަނޑުމެންގެ އަމިއްލަ ގޮތް ދަސްކޮށް ދަމަހައްޓައި އޭގެ މަތީގައި ސާބިތު ވުމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ގޮވާލައްވައިފިއެވެ.

މިނިސްޓަރު އިމްރާން މިކަމަށް ގޮވައިލެއްވީ، މިއަދު ފާހަގަ ކުރަމުން އަންނަ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ޓުވިޓާ މެދުވެރި ކުރައްވައި ދެއްވި މެސެޖެއްގައެވެ.

އެ މެސެޖުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، "މި މުނާސަބަތުގައި ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ހާއްސަކޮށް ދިވެހި ޒުވާނުންނަށް ގޮވާލަން ބޭނުންވޭ، އަޅުގަނޑުމެންގެ ތާރީހާއި، އަޅުގަނޑުމެންގެ ސަގާފަތާއި، އަޅުގަނޑުމެންގެ އަމިއްލަ ވަންތަ ކަމާއި، އަޅުގަނޑުމެންގެ އަމިއްލަ ގޮތް ދަސްކޮށް ދަމަހައްޓައި، އޭގެ މަތީގައި ސާބިތު ވުމަކީ އެއީ ދިވެހި ރާއްޖެ އަންނަން އޮތް ޖީލުތަކަށް ގެންދިއުމަށް އަޅުގަންޑުމެން ކުރަން ޖެހޭނެ ކަމެއް،" ކަމަށެވެ.

އެކަމުގައި ދިވެހި ތާރީހު ދަސްކޮށް ދިވެހި ތާރީހުގެ މައްޗަށް ފަހުރުވެރި ވާން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ކަންކަން ބިނާ ކުރަން ޖެހޭނީ ދިވެހި ތާރީހުގެ މައްޗަށް ކަމަށްވެސް ވިދާޅުވިއެވެ.

"އެއީ އަޅުގަނޑުމެންނަށް ތަރައްގީ އާއި ތަހުޒީބު އަންނައިރު، އަޅުގަނުޑުމެން ކުރިއެރުން ގެންނައިރުވެސް އަޅުގަނޑުމެންގެ ތެރެއިން ފިލައި ނުުގޮސް ހުންނަން ޖެހޭނެ ސިފަތަކަކީ، އަޅުގަނޑުމެންގެ ދިވެހިވަންތަ ރީތި ސިފަތައް، މާތް ވެގެންވާ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ރިވެތި އަހުލާގުގެ މަތީގައި އަޅުގަނޑުމެން ތިބެ ކުރިއަރައި ދާން ޖެހޭނީ،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ހިޖުރީ ތާރީހުން މިއަދަކީ ޝައުބާން މަހުގެ އެކެކެވެ.

ކޮންމެ އަހަރެއްގެ ޝައުބާން މަހުގެ 1 ވަނަ ދުވަސް، ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ދިވެހިގައުމަށްޓަކައި ޝަހީދުވެފައިވާ އަބްތާލުންގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

ޝަހީދުންގެ ދުވަސް ނިސްބަތް ވަނީ، އިސްލާމްދީނާއި ދިވެހި ގައުމުގެ ދިފާއުގައި ޕޯޗުގީޒުންނާ ދެކޮޅަށް ހަނގުރާމަ ކުރައްވައި، ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ އެއްވަނަ ދުވަހު ޝަހީދުވެ ވަޑައިގެންވި އަލި ރަސްގެފާނު، ނުވަތަ އައްސުލްތާން އަލީ (6ވަނަ) އަށެވެ.