(11 މާޗުގެ އަދަދާ ގުޅޭ)
ޙަޔާތުގެ ކަނޑުގެ ޠޫފާނީ ރާޅުތަކެއްގެ ސަބަބުން އެއްތަންވެވަޑައިގެންނެވި ދެ މުސާފިރުން މިހާރު ގެންދަވަނީ އެއް އޮޑިޔެއްގައި ތިއްބަވައިގެން އުދަރެހާ ދިމާޔަށް ބައްލަވަމުންނެވެ. ފެންނަ ފެނުމުގައި އެޠޫފާނީ ކޮޅިގަނޑު މިހާރުވަނީ މަޑުވެފައެވެ. ނަމަވެސް އެއީ ވަގުތީގޮތުން ވިލާގަނޑުގެ ބަނޑަށް ދަމައިލައިފައި އޮތް އޮތުމެކެވެ.
އިންޤިލާބާއެކު ޠުލައިޠުލާގެ އުދަރެސްމަތީން ފެނިލި ފަނޑު އަލިކަން އަނެއްކާވެސް ކަޅުވިލާތަކުގެ ތެރޭގައި ފޮރުވޭން ފަށައިފިއެވެ. عمــر المـتــوكّـل މައްސަލައިގެ ތެރެއަށް ވެދެވަޑައިގެންނެވުމުން އަލްފާންސޫއަށް މަޖުބޫރުވެވަޑައިގެންނެވީ ޠުލައިޠުލާއަށް ކުއްލި ޙަމަލައެއް ދެއްވުމުގެ ޚިޔާލުފުޅު ވަގުތީގޮތުން މަޑުޖައްސައިލައްވާށެވެ. އަލްފާންސޫ ޠުލައިޠުލާ ހިއްޕަވާން ކެތްތެރިކަން ކުޑަވެފައި ހުންނެވި ފަދައިން އަންދަލުސުގެ މުސްލިމުންނާ ދޭތިން އެކައްޗަށް ކުރައްވާ ހަނގުރާމަޔަކަށްޓަކައި އޭނާގެ ޢަސްކަރީބާރު ރައްކާތެރިކަމުގައި ބާއްވަވާންވެސް އޭނާ ބޭނުންފުޅުވެއެވެ. އެހެންކަމުން ޠުލައިޠުލާގެ ވެރިރަށަށް ވަގުތުން ޙަމަލަދެއްވުމަށްވުރެ ފައިދާ ބޮޑުވާނެކަމުގައި އޭނާ ބެއްލެވީ ސަރަޙައްދީ އެކިތަންތަނަށް ޙަމަލަދެއްވަމުން ހަނގުރާމަ ދިގުދަންމަވަމުން ގެންދެވުމެވެ. އެހެންކަމުން އަލްފާންސޫގެ ސިފައިން ޠުލައިޠުލާގެ އެކިސަރަޙައްދަށް އެކިފަހަރުމަތީން ޙަމަލަދެމުން ގެންދެއެވެ. يحـيى ގެ މިއްލަތު ވިއްކެވުމުގެ ސަބަބުން އަލްފާންސޫގެ ބާރުފުޅުގެ ދަށަށް ގޮސްފައިވާ ކޮންމެވެސް ސަރަޙައްދީ މަރުކަޒަކުން ޤަޞްޠިލާގެ ސިފައިން ޠުލައިޠުލާގެ ކޮންމެވެސް ރަށަކަށް ނުވަތަ އަވަށަކަށް ޙަމަލަދީ ލޫޓުވައި ހެދުމަށްފަހު ފަހަތަށް ޖެހެނީއެވެ. عمــر المـتــوكّـل އަށް މަޖުބޫރުވެވަޑައިގެންފައިވަނީ އޭނާގެ ލަޝްކަރާއި ޠުލައިޠުލާގެ ރިޟާކާރުން އެތައް ގެމަތަކަކަށް ބައްސަވައިފައި ސަރަޙައްދުގެ އެކިދިމަދިމާޔަށް އެކިއެކި ދިފާޢީ މަރުކަޒުތައް ޙިމާޔަތްކުރައްވާން ފޮނުއްވާށެވެ.
އެއްރެޔަކު ވަރަށް ލަސްވީއިރުވެސް أحمد ގެޔަކަށް ވަޑައެއް ނުގަންނަވައެވެ. شيـخ أبــو يـعـقــوب ވަރަށް ގިނައިރުވަންދެން އިންތިޒާރު ކުރެއްވުމަށްފަހު ފަރީއްކުޅުއްވައިގެން އަރާމުކުރައްވާން އޭނާގެ ކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. طـاهـــرة ގޭގެ މަތީބުރީގައި ހުންނަ އޭނާގެ ކޮޓަރީގައި أحمد ގެ އިންތިޒާރުގައި އިންނެވިއެވެ. ގޯޅިތެރެއިން މީހެއްގެ ފައިހިލަވަޅުވާއިރަށް طـاهـــرة ކުޑަދޮރުން ބޭރުބައްލަވައިލައްވައެވެ. ގޯޅިތެރެއިން ކުއްލިޔަކަށް އަހެއްގެ ފިޔަވަޅުގެ އަޑު އިވިވަޑައިގެންފިއެވެ. طـاهـــرة ބައްލަވައިލެއްވިއިރު أحمد ގެޔަށް ވަޑައިގެންނެވީއެވެ.
أحمد އަސްމަތީގައި ގެއަށް ވަޑައިގެންނެވުމަކީ ވަރަށް އާދަޔާ ޚިލާފު ކަމެކެވެ. أحمد އަސްމަތީގައި ދޮރޯށްޓާ ވަޑައިގެންނެވުމާއެކު طـاهـــرة އަވަސްއަވަހަށް ތިރިޔަށް ފައިބައިވަޑައިގެން ދޮރޯށި ހުޅުއްވައިލައްވައިފިއެވެ.
"طـاهـــرة! ކަލާ އަދިވެސް ތިޔައިންނެވީ ހޭފުޅުލައްވައިތޯ؟" أحمد އަސްމަތީން ފައިބައިވަޑައިގަންނަވަމުން ވިދާޅުވިއެވެ.
طـاهـــرة ޖަވާބު ދެއްވިއެވެ. "އަޅުގަނޑުގެ ގާތަށް ނިދިއަތުވެދާނެއޭ ހީފުޅުވީ ކީއްވެގެންތޯ؟"
أحمد އަހުގެ ލަގަނުގައި ހިއްޕަވައިގެން ދޮރޯށީން ވެދެވަޑައިގެން ވިދާޅުވިއެވެ. "ބައްލަވާ! އަޅުގަނޑު މިރޭ މިއައީ އަޅުގަނޑާއެކު މެހުމާނަކުވެސް ގޮވައިގެން."
"މި މެހުމާނު މިއައީ ވަރަށް ނުވަގުތެއްގައި. އޭނާ އަންނާނެކަން އަޅުގަނޑަށް އެނގިފައި އޮތްނަމަ ބެހެއްޓީހީ އޭނާއަށް ހުރެވޭނެގޮތާއި ކެވޭނެގޮތްވެސް ހަމަޖައްސައިފައި. ދެއްވާ އަޅުގަނޑުގެ އަތަށް ކޮންމެވެސް ތަނަކު ބަނދެލަފާނަން."
"ނޫން. އޭނާ މިތާނގައި އޮތަދެއްވާ!" أحمد އަހުގެ ލަގަން ނަންގަވައިފިއެވެ. އަސްދާނުގޮނޑީގައި އަޅުވައިފައި އޮތް ގޮވާންކޮތަޅު ނަންގަވައިފައި އަހުގެ އަނގަޔަށް ލައިދެއްވައިފިއެވެ.
طـاهـــرة ދޮރޯށީގެ ތަންޑު އަޅުއްވަމުން ވިދާޅުވިއެވެ. "އަހުގެ ފައިލާތަނެއް ނުނަންގަވާނުތޯ؟"
"އާދެ!"
طـاهـــرة ގެ ހިތްޕުޅުގައި ސުވާލުތަކެއް އުފެދިގެންފިއެވެ. އެހެންނަމަވެސް އޭނާއަށް އެއްވެސް އެއްޗެކޭ ވިދާޅުވާކަށެއް ކެރިވަޑައެއް ނުގެންނެވިއެވެ. أحمد ފަރީއްކުޅުއްވާ ކޮޓަރީގައި ބައިންދަވައިފައި طـاهـــرة ވަޑައިގެން ފަރީއްކޮޅު ގެންނަވައިފިއެވެ. ދެބޭފުޅުން ސުފުރާގައި އިށީނދެވަޑައިގެންފިއެވެ. أحمد ފަރީއްކުޅުއްވަނީ އާދަޔާ ޚިލާފަށް ވަރަށް ލަސްލަހުންނެވެ. طـاهـــرة ސުވާލު ކުރެއްވިއެވެ. "މިރޭ ކަލާ ފަރީއްނުކުޅުއްވަނީ ކީއްވެގެންތޯ؟"
أحمد ވިދާޅުވިއެވެ. "ޙަޤީޤަތުގައި މިރޭ އަޅުގަނޑު މިއައީ ކޮމާންޑަރ އިން ޗީފް މަޖުބޫރު ކުރައްވައިގެން އޭނާގެ އަރިހުގައި ކައިގެން. ކަލާގެ އަރިހުގައި ސުފުރާގައި ބައިވެރިވުމަށްޓަކައި ބަނޑުގައި ހުސްތަންކޮޅެއް ބެހެއްޓީ."
طـاهـــرة ކުރީއްސުރެވަނީ ފަރީއްކުޅުއްވާ ހިތްޕުޅު ކެނޑިފައެވެ. އެހެންކަމުން ދެބޭފުޅުންވެސް ސުފުރާކޮޅުން ތެދުވެވަޑައިގެން މަތީބުރީގެ ކޮޓަރިޔަށް ވަޑައިގެންފިއެވެ. ދެބޭފުޅުން ކައިރިކައިރީގައިހުރި ދެގޮނޑީގައި އިށީނދެވަޑައިގެންފިއެވެ. أحمد ކަންބޮޑުވެވަޑައިގެން އިންނަވައި އޭނާގެ ޙަޔާތްޕުޅުގެ ބައިވެރިޔާއާ ދިމާޔަށް ބައްލަވަމުން ގެންދަވަނީއެވެ. طـاهـــرة ވިދާޅުވިއެވެ. "ކަލާ ކަންބޮޑުވެވަޑައިގަންނަވަނީ ކީއްވެގެންތޯ؟ ކަލާ ކޮންމެވެސް ތަނަކަށް ވަޑައިގަންނަވާ ވާހަކަ ވިދާޅުވިކަމުގައިވިޔަސް އެވާހަކަ އަޑުއަހާން އަޅުގަނޑު މިއިނީ ތައްޔާރަށް.
ކަލާ އަސްމަތީގައި ގެއަށް ވަޑައިގެންނެވުމުންވެސް އަޅުގަނޑަށް އެކަން ވިސްނިއްޖެ. "طـاهـــرة ހިނިތުންވެވަޑައިގަންނަވަނީއެވެ. ނަމަވެސް އެހިނިތުންވެވަޑައިގަތުން أحمد އަށް އިޙުސާސް ކުރެއްވުނީ ކަރުނައާއި ގިސްލެއްވުމަށްވުރެވެސް ވޭނީގޮތެއްގައެވެ. أحمد ވިދާޅުވިއެވެ. އަޅުގަނޑު މިދަނީ އުތުރު ސަރަޙައްދުގެ ވަރަށް މުހިއްމު ރަށެއް ޙިމާޔަތްކުރާން ރިޟާކާރުންގެ ގެމަތަކެއް ގޮވައިގެން. އެރަށަށް ދުޝްމިނުންގެ ބާރު ބޮޑުވަމުންދާކަން އަޅުގަނޑުމެންނަށް އެނގުނީ މިއަދު ހަވީރު."
طـاهـــرة ސުވާލުކުރެއްވިއެވެ. "ކަލާ ފުރައިވަޑައިގަންނަވަނީ ކޮންއިރަކުތޯ؟"
"އަޅުގަނޑުމެން މުޢަސްކަރުން ދަތުރު ފަށާނީ މިރޭ ފަތިސްމެންދަމު. އެކަމަކު މުޢަސްކަރުގައި އަޅުގަނޑު ކުރާންހުރި ވަރަށްގިނަ މަސައްކަތް އެބަހުރި. އެހެންކަމުން އަޅުގަނޑު ވަރަށް އަވަހަށް މުޢަސްކަރަށް ދާންޖެހޭ!"
ދެބޭފުޅުން އިރުކޮޅެއްވަންދެން ހިމޭނުން ތިއްބެވުމަށްފަހު أحمد ވިދާޅުވިއެވެ. "طـاهـــرة އަޅުގަނޑުމެންނަށް ލޯހުޅުވައިމިލެވުނީ ޠޫފާންތަކުގެ އުނގުގައި. އެޠޫފާނުގެ ބިޔަ ރާޅުތަކާއި ވަރުގަދަ ފަކޫތަކަކީ އަޅުގަނޑުމެންގެ ވާރުތަ. އޭގެ އެތިއެތިފަހަރު ތަޙައްމަލުކުރަން އާދަކުރުން ނޫންގޮތެއް އަޅުގަނޑުމެންނަކަށެއް ނެތް. އަޅުގަނޑުމެންނަށް ލިބޭންއޮތީ އެންމެ ހިތްހަމަޖެހުމެއް. އެންމެ އުފަލެއް. އެއީ ވަރުގަދަ ހިތްވަރަކާއި ޖޯޝަކާއެކު މިނިވަންކަމުގެ ފަތިހަކަށް އިންތިޒާރު ކުރުން. މި ޠޫފާނުން ސަލާމަތްވެވޭނެ ދުވަހަކަށް ބަލަބަލައި ތިބުން. އަޅުގަނޑުގެ ބައްޕާފުޅު ޖަލުގެ އަނދިރި ކޮޓަރިތަކުގައި އެތައް އަހަރުތަކެއް ވަންދެން އިންތިޒާރު ކުރައްވައިފައިވަނީ އެދުވަހަކަށް. އަޅުގަނޑުގެ ބޭބެ އެފުރިކާގެ ހޫނުގަދަ ހަނަފަސް ސަހަރާގައި ރަތްދަކަ އަވީގައި އެ އިންތިޒާރު ކުރައްވަނީ އެފަތިހަށް. އަޅުގަނޑުގެ ކޮއްކޮ އެދުވަހުގެ އިންތިޒާރުގައި ސަރުޤިސްޠާގެ ކިއްލާއެއްގައި ފޯރި މަރުއްވަނީ! طـاهـــرة! އަޅުގަނޑު މިދަނީ ކަލާއާ ވަކިވެގެން. އެކަމަކު އަޅުގަނޑުގެ ދުނިޔެ އާބާދުވެ އުޖާލާވެގެންވާނީ ކަލާގެ ހަނދާންތަކުން. އަޅުގަނޑުގެ މޭގައި ދިއްލިފައިވާ ކަލާގެ ލޯބީގެ ބައްތި ތާއަބަދަށް ވިދައި ބަބުޅަމުންދާނެ. طـاهـــرة! ކަލާއަކީ ޝާޢިރެއްގެ ހުވަފެނެއް. ހަމައެކަނި އެންމެ ޝާޢިރެއްގެ ހުވަފެނެއް ނޫނީމު. އަދި ކީއްތޯ؟ ދުނިޔޭގެ ހުރިހައި ކަންކޮޅުތަކެއްގެ ހުރިހާ ޝާޢިރުންނާއި ކުރެހުންތެރީން އެތަކެއްހާސް އަހަރެއްގެ ކުރީއްސުރެ އަންނަނީ ހުވަފެންތަކެއް ދެކެމުން. ކަލާއަކީ އެހުރިހައި އެންމެންގެ ގުނައި އަދަދު ނުކުރެވޭހައި ގިނަ ހުވަފެންތަކުގެ ތަޢުބީރު!..... އަންދަލުސަކީ ކުޑަކުޑަ ޖަޒީރާއެއްކަމުގައި ވެފައި އެ ޖަޒީރާގައިވަނީ ހަމައެކަނި ކަލާ ކަމުގައިވީނަމަ އަޅުގަނޑު އެކަނިމާއެކަނި ދުނިޔޭގެ ހުރިހައި ޠޫފާންތަކަކާ ކުރިމަތިލީމުސް. އަޅުގަނޑު ބުނީމުސް މިއީ އަޅުގަނޑުގެ طـاهـــرة ގެ އަންދަލުސެވެ. އަޅުގަނޑު އެ އަންދަލުސު ދިފާޢުކޮށް ޙިމާޔަތްކުރީމުސް..... އެކަމަކު މިއަދު އަޅުގަނޑުގެ ޤައުމުގެ ކޮންމެ ޒުވާނަކު އިޙުސާސުކުރަމުން ގެންދަނީ އެމީހެއްގެ ހުވަފެންތަކުގެ طـاهـــرة ގެ ޢިއްޒަތާއި މިނިވަންކަންވަނީ ނުރައްކަލަށް ހުރަހެޅިފައިކަން. އަޅުގަނޑުގެ ހިތަށްއަރާ ނަޞާރާއިން މިހާރު ވަށައިލައިގެން އެއުޅޭ ރަށުގައި ކިތަކެއް طـاهـــرة ތިބޭނެބާވައޭ. ކިތައް أحمـد އުޅޭނެބާވައޭ. طـاهـــرة! އަޅުގަނޑު މިދަނީ! އަންދަލުސުގެ ކޮންމެ أحمـد އަކު އެމީހެއްގެ طـاهـــرة ގެ ގާތުގައި އަންދަލުސު މިނިވަންވެއްޖެއޭ. އެއްވެސް ޠޫފާނެއްގެ ރާޅުތަކަކަށް އަހަރެމެން އެކަކު އަނެކަކާ ވަތްކެއް ނުކުރެވޭނެއޭ ބުނާނެ ދުވަހަކަށް އިންތިޒާރު ކުރައްވާ!"
أحمـد ގެންދެވީ ހުއްޓައިނުލައްވައި ވާހަކަ ދައްކަވަމުންނެވެ. طـاهـــرة، أحمـد އާ ދިމާޔަށް ބައްލަވާން އިންނެވިއެވެ. طـاهـــرة ގެ ލޯފުޅު ދިޔައީ މަޑުމަޑުން ކަރުނަފޮދުން ފުރެމުންނެވެ. أحمـد ވިދާޅުވިއެވެ. "އަޅުގަނޑަކަށް ކަލާގެ ލޯފުޅުން ކަރުނަފޮދު ދެކޭކަށެއް ކުޅަދާނައެއް ނޫން."
طـاهـــرة ކަރުނަފޮދު ފޮއްސަވަމުން ވިދާޅުވިއެވެ. މިއީ އަޅުގަނޑުގެ ޤައުމުގެ ހުރިހައި طـاهـــرة އިންގެ ފަރާތުން ކަލާއަށް ވެދުންކުރާ ޝުކުރުވެރިކަމުގެ ހަދިޔާ."
أحمـد ވިދާޅުވިއެވެ. "ކަލާގެ އަރިހުގައި އިންނައިރު އަޅުގަނޑަކަށް ވަގުތުދާގޮތެއް އިޙުސާސެއް ނުވޭ. މުޢަސްކަރުގައި އަޅުގަނޑަށް އިންތިޒާރު ކުރަމުން ގެންދާނެ. ކަލާގެ ބައްޕާފުޅު އަވަހާރަފުޅުގައި އޮންނަވަނިކޮށް ދަންނަވައި ހޭފުޅުލެއްވުމަކީ ރަނގަޅުކަމެއް ނޫން. ބައްޕާފުޅަށް އަޅުގަނޑުގެ ވެދުން ވިދާޅުވެދެއްވާތި!"
ދެބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅެއްގެ އަތްތިލަފުޅުގައި ހިފަހައްޓަވައިގެން ތިއްބަވައި ތިރިޔަށް ފައިބައިވަޑައިގަންނަވާން ފައްޓަވައިފިއެވެ. އިރުކޮޅެއްގެފަހުން طـاهـــرة ހުންނެވީ ދޮރޯށީގެ ބޭރުގައެވެ. އޭނާގެ ޙަޔާތްޕުޅުގެ ބައިވެރިޔާގެ ސަލާމަތަށް އެދިވަޑައިގެން ދުޢާކުރައްވަނީއެވެ.
* * * * * * * * * * *
أحمد بـن عبـدالمـنعــم ތިންމަސްދުވަސް ފަހުން ދުވަސްކޮޅަކަށް އެނބުރި ގެއަށް ވަޑައިގެންނެވިއެވެ. ދުވަސްކޮޅެއްކޮށްލައްވައިފައި އޭނާ އަނެއްކާވެސް ކޮންމެވެސް މައިދާނަކަށް ވަޑައިގެންފިއެވެ. ދެމަހެއްހައިދުވަސް ފާއިތުވީތަނާ އަލްފާންސޫގެ ޖަނަރަލެއް ފަސްހާސް ސިފައިން ގޮވައިގެން އިރުމަތީ ސަރަޙައްދަށް ޙަމަލަދީފިއެވެ. އޭނާ ނުހަނު ހަލުއިކަމާއެކު ކުރިއަރަމުން ޠުލައިޠުލާއާ ތިރީސްމޭލާ ހަމައަށް ކައިރިޔަށް އަތުވެއްޖެއެވެ. ބިޠުލިޔޫސުގެ ލަޝްކަރުގެ ސިފައިންގެ ގިނަ ގެމަތަކާއި ރިޟާކާރުންގެ ގެމަތައްހުރީ އެހެނިހެން މައިދާންތަކަށް ވިއްސިވިހާލިވެފައެވެ. އެހެންކަމުން އަލަށް ކުރިމަތިވި ޙަމަލައިން ރަށް ދިފާޢުކުރުމަށްޓަކައި މައިދާނަށް ނުކުންނާންޖެހުނީ ޠުލައިޠުލާގެ އާންމުންނަށެވެ. ޠުލައިޠުލާގެ މީހުން ވަރަށް ވަރުގަދަ ކުރިމަތިލުންތަކަކަށްފަހު ނަޞާރާއިން ތަޅައި ރޯނާގަންނަވައި ފައްސައިލިއެވެ. ނަމަވެސް އެޙަމަލައިގައި ޠުލައިޠުލާގެ ރައްޔިތުންގެ ދެހާސް މީހުން ޝަހީދުވިއެވެ. شيـخ أبــو يـعـقــوب ވެސް ވަނީ އެ ހަނގުރާމައިގައި ޝަހީދުވެފައެވެ. އެކަމަކު އޭގެފަހުން ނަޞާރާއިން ގެންދިޔައީ އެއްފަހަރާ އެތައްމައިދާނަކުން ޠުލައިޠުލާއަށް ޙަމަލަދެމުންނެވެ. أحمـد އަށް ޠުލައިޠުލާއަށް ވަޑައިގަންނަވާނެ ފުރުސަތެއް ލިބިވަޑައިނުގެންވަނީ ދެމަސްދުވަސް ފާއިތުވެފައެވެ.
ކުއްލިޔަކަށް އަންދަލުސުގެ ޙާލަތު އެހެންގޮތަކަށް ބަދަލުވެއްޖެއެވެ. އަލްފާންސޫ ޠުލައިޠުލާގެ ބަދަލުގައި އެހެން މިސުރާބަކަށް އޭނާގެ ސަމާލުކަން ބަދަލުކޮށްލައްވައިފިއެވެ. އަލްފާންސޫގެ އާދަޔަކީ އޭނާގެ ހަނގުރާމައިގެ ޚަރަދުތައް އޭނާގެ ޑޯލާ ރަސްރަސްކަލުންގެ އަތްޕުޅުން އަތުލެއްވުމެވެ. އިޝްބީލިއްޔާގެ އާއްމުންގެ ބަދުނަސީބަކީ މުލޫކުއްޠަވާއިފުންގެ ތެރެއިން އެންމެ މުއްސަނދި ބޭފުޅަކީ معـتـمـد ކަމުގައި އަލްފާންސޫ ޔަގީންކުރައްވާ ކަމެވެ. معـتـمـد ގެ ޢައްޔާޝީ ޚަރަދުތަކާއި ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ އަލްފާންސޫގެ ހުށަހެޅުއްވުންތަކުގެ ސަބަބުން معـتـمـد ގެ ޚަޒާނާ ކުރީއްސުރެވަނީ ހުސްވެފައެވެ. ޖިޒީގެ ގޮތުގައި ވަރަށްގިނަ އަދަދެއްގެ ފައިސާ ދެއްވާން އަލްފާންސޫ معـتـمـد ގެ އަރިހުން އެދިވަޑައިގެންފިއެވެ. ރައްޔިތުން އަތުން އިތުރަށް އެތައް ޓެކުސްތަކެއް ނަންގަވައިގެންވެސް معـتـمـد އަށް އެ އަދަދު ހަމަކޮށެއް ނުދެއްވެވުނެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު