އަންނަ އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިިހާބުގެ ކެމްޕެއިނަށް ރަށްރަށަށް ދާއިރު، ކަރަންޓީނުވާން ނުޖެހޭ ގޮތަށް އުސޫލަށް ގެނައި އިސްލާހު އުވާލައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އާންމުކުރި ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގައިވާ ގޮތުން ކެމްޕެއިނަށް ރަށްރަށަށް ދަތުރުކުރާ މީހުން 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަން ޖެހެއެވެ.

ނަމަވެސް އެޗްޕީއޭ އިން އިއްޔެ ވަނީ ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގައި ކެމްޕެއިނަށް ރަށްރަށަށް ދެވޭ މާއްދާ އިސްލާހުކޮށްފަ އެވެ.

އެ އިސްލާހުގައި ވަނީ އެ އޭޖެންސީން ކަނޑައަޅައި އާންމުކުރާ ހާއްސަ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ތާއީދު ހޯދުމާއި ކެމްޕޭނުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކަރަންޓީން ނުވެ، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ ކަމަށެވެ.

ނަމަވެސް އެ ބަދަލާއެކު އާންމުންގެ ގިނަ ބައެއް ފާޑު ކިޔުންތައް އަމާޒުވުމާ ގުޅިގެން އެޗްޕީއޭ އިން މިރޭ ވަނީ އެ އިސްލާހު އުވާލައިފައެވެ. އެގޮތަށް ނިންމާފައިވަނީ އެ އުސޫލާމެދު ރައްޔިތުންގެ ހުރި ގިނަ ކަންބޮޑުވުންތަކާ ގުޅިގެން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެހެންކަމުން ދެން ކެމްޕެއިން ހަރަކާތްތަކަށް ކެނޑިޑޭޓުންނަށް ރަށްރަށަށް ދެވޭނީ 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަންޖެހޭ ގޮތަށެވެ.

ގާނޫނު ބުނާ ގޮތުން ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ދޭން ޖެހެއެވެ. އަދި އެންމެ މަދުވެގެން 28 ދުވަސް އެކަމަށް ދޭން ޖެހެއެވެ.

އެޗްޕީއޭ އިން އެގޮތަށް ލުއި ދީފައިވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާސާތަކުގެ ކޮމެޓީގައި އުސޫލު އޮތް ގޮތުން ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ލިބިގެން ނުދާނެ ކަމަށް ވިދާޅުވެ، އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައި ވަނިކޮށެވެ.

މީގެ އިތުރުން ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ސިޔާސީ ޕާޓީތަކަށް، ހާއްސަކޮށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީއަށް ލިބިގެން ނުދާކަމަށް ބުނެ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.