މާލެ ސިޓީން އެއްލައްކައަށްވުރެ ގިނަ މީހުން ކޮވިޑުން ދިފައުވުމަށް ވެކްސިން ޖަހައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް ޖުމުލަ 186،930 މީހަކު ވެކްސިން ޖަހާފައިވާ ކަމަށެވެ. އެ މީހުންގެ ތެރެއިން މާލެއިން 105،836 މީހަކު އަދި އަތޮޅުތެރެއިން 81،094 މީހަކު ވެކްސިން ޖަހާފައިވެއެވެ.
ރާއްޖޭގައި އިއްޔެ ވެކްސިން ޖެހި 11،474 މީހުންނެވެ. އެއީ އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ މީހުން ވެކްސިން ޖެހި ދުވަހެވެ. އިއްޔެ ވެކްސިން ޖެހި މީހުންގެ ތެރެއިން 6،015 މީހަކު ވެކްސިން ޖަހާފައިވަނީ މާލެއިންނެވެ. އަދި އަތޮޅުތެރެއިން 5،459 މީހަކު ވެކްސިން ޖެހިއެވެ.
މާލޭ ސަރަހައްދުން ވެކްސިން ދެނީ އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ސެނަހިޔާ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ފުލޫ ކުލިނިކުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުން ވެސް މިހާރު ދަނީ ވެކްސިން ޖަހައިދެމުންނެވެ.
ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 200،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ.
އެ ވެކްސިންގެ އިތުރުން ރާއްޖެއަށް ވަނީ 10،000 ޑޯޒްގެ ސައިނޯފާމް ވެކްސިން ގެނެސްފައެވެ. އަދި ޗައިނާ އިން ވެސް ރާއްޖެއަށް 200،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު