އަންނަ އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިިހާބަށް އަލުން ހުޅުވާލަން ހައި ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބެލުމުގެ އިހުތިސާސް އެކޯޓަށް ނެތް ކަމަށް ބުނެ ހައި ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ޖެހޭނެ ކަމަށް ލޯކަލް ކައުންސިލް ގާނޫނުގައި ބުނެފައިވާ އިންތިހާބު، ކޮވިޑާ ގުޅިގެން އެކި ފަހަރުމަތިން ފަސްކުރުމަށްފަހު މިހާރު ބާއްވަން ނިންމާފައިވަނީ އޭޕްރީލް 10 ވަނަ ދުވަހު އެވެ.

ނަމަވެސް އިންތިހާބު ބާއްވަން ނިންމާފައިވަނީ އިންތިހާބަށް އަލުން ހުލުވާލުމަކާ ނުލައި، 2020 ވަނަ އަހަރުގެ އޭޕްރީލް ހަތަރެއްގައި ބާއްވަން އޮތް އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ މެދުގައެވެ. އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ޝަކުވާ ކޮށްފައެެވެ.

އެ ފަރާތްތަކުން ބުނެފައިވަނީ އިންތިހާބަށް ކުރިމަތިލިތާ އަހަރެއް ފަހުން އިންތިހާބު ބާއްވާއިރު، ކުރިމަތިލި ބައެއް ފަރާތްތަކަށް ބަދަލުތައް އައިސްފައިވުމާއި ބައެއް ކެނޑިޑޭޓުުން މަރުވެ، ގިނަ ކެނޑިޓުންތަކެއް ނަން ގެންގޮސްފައިވުމާއި އަލަށް ވޯޓުލާން އެތައް ބައެއްގެ އުމުރު ހަމަވެ ވޯޓުލުމުގެ ޝަރުތު ހަމަވުމާ ގުޅިގެން އިންތިހާބު ބާއްވަން ޖެހޭނީ އެކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިގެން ކަމަށެވެ.

އެހެންކަމުން ހައިކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކީ، މިދިޔަ އަހަރު ކުރިމަތިލާފައިވާ ކެނޑިޑޭޓުން ނޫން ބަޔަކަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގައި ހިމަނާފައިވާ މާއްދާ ބާތިލު ކުރަން ހުށަހަޅާފައިވާ މައްސަލައެކެވެ. އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ ތ. ކަނޑޫދޫ/ މެނީލާ، މުހައްމަދު ތަސްލީމެވެ.

އެ މައްްސަލަ ބެލުމަށްފަހު ހައި ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ، ކޯޓުތަކުގެ ގާނޫނުގެ ދަށުން ދުސްތޫރީ މައްސަލަަތައް ބެލުމުގެ ބާރު އެ ކޯޓަށް ލިބިފައިވީ ނަމަވެސް، އެ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން، ގައުމުގެ އާންމު މަސްލަހަތާ ގުޅުން ހުރި ދުސްތޫރީ މައްސަލަތައް ބެލުމުގެ ބާރު އޮތީ ސުޕްރީމް ކޯޓަށް އެކަނި ކަމަށެވެ. އަދި އެ މައްސަލައަށާއި ގައުމުގެ ހާލަތު އޮތް ގޮތަށް ބަލާއިރު އެއީ ގައުމުގެ އާންމު މަސްލަހަތާ ގުޅުމެއް ނެތް މައްސަލައެއް ކަމަށް ނުބެލެވޭ ކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ.

އެ މައްސަލަ މީގެ ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެއީ އެ ކޯޓުގެ އަސްލީ އިިހުތިސާސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށް ނިންމި ނަމަވެސް، އެއީ ގައުމުގެ އާންމު މަސްލަހަތާ ގުުޅުން ހުރި މައްސަލައެއް ނޫން ކަމަށް އެ ކޯޓުން ނިންމާފައިނުވާ ކަމަށާއި އަދި ހައި ކޯޓުގެ ގަވާއިދު އޮތް ގޮތުން ވެސް ދުސްތޫރީ މައްސަލަތަކުގެ ތެރެއިން އެ ކޯޓަށް ބެލޭނީ ސުޕްރީމް ކޯޓުގެ އަސްލީ އިހުތިސާސް ލިބިފައިވާ މައްސަލަތައް ނޫން މައްސަލަތައް ކަމަށް ވެސް ހުކުމުގައިވެ އެވެ.

ހުކުމުގައި އިތުރަށް ބުނީ، މި މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގެ ދަށުން ހައި ކޯޓަށް ކޯޓަށް ބެލޭނެ ދުސްތޫރީ މައްސަލައަކަށް ނުވާތީ އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް އެ މައްސަލަަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރާ ކަމަށެވެ.