އަމިއްލަ ރައްކާތެރިކަން ކުރިއެރުވުމަށް ޓައިވާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެމެރިކާއިން ބުނެފި އެވެ.
އެމެރިކާ އިން މިހެން ބުނެފައިވާއިރު، ޓައިވާނުގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ދަނީ އިތުރުވަމުންނެވެ. އެގޮތުން ޓައިވާނަކީ އެ ގައުމުން ވަކިވެފައިވާ ޕްރޮވިންސެއްގެ ގޮތުގައި ޗައިނާއިން ދެކޭއިރު، ޓައިވާނުން ދެކެނީ އެއީ މިނިވަން ދައުލަތެއްގެ ގޮތުގަ އެވެ. އެކަމާ ޗައިނާ އިން ދެކޮޅެވެ.
އެކަމަށް ތާއީދުކޮށް އެމެރިކާ އިން އަންނަނީ 1979 ވަނަ އަހަރުން ފެށިގެން "ވަން ޗައިނާ ޕޮލިސީ" ދަމަހައްޓަމުންނެވެ. މި ސިޔާސަތުގެ ދަށުން އެމެރިކާ އިން ރަސްމީ ގުޅުން އޮންނަން ޖެހޭނީ ޓައިވާނުގެ ބަދަލުގައި ޗައިނާއާ އެވެ. ނަމަވެސް ހަމަ އެ އަހަރު އެމެރިކާގެ ކޮންގުރެސް އިން ފާސްކުރި ޓައިވާން ރިލޭޝަންސް ގާނޫނުން، ޓައިވާނުގެ ޑިފެންސްގެ ގާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއަކަށް ހުރަހެއް ނެތެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ސާކީ އިއްޔެ ވިދާޅުވީ، ޓައިވާނާ ދޭތެރޭ އެމެރިކާއިން ދެކޭ ގޮތް ވަރަށް ސާފު ކަމަށާއި އެމެރިކާގެ ރަހުމަތްތެރިންނާއި އެކުގައި މަސައްކަތްކުރާ ގައުމުތަކުގެ ވިޔަފާރި އާއި ސެކިއުރިޓީ އަދި ދެކޭގޮތް ކުރިއެރުުވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އަދި އިންޑޯ ޕެސިފިކް ސަރަހައްދުގައި ވެސް އެމެރިކާގެ ނިންމުން ބަދަލު ނުވާ ކަމަށާއި އެގޮތުން އަމިއްލައަށް ދިފާއުވުމުގެ ގާބިލުކަން އިތުރުކުރުމަށް ޓައިވާނަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޖެން ސާކީ ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު