(8 މާޗުގެ އަދަދާ ގުޅޭ)
أحمد ވިދާޅުވިއެވެ. "ބައްޕާފުޅާ! އަޅުގަނޑުމެން މިކުރާ ކަމަކީ މުޅި އަންދަލުސަށް އާއްމުވެގެން އަންނަ ޠޫފާނެއް ހުއްޓުވަން ތަންތަންކޮޅުގައި ވަގުތީ ތޮށިގަނޑުގަނޑު ލަނީ. އަންދަލުސުގެ ހުރިހައި މުސްލިމުންގެ އިޖުތިމާޢީ ހަކަތައާއި ބުންވަރު އެކުގައި ބޭނުންކޮށްގެން މެނުވީ އަޅުގަނޑުމެންނަކަށް މި ޠޫފާނަކަށް ހުއްޓުމެއް އަރުވައެއް ނުލެވޭނެ. މި ޠޫފާނުގެ މިސުރާބު ބަދަލުކޮށެއްވެސް ނުލެވޭނެ. އަޅުގަނޑަށް ޔަގީން އަޅުގަނޑުމެން މިކުރާ މަސައްކަތުން قـاضى أبـو جـعـفـر އަށާއި އެކަލޭގެފާނުގެ އެކުވެރީންނަށް އާއްމުން ހޭލުންތެރިކުރެއްވުމުގެ މަސައްކަތްޕުޅަށް ފުރުސަތު ހޯދައިދެވޭނެ. ބައްޕާފުޅުގެ ދިރިއުޅުއްވުމުން އަޅުގަނޑުމެން ހޯދި ފިލާވަޅަކީ މުއުމިނެއްގެ ޤުރުބާނީއަކީ ގެއްލިގެންދާނޭ އެއްޗެއް ނޫންކަން. މީގެ އަހަރުތަކެއްގެ ކުރީން ބައްޕާފުޅު އުފުލައިލެއްވި އަޑުފުޅު މިހާރު މިވަނީ އެތައް ލައްކަ ބައެއްގެ އަޑު ކަމުގައިވެފައި. މުލޫކުއްޠަވާއިފުން އަޅުވެތިކަމުގެ ކަސްތޮޅުއެޅުއްވި އަތްތައްވެސް މިހާރު ޙަރަކާތްކުރެވޭން ފަށައިފި. بـنــو ذوالـنـّون ގެ ދުވަސް ހިނގައްޖެ. އިޝްބީލިއްޔާގައި معـتـمـد ވެރިކަމުގެ ދުވަސްތައްވެސް މިހާރު އެދަނީ ގުނެމުން. އަންދަލުސުގައި ދެން ތިއްބެވި މުލޫކުއްޠަވާއިފުންވެސް އިޞްލާޙުވެވަޑައިނުގެންފިނަމަ މާގިނަދުވަހަކު އާއްމުންނަކަށް ކެއްސެއް ނުދެއްވޭނެ. މިހާރު ދެން ކުރާންޖެހޭނެހައިވެސް ކަމަކީ އާއްމުން ގުޅިފައިވާ އެއްމައިދާނަކަށް ނެރުން. ޠުލައިޠުލާއަށް އަޅުގަނޑު ބޭނުންވާހައި ހިނދަކު އަޅުގަނޑު ހުންނާނީ ޠުލައިޠުލާގައި. ބައްޕާފުޅު ޣަރުނާޠާއަށް ވަޑައިގެންނެވުނުހައި އަވަހަކަށް
قـاضى أبـو جـعـفـر އާ ބައްދަލުކުރައްވާތި! އަޅުގަނޑަށް ޔަގީން قـاضى أبـو جـعـفـر އާ ގުޅިވަޑައިގެން ބައްޕާފުޅަށް ލައްކަ މަސައްކަތްޕުޅު ކުރެއްވޭނެ. ބައްޕާފުޅު قـاضى أبـو جـعـفـر ދެނެވަޑައިގަންނަވަމު ދޮގެއްތޯ؟"
عبـدالمـنعــم އިންނެވީ ހިމޭނުންނެވެ. އޭނާ މަޑުމަޑުން އިންނަވައިގެން أحمد ގެ ވާހަކަފުޅު އަޑުއައްސަވަމުން ގެންދަވަނީއެވެ. އޭނާގެ މޫނުފުޅުމަތީގައި ހިނިތުންވެވަޑައިގެންނެވުމެއް ކުޅެލަކުޅެލައި ހުއްޓެވެ. عبـدالمـنعــم ގެ ހިނިތުންވެވަޑައިގެންނެވުމާހުރެ ކަންބޮޑުވެވަޑައިގެން أحمد ވިދާޅުވިއެވެ. "ބައްޕާފުޅާ! އަޅުގަނޑަށް މާފުކުރައްވާ! ބައްޕާފުޅު ހައްދަވަންވީ ގޮތަކާމެދު އަޅުގަނޑަކަށް މަޝްވަރާއެއް ނޭރުވޭނެ. އަޅުގަނޑަކީ ވަރަށް ބަސްގިނަ މީހެއް!"
عبـدالمـنعــم ވިދާޅުވިއެވެ. "ދަރިފުޅާ! ދަރިފުޅުގެ މަންމަގެ ތަރުބިޔަތުގެ ސަބަބުން سعد އާއި حسن އާ ދެބެއިންވެސް ދަރިފުޅުހައި ބަސްގިނަ ދެކުދީން ކަމުގައި ވެފައިވާނަމަ ބައްޕަގެ އުމުރުގެ ވަރަށްގިނަ ދުވަސްތަކެއް ޖަލުގެ އަނދިރި ކޮޓަރިތަކުގައި ހޭދަކުރާންޖެހުނު ކަމާމެދު ބައްޕަގެ ކުޑަވެސް ޝަކުވާއެއްނެތް. مـأمـون ގެ އަމުރުފުޅަށް ބައްޕަ ދެވަނަފަހަރަށް ޖަލަށް ފޮނުވައިލިއިރު ޠުލައިޠުލާގައި އޮތް ذوالـنـّون ގެ ވެރިކަން ވައްޓައިލާން އެންމެފަހު އެތިފަހަރުޖަހާ މީހަކަށްވާނީ ބައްޕަގެ ކުއްޖެކޭ ބުނާނީވެސް ކާކު؟ ބައްޕަ ދަރިފުޅާމެދު ފަޚުރުވެރިވަން. ބައްޕަ މިހާރު އަންދަލުސުގެ މުސްތަޤުބަލާމެދަކު މާޔޫސެއް ނުވަން. އެކަމަކު ދަރިފުޅުމެން ހަނދާންކުރާތި. އަދިވެސް ތިޔަކުދީން ހިނގާންއޮތް މަގަށް އެތަކެއް ފަރުބަދަތަކެއްވަނީ ހުރަސްއަޅައިފައި. ޠުލައިޠުލާގެ މީހުންވެސް އެހަދަނީ ބައްޕަމެންވެސް ހެދި ގޯސް. عمــر المـتــوكّـل ގެ އެހީ ހޯދުމުގެ ބަދަލުގައި ތެދުވާންވީ އަމިއްލަ ފައިމައްޗަށް. އިތުބާރުކުރާންވީ އަމިއްލަ މުލައްދަނޑީގެ ބާރަށް. عمــر المـتــوكّـل ވަނީ އެންމެ ނާޒުކު ވަގުތުގައި ޤުރުޠުބާގެ މީހުން ދޫކޮށްލައްވައިފައި. ބައްޕަ ހިތާމަކުރަނީ އޭނާ އިމްތިހާނުގެ ވަގުތުގައި ޠުލައިޠުލާގެ މީހުންވެސް ދޫކޮށްލައްވަފާނެތީ."
"އޭނާއަށް ދަޢުވަތުދެއްވާން ނިންމެވީ ޠުލައިޠުލާގެ ބޮޑުން. އަޅުގަނޑު އުންމީދުކުރަނީ އަންދަލުސުގެ އެހެނިހެން ދައުލަތްތަކުގެ އާއްމު މުސްލިމުންގެ ތާއީދު ލިބެމުންދާނަމަ އޭނާ އެންމެފަހު ވަގުތާ ހަމަޔަށްވެސް ނަޞާރާއިންނާ ހަނގުރާމަކުރައްވާނެކަމަށް."
"ތިޔަކަން އެނގޭނީ ވަގުތު ޖެހުމުން. އޭނާއަށް ސާބިތުކަން ދެއްވާތޯ ބައްޕަވެސް ދުޢާކުރާނަން. ބައްޕަވެސް ދުވަސްކޮޅަކު އަރާމުކޮށްލުމަށްފަހު މި މައިދާން ޚިޔާރުކުރުމަކީވެސް ދުރުކަމެއްނޫން."
މެންދުރުވާން ކައިރިވީއިރު އެދެ ބައްޕައިކަލުންނަށް ތިއްބެވުނީ ދަތުރުކުރައްވާ މަގުގެ ހަތަރު އަނގޮޅިޔެއްގައެވެ. އެހައިތަނުން ފެށޭ މަގުތަކުގެ ތެރެއިން އެއްމަގަކީ ޠުލައިޠުލާއަށްދާ މަގެވެ. އަނެއް މަގަކީ ސީދާ ޤުރުޠުބާއަށް ދަތުރުކުރާ މަގެވެ. عبـدالمـنعــم ގަސްދުކުރައްވައިފައިވަނީ ގިނިކަންޏާ ސީދާ ޣަރުނާޠާއަށް ވަޑައިގެންނެވުމުގެ ބަދަލުގައި ޤުރުޠުބާގެ ޤައިދީންނާއެކު މަންޒިލުތަކަކަށް ވަޑައިގަންނަވާށެވެ.
أحمد އޭނާގެ ބައްޕާފުޅާ ވަކިވެވަޑައިގަންނަވާ ވަގުތުޖެހުމުން ވިދާޅުވިއެވެ. "ބައްޕާފުޅާ! މަންމާފުޅާމެދު އަޅުގަނޑު ފިކުރު ނުކުރާނަމަ ޠުލައިޠުލާއަށް ވަޑައިގެންފައި ޣަރުނާޠާއަށް ވަޑައިގަންނަވާން އަޅުގަނޑު ބައްޕާފުޅުގެ އަރިހުން އެދުނީމުސް. އަޅުގަނޑު މިހިރީ ވަރަށް މުހިންމު ވާހަކައެއް ބައްޕާފުޅުގެ އަރިހުގައި ދަންނަވާން ނުކެރިފައި."
عبـدالمـنعــم އޭނާގެ ދަރިކަލުންނާ ދިމާއަށް ވިސްނުންތެރިކަމާއެކު ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "أحمد! ދަރިފުޅު..... ތިޔަ އުޅެނީ އެ އަންހެންކުއްޖާއާބެހޭ ވާހަކައެއް ދައްކަންތަ؟"
أحمد ޖަވާބު ދެއްވުމުގެ ބަދަލުގައި އިސްދަށަށް ޖައްސަވައިލައްވައިފިއެވެ. عبـدالمـنعــم ވިދާޅުވިއެވެ. "ދަރިފުޅު ކާވެނިކުރިކަމުގެ އުފާވެރި ޚަބަރު މަންމަޔަށް ދަންނަވަންވީތަ؟"
أحمد ސިހިވަޑައިގެންނެވުމާއެކު ޖަވާބު ދެއްވިއެވެ. "ނޫން. ބައްޕާފުޅާ! ބައްޕާފުޅުގެ އަރިހުގައި ތިޔަހެން ދެންނެވީ ކާކުތޯ؟ އަޅުގަނޑު ދަންނަވާން އުޅުނީ އަޅުގަނޑު މިކޮޅަށް އަންނާން އުޅެނިކޮށް شيـخ أبــو يـعـقــوب އެކަން ބޭނުންފުޅުވެވަޑައިގެން އަޅުގަނޑާ އެވާހަކަ ދެއްކެވި ވާހަކަ."
عبـدالمـنعــم ވިދާޅުވިއެވެ. "ދަރިފުޅާ! ބައްޕަގެ ހެޔޮ ދުޢާތައްވަނީ ދަރިފުޅާއެކު. ދަރިފުޅުގެ ވާޖިބަކީ ދަރިފުޅުގެ ނަސީބުގައި ލިޔުއްވައިފައިވާ އުފާވެރިކަން ވަގުތުގެ ޠޫފާނީ ރޯޅިތަކުގެ ތެރެއިންވެސް ހޯދައިގަތުން. ތިޔަ ދެކުދީން އެއްކުއްޖަކު އަނެއްކުއްޖަކު ހޯދި ޙާލަތަށް ވިސްނާއިރު ޙާލަތު ލާޒިމުކުރަނީ ތިޔަ ދެކުދީން އަވަހަށް ކާވެނިކުރުން. ދަރިފުޅަށް ޠުލައިޠުލާއަށް ދެވުނުހައި އަވަހަކަށް ކާވެނިކޮށްލާ! ބައްޕަ ވަރަށް އަވަހަށް ޠުލައިޠުލާއަށް އާދެވޭތޯ މަސައްކަތް ކުރާނަން. އެކަމަކު ދަރިފުޅު ބައްޕަޔަށް އިންތިޒާރު ނުކުރާތި! ބައްޕަޔަށް އެހެން މައިދާނަކަށް ދާންޖެހުމަކީވެސް އެކަށީގެންނުވާ ކަމެއް ނޫން."
أحمد ގެ އެކުވެރީންގެ ޤާފިލާ ތަންކޮޅެއް ދުރަށް ހިނގައްޖެއެވެ. عبـدالمـنعــم ގެ އެކުވެރީންތިބީ ދާދި ގާތުގައެވެ. އޭނާގެ އިންތިޒާރުގައި މަޑުކޮށްގެންނެވެ. عبـدالمـنعــم އާއި أحمد އާ ދެބައްޕައިކަލުން އެއްބޭފުޅަކު އަނެއްބޭފުޅަކަށް ހެޔޮދުޢާ ކުރައްވައިފައި ދެކޮޅަށް އަސް ދުއްވައިލައްވައިފިއެވެ.
* * * * * * * * * * *
ދޮރޯށީގެ ބޭރުން ކޮންމެވެސް މީހަކު ވާހަކަދައްކާ އަޑު އިވުމުން المـــاس ބޭރަށް ނުކުމެއްޖެއެވެ. އަސްވާރެއް ދޮރުމަތީގައި އަސް މަޑުކޮށްލައިގެން އިނެވެ. المـــاس ސިކުންތުކޮޅެއްހައިއިރަށް ހުއްޓުންއަރައިފައި ހުއްޓެވެ. އޭނާ ކުއްލިޔަކަށް ކުރިޔަށްގޮސް އަހުގެ ލަގަނުގައި ހިފަހައްޓައިފައި ހަޅޭއްލަވައިގެންފިއެވެ. "ސާހިބާ! އަޅުގަނޑުގެ ސާހިބާ!"
އަސްވާރު އަސްމަތީން ފައިބައިވަޑައިގެން އޭނާއާ ކަރާކަރުޖައްސަވައި ސަލާންކުރައްވައިފިއެވެ. "އަޅުގަނޑުގެ ހުވަފެން ސީދާވެއްޖެ. އެތެރެޔަށް ހިންގަވާ!" المـــاس ކުޑަކުއްޖަކު ފަދައިން ގިސްލަމުން ބުންޏެވެ.
عبـدالمـنعــم ގޯތިތެރެޔަށް ވެދެވަޑައިގެންފިއެވެ. سـكيـنـة ފެންޑާމަތީގައި ހުންނެވިއެވެ. އޭނާގެ ހުރިހައި ހިއްސިއްޔާތެއް ލޯފުޅަށް ޖަމާވިކަހަލައެވެ. އޭނާއެކޭ ގަދަ ވިއްސާރަ ދުއްޕާން ރެޔަކު އެމީހެއްގެ ފަންސިގަނޑު ދެވޭނުދެވޭ ދިމާއެއް ނޭނގި އޮޔާ ގެންދަނިކޮށް ކުއްލިއަކަށް ރަށް ފާހަގަކުރާ ބައްތިޔެއް ފެނުނު މައްލާހެކޭ އެއްގޮތެވެ. އެމީހެއްގެ ދަތުރުގެ މަންޒިލު ލޮލަށް ފެނުމާއެކު ހުރިހައި ހިތްވަރެއް ކޮޅުންލި ދަތުރުވެރިޔެކޭ އެއްގޮތެވެ. عبـدالمـنعــم މަޑުމަޑުން ކުރިޔަށް ވަޑައިގަންނަވަނީއެވެ.
سـكيـنـة ގެ ލޯފުޅުމަތީގައިވަނީ ކަރުނަފޮދުގެ ފަރުދާއެއް ހުރަސްވެފައެވެ. އެފަރުދާ ހައްތާވެސް ދިޔައީ ބަރުވަމުންނެވެ. ބޯވަމުންނެވެ. عبـدالمـنعــم މެދުގޯތި ހުރަސްކުރައްވައިފައި ފެންޑާގެ ހަރުފަތްތަކާ ހަމަޔަށް ވަޑައިގެންފިއެވެ. އޭނާގެ ކުރިފުޅުމަތީން ފެނިވަޑައިގަންނަވަނީ ފަނޑުފަނޑު ތަސްވީރެކެވެ. ހިޔަންޏެކެވެ.
"سـكيـنـة! އަޅުގަނޑު އަތުވެއްޖައިން!" عبـدالمـنعــم ބެދެމުންދާ އަޑުފުޅަކުން ވިދާޅުވިއެވެ.
سـكيـنـة ގެ ތުންފަތްޕުޅު ތުރުތުރު އަޅަނީއެވެ. އޭނާއަށް އިސްދަށަށް ޖައްސަވައިލެއްވިއްޖެއެވެ. އޭނާގެ ލޯފުޅުގެ ތެރޭގައި ފަތަފަތައިހުރީ ކަރުނައެވެ. އެކަރުނަތައް އޮހޮރެމުންދަނީއެވެ. މާޒީގެ ހިރަފުސްތައް ދޮންނަމުން ގެންދަނީއެވެ.
"سـكيـنـة!" عبـدالمـنعــم ފެންޑާގެ ހަރުފަތްތަކުން އަރައިވަޑައިގަންނަވަމުން ވިދާޅުވިއެވެ. އޭނާ ގިސްލައްވަމުން ވަޑައިގެން سـكيـنـة އާ އޮޅުލައިވަޑައިގެންފިއެވެ. سـكيـنـة ގެ އަނގަފުޅުން މަދު ލަފުޒުކޮޅެއް ބޭރުކުރެއްވުނީވެސް ވަރަށް އުނދަގުލުންނެވެ. "އަޅުގަނޑު އެތައްފަހަރަކު މިހުވަފެން ދެކެފިން. އަޅުގަނޑުގެ ލޮލަކަށް އިތުބާރެއް ނުކުރެވޭ. މާތް اللّـه އަށްޓަކައި ވިދާޅުވޭ! މިއީ އަނެއްކާވެސް ހުވަފެނެއް ނޫންތޯ؟"
"މިއީ ހުވަފެނެއް ނޫން. سـكيـنـة! މިހާރު ތިޔަ ދެކެވަޑައިގަންނަވަނީ ކަލާގެ ހުވަފެންފުޅުތަކުގެ ތަޢުބީރު." عبـدالمـنعــم، سـكيـنـة ގޮނޑިޔެއްގައި ބައިންދަވައިފިއެވެ. ޚުދު އޭނާވެސް سـكيـنـة ގެ ކުރިފުޅުމަތީގައި ގޮނޑިޔެއްގައި އިށީނދެވަޑައިގެންފިއެވެ. ދެބޭފުޅުން ކަރުނަވީ ހިނިތުންވެވަޑައިގެންނެވުމަކާއެކު އެއްބޭފުޅަކު އަނެއްބޭފުޅަކާ ދިމާޔަށް ބައްލަވަނީއެވެ. سـكيـنـة ކުއްލިޔަކަށް ގޮވައިލައްވައިފިއެވެ. "ميـمــونـة ދަރިފުޅާ!
ميـمــونـة ދަރިފުޅާ!"
"މަންމާ ކީކޭތޯ؟" ميـمــونـة ކައިރީގައިހުރި ކޮޓަރީގެ ތެރެއިން އިސްތަށިފުޅު ދިއްކޮށްލައްވައިފައި ސުވާލު ކުރެއްވިއެވެ.
"ميـمــونـة ދަރިފުޅާ. މިކޮޅަށް ވަޑައިގެންބައްލަވާ! މިއިންނެވީ سعد ގެ ބައްޕާފުޅު. މަންމަގާތު ވިދާޅުވެބައްލަވާ މިއީ އަނެއްކާވެސް މަންމައަށް ފެންނަ ހުވަފެނެއްތޯ؟"
ميـمــونـة ލަދުފުޅުން ހުންނަވައި ވަޑައިގެން عبـدالمـنعــم އާ ސަލާންކޮށްލައްވައިފިއެވެ. سـكيـنـة، عبـدالمـنعــم އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. މިއީ ކޮންބޭފުޅެއްކަން ކަލާއަށް އެނގިވަޑައިގަންނަވާތޯ؟"
"އަޅުގަނޑަށް އެނގޭ. أحمد އޭނާގެ ވާހަކަ އަޅުގަނޑުގެ ގާތުގައި ބުނި."
"أحمد އޭތޯ؟ ކަލާއަށް އޭނާއާ ބައްދަލުވެވަޑައިގެންނެވުނީ ކޮންތަނަކުންތޯ؟ ކަލާގެ އަރިހުގައި އޭނާ ނުގެންނެވީ ކީއްވެގެންތޯ؟ އޭނާ ދިޔައީ ޠުލައިޠުލާއަށް. ކަލާ ހުންނެވީ ކޮންތަނަކުތޯ؟ އަޅުގަނޑަށް ހުރިހައި ވާހަކަތަކެއް ވިދާޅުވެދެއްވާ!"
عبـدالمـنعــم ވިދާޅުވިއެވެ. "އެންމެފުރަތަމަޔަށް ކަލާއަށް ތިޔަ ފެނިވަޑައިގަންނަވަނީ ހުވަފެންފުޅެއް ނޫންކަން ޔަގީންކުރައްވާ!"
سـكيـنـة ވިދާޅުވިއެވެ. "އަޅުގަނޑުގެ މޮޔަވުމާމެދު ކަލާ ނުގަބޫލުވެވަޑައިނުގަންނަވާ!"
ميـمــونـة ވިދާޅުވިއެވެ. "މަންމަ ހުއްދަ ދެއްވައިފިނަމަ ބޮޑުދައިތަޔަށް ޚަބަރު ދަންނަވައިފައި އަންނަންތޯ؟"
سـكيـنـة ވިދާޅުވިއެވެ. "ވަޑައިގަންނަވާ!" ميـمــونـة ޚާދިމާ ގޮވައިގެން ބޭރަށް ނުކުމެވަޑައިގެންފިއެވެ.
* * * * * * * * * * *
أحمد އޭނާގެ މުހިންމު ނިންމަވައިފައި ޠުލައިޠުލާއަށް ވަޑައިގެންނެވިއިރު عمــر المـتــوكّـل ގެ އިސްލަޝްކަރު ޠުލައިޠުލާގެ ސަހަރަށް ވަންނަނީއެވެ. عمــر المـتــوكّـل ވެސް ހަފުތާއެއްހައިދުވަހުގެ ތެރޭގައި އޭނާގެ ލަޝްކަރުގެ ދެންހުރި ގެމަތަކާއެކު ރަށަށް އަރައިވަޑައިގެންފިއެވެ. ޠުލައިޠުލާގެ ވަގުތީ ސަރުކާރު عمــر އަށްޓަކައި އިސްތިޢުފީ ދީފިއެވެ.
أحمد އެނބުރި ވަޑައިގެންނެވުމާއެކު އަނެއްކާވެސް ރިޟާކާރުން ތަމްރީނު ކުރެއްވުމުގެ މަސައްކަތާ ހަވާލުވެވަޑައިގެންފިއެވެ. ގާތްގަނޑަކަށް މަހެއްހައިދުވަސް ވީތަނާ عبـدالمـنعــم ގެ ޤާޞިދެއް ޣަރުނާޠާއިން އޭނާގެ އަރިހަށް އަތުވެއްޖެއެވެ. އޭނާ އައީ عبـدالمـنعــم ގެ ދެ ސިޓީއެއް ހިފައިގެންނެވެ. عبـدالمـنعــم، أحمد އަށް ފޮނުއްވި ސިޓީގައި ލިޔުއްވައިފައިވެއެވެ. "ބައްޕަ މިދަނީ قـاضى أبـو جـعـفـر ގެ އަރިހުގައި މުރުސިއްޔާއަށް. އެހެންކަމުން ދަރިފުޅު ކާވެނީގެ ކަންތަކުގައި ބައްޕަޔަށް އިންތިޒާރު ނުކުރާތި!" شيـخ أبــو يـعـقــوب އަށްވެސް عبـدالمـنعــم ސިޓީފުޅެއް ފޮނުއްވިއެވެ. އެސިޓީފުޅުގައި އަންދަލުސުގެ ދުވަހެއް ދުވަހަކަށް ނުރައްކާތެރިވަމުންދާ މަސްރަޙާ ގުޅިގެން އޭނާގެ މަސައްކަތްޕުޅު އިތުރުވެފައިވާގޮތުގެ ތަފުސީލުވަނީ ލިޔުއްވައިފައެވެ. އޭނާއަށް ކުރިމަތިލައްވާން ޖެހިވަޑައިގެންފައިވާ މަޖުބޫރީތަކުގެ ސަބަބުން މާއަވަހަކަށް ޠުލައިޠުލާއަށް ވަޑައިގެންނެވޭން ނެތްކަން ބަޔާންކުރެއްވުމަށްފަހު أحمد އާއި طـاهـــرة ގެ ކާވެނިފުޅު އަވަސްކޮށްދެއްވަން ވަނީ އެދިވަޑައިގެންފައެވެ.
شيـخ أبــو يـعـقــوب، عبـدالمـنعــم ގެ ސިޓީ ލިބިވަޑައިގެންނެވިތަނާ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ރަށުގެ ޢިއްޒަތްތެރީން އެކަލޭގެފާނުގެ ގެއަށް ޖަމާކުރައްވައިފައި أحمد އާއި طـاهـــرة ގެ ކާވެނި ކޮށްދެއްވައިފިއެވެ.
ޙަޔާތުގެ ކަނޑުގެ ޠޫފާނީ ރާޅުތަކެއްގެ ސަބަބުން އެއްތަންވެވަޑައިގެންނެވި ދެ މުސާފިރުން މިހާރު ގެންދަވަނީ އެއް އޮޑިޔެއްގައި ތިއްބަވައިގެން އުދަރެހާ ދިމާޔަށް ބައްލަވަމުންނެވެ. ފެންނަ ފެނުމުގައި އެޠޫފާނީ ކޮޅިގަނޑު މިހާރުވަނީ މަޑުވެފައެވެ. ނަމަވެސް އެއީ ވަގުތީގޮތުން ވިލާގަނޑުގެ ބަނޑަށް ދަމައިލައިފައި އޮތް އޮތުމެކެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު