ރިޕޯޓް

މަސްވެރިންގެ ސުވާލު ސަރުކާރާއި ސިފައިންނަށް: ބޭރުގެ މަސްބޯޓުތައް ފެނުނަސް އަޅައިނުލައި ދޫކޮށްލަންވީތޯ؟

ރިފާ ހަލީލު

"އަޅުގަނޑުމެންނަކަށް ނުފެނޭ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްވެރީންނަށް މަސްވެރިކަން ކުރުން މަނާކޮށްފައި ބާއްވާކަށް. އެމީހުން ބޭނުން ވަރަކަށް މަސް ބާނައިގެން ދިޔަސް އެމީހުންގެ މައްޗަށް އަޅާނެ ފިޔަވަޅެއް ނެތް ވިއްޔާ!."

މިއީ ދާދިފަހުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުންދަނިކޮށް އަތުލައިގަތް އިންޑިއާގެ މަސްބޯޓު އަނބުރާ ގައުމަށް ފޮނުވާލި މައްސަލައިގައި މަސްވެރިން ހިތްހަމަ ނުޖެހިގެން ފާޅު ކުރި ޝުއޫރެކެވެ. މަސްވެރިން ބުނަމުންދަނީ މިފަދަ ކިތަންމެ ބޯޓެއް އަތުލައިގަނެ ދިވެހި ސިފައިންނާ ހަވާލު ކުރާ ކަމަށެވެ. ނަމަވެސް އޭގެ އަނެއް ދުވަހު އެ ބޯޓުތައް ދޫކޮށްލާނަމަ އޭގެ ބޭނުމެއް ނެތް ކަމަށް މަސްވެރީން ބުނެ އެވެ.

"ވަން" އާ ވާހަކަ ދެއްކި މަސްވެރިޔަކު ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހޯދާ ހުރިހާ ބޭރުގެ ބޯޓުތަކެއްހެން އަތުލައިގަންނަނީ މަސްވެރިން ކަމަށެވެ. އަދި އެ ބޯޓު ތަކުގެ މައުލޫމާތު ކޯސްޓްގާޑާ ހިއްސާ ކުރުމަށްފަހު އެ ސަރަހައްދަކަށް ކޯސްޓްގާޑަށް އާދެވެންދެން އެ ބޯޓު ކައިރީގައި ދޯންޏަށް މަޑު ކުރަން ޖެހޭ ކަމަށެވެ.

"މިއީ ވަރަށް ވަގުތު. އަޅުގަނޑުމެން މި އަތުލައިގަންނަ ބޯޓުތައް ފިލުމަށް ފުރުސަތު ނުދޭން އަޅުގަނޑުމެން އެބަތިބެން އެތައް ގަޑި އިރެއް ވަންދެން އެ ބޯޓެއް ކައިރީ މަޑުކޮށްގެން. އެކަމަކު އާހިރުގަ ބޯޓުތަކަށް އެއްވެސް ފިޔަވަޅެއް ނާޅައި މި ދޫކޮށްލަނީ. ދެން އަޅުގަނޑަކަށް ނުވިސްނޭ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސްވެރިންނަށް މަސް ބޭނުން މަނާކުރަން ވީ އެއްވެސް ސަބަބެއް." ހިތް ހަމަ ނުޖެހިފައި ހުރެ މަސްވެރިޔާ ބުންޏެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން އިންޑިއާ އާއި ދިވެހި ސަރުކާރާ ގުޅިގެން ރާޑާރު ސިސްޓަމްތަކެއް ހަރުކޮށްފައިވީ ނަމަވެސް، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާއި ހިލާފަށް ވަދެ މަސްވެރިކަން ކުރަން އުޅޭ ބޭރުގެ މަސްބޯޓުތައް ގިނައިން އަތުލަނީ ދިވެހި މަސްވެރިންނެވެ.

އެހެން މަސްވެރިޔަކު ބުނީ މި ގޮތަށް އަތުލައިގަންނަ ބޯޓުތަކާއި ކުރިމަތިލާން ޖެހުމަކީ ބޮޑު ނުރައްކަލަކަށްވެސް ހުށަހެޅިދާ ފަދަ ކަމެއް ނަމަވެސް މަސްވެރިން މިކަން ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް މިއަދު ފެނިގެންދާ މަންޒަރަކީ މި ނުރައްކަލާވެސް މަސްވެރިން ކުރިމަތިލުމުން ވެސް ސަރުކާރުން އެކަމުގައި ދޫ ދިން މަންޒަރު ކަމަށެވެ.

މަސްވެރިން ބުނަމުން އަންނަނީ އެއްވެސް ފިޔަވަޅެއް އެޅުމެއް ނެތި މިފަދަ މަސްބޯޓުތައް ދޫކޮށްލުމަކީ ދިވެހި މަސްވެރިންނަށް އޮތް ބިރެއް ކަމަށާއި ރާއްޖޭގެ އިގްތިސޯދު އެންމެ ބޮޑަށް ހިފަހައްޓަނީވެސް މަސްވެރިކަމުން ލިބޭ އާމްދަނީގެ ސަބަބުން ކަމަށެވެ. އެހެންކަމުން މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މި ގޮތަށް ކަންތައް ނުކޮށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ސަރުކާރަށް މަސްވެރިން ވަނީ ގޮވާލާފަ އެވެ.

މިއާއެކު މަސްވެރިންގެ ފަރާތުން ސަރުކާރާއި ދިވެހި ސިފައިންނަށް ސުވާލެއްވެސް ކުރިމަތި ކުރުވަ އެވެ. އެ ގޮތުން މިގޮތަށް އަތުލައިގަނެވޭ މަސްބޯޓުތައް ސިފައިންނާއި ހަވާލު ކުރާނީތޯ ނުވަތަ އަޅައިނުލައި އެ ބަޔަކު ކުރަން ބޭނުން ކަމެއް ކޮށް ނިމިގެން އެ ބައެއްގެ ގައުމަށް އަނބުރާ ދެވެންދެން އަޅައިނުލައި ތިބެންވީތޯ ވަނީ ސުވާލު ކޮށްފަ އެވެ.

އިންޑިއާގެ މަސްބޯޓު ދޫކޮށްލި މައްސަލައިގައި ސަރުކާރަށް ބޮޑެތި ފާޑު ކިޔުންތައް އަމާޒުވެފައިވާއިރު އެ ބޯޓު ދޫކޮށްލީ ތަހުގީގަށް ބޭނުންވާ މައުލޫމާތު ނެގުމަށްފަހުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަވަށްޓެރި ގައުމުތަކުގެ އުޅަނދުފަހަރު މަސްވެރިކަން ކުރަން ކަނޑަށް ނުކުމު އުޅުމުގެ ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުންނާއި އިންޖީނު ހަލާކުވެގެން ވެސް މިސްރާބު އޮޅި ބެހިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އެވެ. އަދި ގަސްދުގައި ނޫނަސް ކައިރި ގައުމުތަކުގެ ކަނޑުގެ ސަރަހައްދަށް ވަދެވެ އެވެ.