ޚަބަރު

މަލީހު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި

ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެވަޑައިގެންފި އެވެ.

މަލީހު ޖޭޕީން ވަކިވެވަޑައިގެންކަން ހާމަ ކުރައްވާފައިވަނީ މިރޭ ކުރެއްވި ޓުވީޓަކުންނެވެ. އެ ޓުވީޓުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް މަލީހު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މަލީހު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ސަރުކާރުތެރޭގައި ޖޭޕީގެ އަޑު އެންމެ އިހުލާސްތެރިކަމާއެކު އުފުލި މީހާއާ ދޭތެރޭ ބޭއިންސާފުން އެމްޑީޕީން ކަންކުރަމުން ދިޔަ އިރުވެސް ގާސިމް ހަނު ހުންނެވި ކަމަށެވެ. އަދި ބޮޑެތި ތުހުމަތުތަކާއެކު ވަކި ކުރެވުނެ ފަރާތްތަކާމެދު ފިޔަވަޅު ނާޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޯލިޝަންގައި ދަލު ބޭރުން. މިވަގުތު ޖޭޕީއާ ފެޔަށް ޖެހިލާނަން." މަލީހު ވިދާޅުވި އެވެ.

އިތުބާރު ނެތް ކަމަށް ފާސްކޮށް، މަގާމުން ދުރުކުރުމުން މަލީހު ވަނީ އިދިކޮޅު ޕްރޮގުރެސިވް ކޮންގުރެސް ކޯލިޝަންގެ ފަރާތުން ފުވައްމުލަކުގައި ޕީޕީއެމްގެ ކެމްޕެއިން އޮފީހެއް ހުޅުވުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

އެކަމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު "ވަން" އަށް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި މަލީހު ހުންނަވައިގެން، އެހެން ޕާޓީއެއްގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމާ ގުޅިގެން ޖޭޕީން ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށާއި ފިޔަވަޅު އަޅަންޖެހޭނަމަ އެކަން ވެސް ކުރާނެ ކަމަށް ވިދާޅުވި އެވެ.