ފުލެޓް ލިބޭ މީހުން ކަނޑައަޅައި ރަސްމީ ލިޔުން ހަވާލު ކުރާނީ ހައުސިން މިނިސްޓްރީން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ފުލެޓުގެ ކަންކަން ބެލުމަށް ކޮމެޓީއެއް އުފެއްދި ނަމަވެސް ފުލެޓް ލިބޭ މީހުންނާއި ފުލެޓް ނުލިބޭ މީހުން ކަނޑައެޅުމަކީ އެ ކޮމެޓީގެ ޒިންމާއެއް ނޫން ކަމަށެވެ. އަދި އެ ކޮމެޓީން ކުރި މަސައްކަތަކީ ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ފޯމުތައް ހުރިތޯ ބެލުން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ފުލެޓް ލިބޭނެ މީހުން ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަމަށާއި އެކަމުގެ އެންމެ ފަހުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފުލެޓްތައް އަންނަ މާޗު މަހުގެ ފަހުކޮޅު ހަވާލުކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ފުލެޓުތަކުގެ އެގްރިމެންޓު ހަދައި ފުލެޓުތައް ހަވާލުކުރުމުގެ ކުރިން އަށް ކަމެއް ކަށަވަރު ކުރާނެ އެވެ.

  • ފްލެޓް ހަވާލުކުރެވޭ އެއްވެސް ފަރާތަކީ މީގެ ކުރިން ސަރުކާރުން ހިންގާފައިވާ ސޯޝަލް ހައުސިން ޕްރޮގްރާމަކުން ފުލެޓް ލިބިފައިވާ ފަރާތެއް ނޫންކަން ކަށަވަރުކުރުން
  • ދެމަފިރިންނަށް ފުލެޓް ލިބޭ ހާލަތްތަކުގައި ދެމަފިރިންނަށް ހަވާލުކުރަނީ އެއް ފުލެޓްކަން ކަށަވަރުކުރުން
  • ފުލެޓް ހަވާލުކުރެވޭ ފަރާތަކީ މާލެއިން 700 އަކަފޫޓަށްވުރެ ބޮޑު ބިމެއް، ގޯއްޗެއް އެމީހާގެ ރަޖިސްޓަރީގައި އޮތް ފަރާތެއް ނޫންކަން ކަށަވަރުކުރުން
  • އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީން ފުލެޓް ހަވާލުކުރެވޭ ފަރާތަކީ ދަރިން ބަލަމުންދާ ފަރާތްކަން ކަށަވަރުކުރުން. އެގޮތުން އެ ކެޓަގަރީގެ ދާއިމީ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން ދަރިން ބަލަމުންދާ ކަމަށް މަންމަ ނުވަތަ ބައްޕަ ވެސް ފޯމު ހުށަހަޅާފައިވާނަމަ ފުލެޓް ހަވާލުކުރުމުގެ ކުރިން ފުލެޓް ހަވާލުކުރަނީ ދަރިން ބަލަމުންދާކަން ކަށަވަރުކުރުން
  • ނުކުޅެދުންތެރިކަން ހުންނަ ކެޓަގަރީން ފުލެޓު ލިބޭ ފަރާތާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތް ދިރިއުޅޭކަން ކަށަވަރުކުރުން. އަދި ފުލެޓްގެ ރަޖިސްޓަރީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތް ހިމަނަންޖެހޭ. އަދި ނުކުޅެދުންތެރިކަން ހުންނަ ކެޓަގަރީން އެ ފަރާތާއި އެ ފަރާތް ބަލަހައްޓަމުންދާ ފަރާތަށް ފުލެޓް ލިބޭ ހާލަތުގައި ވެސް ފުލެޓް ލިބޭނީ އެއް ފުލެޓްކަން ކަށަވަރުކުރަންޖެހޭ
  • ފުލެޓް ހަވާލުކުރުމުގެ ކުރިން ދެމަފިރިން ވަރިވެ ދާއިމީ ލިސްޓުގައި ދެމަފިރިންގެ ނަން ހިމެނިފައިވާނަމަ ފުލެޓް ހަވާލުކުރެވޭނީ ދަރިން ބަލަހައްޓަމުންދާ ފަރާތްކަން ކަށަވަރުކުރަންޖެހޭ. އަދި ދެމަފިރިންގެ ދަރިން ނެތް ހާލަތުގައި ފުލެޓް ހަވާލުކުރާ ފަރާތް ކަނޑައަޅާނީ ދެފަރާތުގެ ހާލަތަށް ބެލުމަށްފަހުގައި
  • ފުލެޓް ހަވާލުކުރުމުގެ ކުރިން ފުލެޓް ލިބޭ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ސަރުކާރުގެ އެހެން ސޯޝަލް ހައުސިން ސްކީމަކުން ފުލެޓް، ރޯހައުސް، ގޯތި ލިބިފައިވާ ފަރާތެއްވާނަމަ ފުލެޓް ހަވާލުނުކުރުން ކަށަވަރުކުރުން
  • ސިވިލް ސާވިސް ކެޓަގަރީގައި އެމީހުން ސިވިލް ސާވިސްގައި ތިބިތޯ ކަށަވަރު ކުރަންޖެހޭ. އޭގެ ތެރޭގައި ރިޓަޔަމަންޓް ނުހިމެނޭނެ.