ޓްރާންސްޕޯޓު އޮތޯރިޓީގެ ބާރުތައް ދޭނީ ޓްރާންސްޕޯޓް މިނިސްޓްރީއަށް ކަމަށާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ފުރިހަމައަށް އިތުބާރު އެބަ އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީގެ މެންޑޭޓުގައި ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ. އެކަމަށް ހައްލު ގެނެވޭނީ އެއްތަނެއް އުވާލައިގެން ކަމަށާއި އެހެންކަމުން ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށްފަހު، މިނިސްޓްރީގެ މެންޑޭޓަށް ގެނެވޭ ބަދަލާއެކު ތަނުގެ ހިންގުމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވިދާޅުވި އެވެ.
"ޓްރާންސްޕޯޓް މިނިސްޓަރަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ އަޅުގަނޑުމެންގެ އިތުބާރު އޮތް މިނިސްޓަރެއް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީ ތެރޭގައި ގަވާއިދާ ހިލާފަށް ބައެއް ކަންކަން ކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތުން ރަޖިސްޓަރީ ކުރުމުގައި ފޯޖު ޑޮކިއުމެންޓް ހުށަހަޅައިގެން ވެހިކަލްތަކެއް ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ. އެކަން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަމިއްލަ އިސްނެގުމުގެ މަތީން ޒިންމާދާރުކަމާއެކު ބައްލަވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެ މައްސަލައިގައި މިހާތަނަށް 18 ވެހިކަލެއްގެ ރަޖިސްޓަރީ ފޯޖު ކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި އެކަންކަން ބެލުމަށް ފުލުހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު