ޓްރާންސްޕޯޓް އޮތޯރިޓީން ލިޔެކިޔުން ފޯޖުކުރި މައްސަލަތަކެއް ފާހަގަވެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގައި ހިންގުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި އެކަން ދިމާވަނީ ޓްރާންސްޕޯޓް އޮތޯރިޓީ އާއި މިނިސްޓްރީގެ މެންޑޭޓުގައި ފުށުއެރުންތަކެއް ހުރުމުން ކަމަށެވެ. އެކަން ނައްތާލުމަށްޓަކައި އެއްތަނެއް އުވާލަންޖެހޭ ކަމަށާއި އެގޮތުން ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ނިންމީ ކަމަށް ވިދާޅުވި އެވެ.

އަދި ޓްރާންސްޕޯޓް އޮތޯރިޓީގައި ވަރަށް ރަނގަޅު މުވައްޒަފުން އެބަތިބި ކަމަށާއި ކުރިއަށް އޮތް ތަނުގައި މިނިސްޓްރީގެ ކަންކަން ބައްޓަން ކުރެވިގެންދާނީ އެ މުވައްޒަފުންނަށް ވެސް ދެރަ ނުވާނެ ގޮތަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ގަވާއިދާ ހިލާފަށް ބައެއް ކަންކަން ކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ އޮތޯރިޓީން ފޯޖު ޑޮކިއުމެންޓް ހުށަހަޅައިގެން ވެހިކަލްތަކެއް ރެޖިސްޓަރީ ކޮށްފައިވާ ކަމަށެވެ. އަދި އެކަން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަމިއްލަ އިސްނެގުމުގެ މަތީން ޒިންމާދާރުކަމާއެކު ބައްލަވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"އެގޮތުން މިހާތަނަށް 18 ވެހިކަލެއް ރަޖިސްޓަރީ ފޯޖު ކޮށްގެން ހައްދާފައި އޮތް ކަމަށް ފެނިގެން އެކަންތައްތައް ބެލުމަށް ފުލުހަށާއި އޭސީސީއަށް ފޮނުވާ ވާހަކަ މިނިސްޓަރު ވިދާޅުވި. އޭގެ ތެރެއިން އެއްބައި ފޮނުވާފަވަނީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީން ހިދުމަތް ދިނުމުގެ ލަސްތަކެއް އެބަހުރި ކަމަށާއި އެކަންކަން ހައްލު ކުރުމަށް ރައީސް އޮފީހާއި މިނިސްޓްރީއާ ގުޅިގެން މިހާރު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.