އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގެ ތުހުމަތުގައި، ސަސްޕެންޑް ކޮށްފައިވާ މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް އިސްތިއުފާ ދެއްވައިފި އެވެ.
ޖިންސީ ފުރައްސައިގެ ތުހުމަތުގައި އިކުރާމް ސަސްޕެންޑް ކުރަން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ފާސްކޮށްފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ ދެވަނަ ދުވަހު އެވެ. އޭގެ ފަހުން އެ މައްސަލައާ ބެހޭގޮތުން އެކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން އެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހުށަހަޅައި އެ ކޮމިޓީން ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހު، އަލުން އެ މައްސަލަ އެސްއޯއީ ކޮމިޓީއަށް ހުށަހަޅަންދެންނާއި، މޯލްޑިވް ގޭހުގެ ހެރެސްމެންޓް ކޮމިޓީންނާއި ފުލުހުން އެ މައްސަލަ ބަލައި ނިމެންދެން އޭނާގެ ސަސްޕެންޝަންގެ މުއްދަތު ވަނީ އިތުރުކޮށްފަ އެެވެ.
މި ތުހުމަތުތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފައިވަނިކޮށް އިކްރާމް އިސްތިއުފާ ދެއްވީ މިއަދު އެވެ.
އިކުރާމް މިއަދު "ވަން" އަށް ވިދާޅުވީ އަމިއްލަ ސަބަބުތަކަށްޓަކައި މިއަދު މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
އިކުރާމް ވިދާޅުވީ އިސްތިއުފާގެ ސިޓީ މޯލްޑިވް ގޭސްގެ ބެލެނެވެރި ކުންފުނި ކަމަށްވާ އެސްޓީއޯ އަށް މިއަދު ހުށަހަޅުއްވާފައިވާ ކަމަށެވެ.
ކުރަމުން އަންނަ ތުހުމަތުތަކާ ގުޅިގެން އޭނާ ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ތުހުމަތު ތަކެއް ކަމަށާއި އެ ތުހުމަތުތަކަކީ ދޮގުކަން ހާމަވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
"އަޅުގަނޑަށް ވަރަށް އިތުބާރު އެބައޮތް އަޅުގަނޑު ވިން ވާނެ ކަމަށް. އެއީ ދޮގު ތުހުމަތުތަކެއް ވީމަ އަޅުގަނޑު ވާނީ އެކަމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއި ހުރިހާ ހެއްކެއް މަޖިލީހުގެ އެސްއޯއީ ކޮމިޓިއަށް ހުށަހަޅާފަ. އަޅުގަނޑު މިހުރީ ހުރިހާ ޑޮކިއުމެންޓްސްތައް އާންމު ކުރަން ތައްޔާރަށް. މަގާމުގަ ހުރީމަ އަޅުގަނޑު މިއޮތް ހުރިހާ ދުވަހު އެ ޑޮކިއުމެންޓްސްތައް އާންމު ނުކޮށް މަޑުކުރީ. އެކަމަކު ދެން ކުރާނަން. މި ތުހުމަތުތަކަކީ ދޮގުކަން ހާމަވާނެ." އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުންވެސް އިކުރާމްގެ މައްޗަށް ވަނީ މޯލްޑިވް ގޭސް އިން އޮކްސިޖަން ސިލިންޑަރުތައް ގަތުމުގައި 16 މިލިއަން ރުފިޔާގެ ކޮރަޕްޝަނެއް ހިންގާފައިވާ ކަމުގެ ތުހުމަތުވެސް ކޮށްފަ އެވެ. ނަމަވެސް މި ތުހުމަތުތަކަށްވެސް އޭނާ ވަނީ އިންކާރު ކޮށްފަ އެވެ.
މަޖިލީހުގެ އެސްއޯއީ ކޮމެޓީ އަށް އޭނާ ހާޒިރު ކުރުމުން އިކްރާމް ވިދާޅުވީ އޮކްސިޖަން ސިލިންޑަރު ގަތުމާ ގުޅޭ ގޮތުން އެ ކުންފުނިން ހަދާފައިވާ އޮޑިޓްގައި ވެސް މައްސަލަތަކެއް އެބަހުރި ކަމަށެވެ. އަދި ބަޔަކު އަޑީގައި ތިބެގެން އޭނާ ފްރޭމް ކުރަމުންދާ ކަމަށް ވެސް އިކްރާމް ތުހުމަތު ކުރެއްވި އެވެ.
އިކްރާމް ވިދާޅުވީ އޮކްސިޖަން ސިލިންޑަރުތައް އޯޑަރު ކުރުމަށް އެޕްރޫވަލް ދިން އަގަށް ވުރެ ބޮޑު އަގެއް އޮޑިޓް ރިޕޯޓުގައި ޖަހާފައިވާ ކަމަށެވެ. އަދި އޭނާ ތުހުމަތުގެ އިނގިލި ދިއްކުރެއްވީ އޮޑިޓް ރިޕޯޓް ތައްޔާރު ކުރި ފަރާތްތަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު