ޚަބަރު

އިދިކޮޅުގެ ކެމްޕެއިން ހަރަކާތެއްގައި މަލީހު ބައިވެރިވި މައްސަލަ ބަލާނެ: ޖޭޕީ

އިތުބާރު ނެތް ކަމަށް ފާސްކޮށް، މަގާމުން ދުރުކުރި ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު، އިދިކޮޅު ޕްރޮގުރެސިވް ކޮންގުރެސް ކޯލިޝަންގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެ ވަޑައިގެންނެވި މައްސަލަ ބަލާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި މަލީހު އިއްޔެ ވަނީ ފުވައްމުލަކުގައި ޕީޕީއެމްގެ ކެމްޕެއިން އޮފީހެއް ހުޅުވުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައެވެ. އެ ބައްދަލުވުމުގައި އިދިކޮޅު ޕީޕީއެމް/ ޕީޕީއެމް ލީޑާޝިޕުގެ ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެކަމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު މިރޭ "ވަން" އަށް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި މަލީހު ހުންނަވައިގެން، އެހެން ޕާޓީއެއްގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އޭނާ އެކަން ކޮށްފައިވަނީ ޖޭޕީއަށް އެންގުމަކާ ނުލައި ކަމަށާއި އެއީ އަމިއްލަ ހައިސިއްޔަތުން ކުރި ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ އެކަމާ ގުޅިގެން ޖޭޕީން ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށާއި ފިޔަވަޅު އަޅަންޖެހޭނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.

"ފޮޓޯއެއް ވަނީ ލިބިފަ އިިއްޔެ އިދިކޮޅު ޖަލްސާއެއްގައި އިންނަވަނިކޮށް. އަދި އެއްވެސް ފިޔަވަޅެއް އަޅަން ނިންމާފައެއް ނުވޭ. އެކަން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅެއް އަޅާނަން،" ސޯލިހު ވިދާޅުވިއެވެ.

އިދިކޮޅުގެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވުމާ ގުޅޭ ގޮތުން "ވަން" އާ ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ، އޭނާ އަކީ އަދިވެސް ޖުމްހޫރީ ޕާޓީގެ މެންބަރެއް ކަމަށެވެ. އަދި ޖޭޕީގެ ކެނޑިޑޭޓުން ކުރިމަތި ނުލާ ދާއިރާތަކުން ދެން ތާއިދު ކުރައްވާނީ އެމްޑީޕީއާ އިދިކޮޅު ކެންޑިޑޭޓުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެ ފޮޓޯއަކީ އޭނާ ނިސްބަތްވާ ފުވައްމުލަކު ކައުންސިލަށް ކުރިމަތިލާފައިވާ އިދިކޮޅު ކެނޑިޑޭޓުން ބޭއްވި އިވެންޓެއްގެ އިންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓުން ނެތް ދިމަދިމާލުގައި ތާއިދު ކުރާނީ އެމްޑީޕީ ފިޔަވައި ދެން ތިބި ކެންޑިޑޭޓުންނަށް. އިދިކޮޅު ކެނޑިޑޭޓުންނަށް. އެއީ ޕީޕީއެމްކަމުގައި ވިޔަސް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރުއެމް ކަމުގައި ވިޔަސް އަދާލަތު ޕާޓީގެ ކެންޑިޑޭޓުން ވިޔަސް،" މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ، އޭނާ އަކީ ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމަކަށް ވަރަށް ބޮޑަށް ތާއިދު ކުރައްވާ ބޭފުޅެއް ކަމަށާއި ނަމަވެސް އެމްޑީޕީއަށް ކައުންސިލްތަކުގެ މެޖޯރިޓީ ލިބިއްޖެނަމަ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވާ ގޮތަށް ބަރުލަމާނީ ނިޒާމަކަށް ގައުމުގެ ހިންގުން ބަދަލު ކުރެއްވުމަށް ބާރު ލިބިގެންދާނެ ކަމަށެވެ. އަދި އެ ފުރުސަތު ދެއްވުމަށް ބޭނުން ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ވެއްޖެނަމަ ހުދުމުހުތާރު ވެރިކަމަކަށް މަގުފަހިވެގެންދާނެ ކަމަށާއި އެއީ ރައިސުލްޖުމްހޫރިއްޔާ އާއި މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ނައިބު ރައީސް އާއި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ރައީސްގެ މަގާމުގައި ތިއްބެވީ ވެސް ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ މެންބަރުން ކަމަށްވާތީ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

އަދި އެމްޑީޕީން މިހާރު ބޭނުންވަނީ ކައުންސިލް އިންތިހާބު ކާމިޔާބުކޮށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސަކަށް ވެސް އެ ޕާޓީގެ މެންބަރެއް އައްޔަންކުރަން ކަމަށް މަލީހު ތުހުމަތު ކުރެއްވި އެވެ.