ރާއްޖޭގެ ސުޕްރީމް ކޯޓުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެމްބަރުންގެ މައްޗަށް 2014 ވަނަ އަހަރު ހިންގި ސުއޯ މޯޓޫ މައްސަލަ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ ހިލާފު ކަމަށް އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީން ކަނޑައަޅައިފި އެވެ.
އެޗްއާރުސީއެމްގެ ކުރީގެ މެންބަރުން ކަމުގައިވާ އަހުމަދު ތޮލާލް އާއި ޖީހާން މަހުމޫދު އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި ގޮތް ނިންމާފައިވަނީ ނޮވެންބަރު 2، 2020 ގައެވެ. ނަމަވެސް ކޮމިޓީގެ ނިންމުން ރަސްމީކޮށް ދިވެހި ސަރުކާރާ ހިއްސާކޮށްފައިވަނީ ފެބްރުއަރީ 19، 2021 ގައެވެ.
ސެޕްޓެންބަރު 25، 2016 ގައި ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން 2014 ގައި އެޗްއާރުސީއެމްއާ ދެކޮޅަށް އޭރު ހިންގާފައިވާ މައްސަލަ އާއި އެޗްއާރްސީއެމުން ރާއްޖޭގެ ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގެ ދެވަނަ ސައިކަލްއަށް ހުށަހެޅި ރިޕޯޓަކީ ގާނޫނާ ހިލާފު ވަކި ކޮޅަކަށް ބުރަވެފައިވާ އަދި އަދުލު އިންސާފުގެ ނިޒާމުގެ މިނިވަންކަން ގެއްލޭ ރިޕޯޓެއް ކަމަށް ނިންމާފައިވެއެވެ.
އަދި އެޗްއާރުސީއެމްގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާއި އދ. އަށް މައުލޫމާތު ހިއްސާކުރުމުގައި އެ ކޮމިޝަނުގެ ދައުރު ހަނިވެގެންދާ ގޮތަށް އަމަލުކުރަންޖެހޭ ވަކި ގައިޑްލައިނެއް ކަނޑައެޅުމުގެ ސަބަބުން އެ ކޮމިޝަނުގެ މެންބަރުންނަށް މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާގެ 19 ވަނަ މާއްދާ އިން ލިބިދޭ ހައްގަށް އުނިކަން އައިސްފައިވާ ކަމަށް ވެސް އެ މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
އޭޖީ އޮފީހުން ބުނީ ސުޕްރީމް ކޯޓުން 2014 ގައި ހިންގި ސުއޯ މޯޓޫ މައްސަލައަށްފަހު ނެރެފައިވާ ގައިޑްލައިނުގެ ނަތީޖާއަކީ ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތަކާ ގުޅޭ ގޮތުން ކޮމިޝަނުގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ހުރަސް އެޅިގެން ދިއުން ކަމަށް ހިއުމަން ރައިޓްސް ކޮމިޓީން ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން ދައުލަތުގެ މުއައްސަސާތަކުން ކުރާ ކަންތައްތަކާއި އާންމު މަސްލަހަތު ހިމެނޭ ކަންކަމުގައި ކޮމިޝަނުން މިނިވަންކަމާއެކު ހިޔާލު ފާޅުކުރުމަށް ހުރަސްއެޅިފައިވާކަން ފާހަގަކޮށްފައިވެ އެވެ.
ރާއްޖޭގެ ސުޕްރީމް ކޯޓުން 2014 ވަނަ އަހަރު ހިންގާފައިވާ ސުއޯ މޯޓޫ މައްސަލައަށް ބެލުމަށްފަހު، އެ ކޮމިޓީން ކަނޑައަޅުއްވާފައިވަނީ އެޗްއާރުސީއެމަށް ކޯޓުން ކޮށްފައިވާ ތުހުމަތުތަކާއި ފާހަގަކޮށްފައިވާ ކަންކަމާއި ނެރެފައިވާ ގައިޑްލައިނަކީ ޝަކުވާ ހުށަހަޅާފައިވާ ފަރާތްތަކުގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު "ގައިދުކުރުން" ކަމަށެވެ.
އަދި އެއީ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާގެ 19 ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން ކަނޑައެޅޭ ވަކި މުހިންމު މަގުސަދެއް ހާސިލުކުރުމަށް ގައިދުކޮށްފައިވާ ގައިދުކުރުމެއް ކަމަށް ނުބެލެވޭނެ ކަމަށް ކޮމިޓީން ކަނޑައަޅާފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ، މުސްތަގުބަލުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަކީ، ދައުލަތުން ކުރަން ޖެހޭނެ ކަމެއް ކަމަށް ވެސް އެ ރިޕޯޓުގައި ނިންމާފައިވާ ކަމަށެވެ.
އެޗްއާރުސީއެމްގެ މައްޗަށް ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިނުގެ ގާނޫނީ ބާރު ނިމުމަކަށް ގެނައުމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހެޅީ 2019 ވަނަ އަހަރު އެވެ. މަޖިލީހުން އެ އިސްލާހު ފާސްކޮށް، ސެޕްޓެންބަރު 22، 2020 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން އެ ގައިޑްލައިނުގެ ގާނޫނީ ބާރު ނިމުމަކަށް އައިސްފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު