ކޮވިޑް-19 އާ ގުޅިގެން މޯލްޑިވްސް ގޭސް އިން އޮކްސިޖަން ސިލިންޑަރު ގަތުމުގައި ކޮރަޕްޝަން ހިންގާފައި ނުވާނެ ކަމަށް އެ ކުންފުނީގެ އެމްޑީ އަލީ އިކްރާމް ވިދާޅުވެއްޖެ އެވެ.
އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި ސަސްޕެންޑްކޮށްފައި ހުރި އިކްރާމްގެ މައްޗަށް ތުހުމަތު ކުރަނީ، އޮކްސިޖަން ސިލިންޑަރު ގަތުމުގައި 16 މިލިއަން ރުފިޔާގެ ކޮރަޕްޝަނެއް ހިންގާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީން ބަލަމުން އަންނަ އެ މައްސަލައާ ގުޅިގެން އިއްޔެ ކޮމެޓީއަށް އޭނާ ހާޒިރު ކުރުމުން އިކްރާމް ވިދާޅުވީ އޮކްސިޖަން ސިލިންޑަރު ގަތުމާ ގުޅޭ ގޮތުން އެ ކުންފުނިން ހަދާފައިވާ އޮޑިޓްގައި ވެސް މައްސަލަތެކެއް އެބަހުރި ކަމަށެވެ. އަދި ބަޔަކު އަޑީގައި ތިބެގެން އޭނާ ފްރޭމް ކުރަމުންދާ ކަމަށް ވެސް އިކްރާމް ތުހުމަތު ކުރެއްވި އެވެ.
އިކްރާމް ވިދާޅުވީ އޮކްސިޖަން ސިލިންޑަރުތައް އޯޑަރު ކުރުމަށް އެޕްރޫވް ދިން އަގަށް ވުރެ ބޮޑު އަގެއް އޮޑިޓް ރިޕޯޓުގައި ޖަހާފައިވާ ކަމަށެވެ. އަދި އޭނާ ތުހުމަތުގެ އިނގިލި ދިއްކުރެއްވީ އޮޑިޓް ރިޕޯޓް ތައްޔާރު ކުރި ފަރާތްތަކަށެވެ.
"އޭރު އޮތީ އެމައްސަލައިގެ އޮޑިޓް ފެށިފަ. އޮޑިޓް ފެއްޓުމަށް ފަހު އަޅުގަނޑު ވަނުމަކީ އެންމެ ރަނގަޅު މަރުހަލާ ކަމަށް ގަބޫލު ނުކުރެވުނީ. ދެން އޭގެތެރެއަށް ވަންނަން ބޭނުން ނުވީ،" އިކްރާމް ވިދާޅުވި އެވެ.
އެފަދަ ބޮޑު މައްސަލައެއް ހިނގައިގެން ދިޔައިރު ކުންފުންޏާ ހަވާލުވެ ހުރި އެންމެ އިސް ފަރާތަކަށް އެކަން ހިނގައިދިޔަ ގޮތް ނޭނގުމަކީވެސް މައްސަލައެއް ކަމަށް ކޮމެޓީ މެންބަރުން ފާހަގަކުރެއްވި އެވެ. އިކްރާމް ވިދާޅުވީ އޭނާ އެކަމުގެ ތެރެއަށް ނުވަންނަވާ ކަމަށާއި ސަބަބަކީ އެއްވެސް ޕްރޮސެސްއެއްގެ ތެރެއަށް އޭނާ ވެންނެވުމަށް ބޭނުންވެވަޑައިނުގަންނަވާތީ ކަމަށެވެ.
އާ އެއްޗިއްސަށް އޯޑަރު ދީ އެއަށްވާ ފައިސާ ދެއްކުމަށްފަހު ބާ އެއްޗެހި ލިބުމުން ބާކީ ފައިސާ ހޯދަން މަސައްކަތް ނުކުރުން މެންބަރުން ފާހަގަކުރެއްވި އެވެ.
އިކްރާމް ވިދާޅުވީ އެކަން އެ ކުންފުންޏަށް އަންގައި ކްރެޑިޓް ނޯޓެއް ހޯދަން މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އެ އެކުންފުންޏާ އޭނާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ވެސް އިކްރާމް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު