ވިލާ ކުންފުނީގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވެލްސް (ޑަބްލިއުއެލްޓީ)އަށް ރަށްތަކެއް ހަވާލު ނުކުރި މައްސަލައެއްގައި 3.3 މިލިއަން ޑޮލަރު ދެއްކުމަށް ސަރުކާރު ހިއްސާވާ އެއާޕޯޓް އިންވެސްޓްމަންޓްސް މޯލްޑިވްސް (އެއިމްސް)ގެ މައްޗަށް ސިވިލް ކޯޓުން އަމަރު ކޮށްފި އެވެ.
އެ މައްސަލައިގައި ޑަބްލިއުއެލްޓީ އިން ދައުވާ ކޮށްފައިވަނީ 2007 ވަނަ އަހަރު އެ ކުންފުންޏަށް ރަށްތަކެއް ދޭން އެއްބަސްވުމަށްފަހު، އެޑްވާންސްގެ ގޮތުގައި 16.9 މިލިއަން ޑޮލަރު ނެގުމަށް ފަހު ރަށްތައް ނުދިނުމުންނެވެ.
އެ މައްސަލައިގައި 2009 ވަނަ އަހަރު ސިވިލް ކޯޓުން ނިންމާފައިވަނީ، އެޑްވާންސަށް ދެއްކި 16.9 މިލިއަން ޑޮލަރާއި ފައިނޭޝަލް ކޮސްޓްގެ ގޮތުގައި 13 މިލިއަން ޑޮލަރު އެއިމްސް ކުންފުނިން ޑަބްލިއުއެލްޓީއަށް ދައްކަން ޖެހޭނެ ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، އެޑްވާންސް ފައިސާގެ ތެރެއިން އެއިމްސްއިން ޑަބްލިއުއެލްޓީއަށް ދައްކަން ޖެހޭ 16.9 މިލިއަން ޑޮލަރުން، ވިލާ އިން ޓެކްސްއަށް ދައްކަން ޖެހޭ ފައިސާ ކެނޑުމުން ޑަބްލިއުއެލްޓީއަށް ދައްކަން ޖެހޭ ފައިސާ ދައްކައި، ނިމިފައިވާ ކަމަށެވެ.
ނަމަވެސް އެޑްވާންސް ފައިސާގެ ގޮތުގައި ސަރުކާރު ހިއްސާވާ އެއިމްސް ކުންފުނިން ދައްކަން ޖެހޭ 1.9 މިލިއަން ޑޮލަރާއި ފައިނޭޝަލް ކޮސްޓްގެ 1.4 މިލިއަން ޑޮލަރު ދައްކާފައި ނުވާކަމަށެވެ. އެހެން ކަމުން އެ 3.3 މިލިއަން ޑޮލަރު އެއް މަސް ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް އެއިމްސްގެ މައްޗަށް ވަނީ ހުކުމް ކޮށްފަ އެވެ.