ޚަބަރު

މިއަދު 125 މީހުން ކޮވިޑަށް ޕޮޒިޓިވް، މާލެ ސަރަހައްދުން 103 ކޭސް

މިދިޔަ 24 ގަޑިއިރު ތެރޭ 125 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 20،919 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ މާލެ ސަރަހައްދުން 103 މީހަކާއި އަތޮޅުތެރެއިން ނުވަ މީހަކާއި އޮޕަރޭޝަނުގައި ހުރި ރިސޯޓުތަކުން 13 މީހުން ކަމަށެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 129 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 18،253 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 2،595 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 179 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 64 މީހަކު ވަނީ މަރުވެފައެވެ. އެއީ 57 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.