ކޮވިޑް-19އާ ގުޅިގެން މޮނިޓަރިންނަށް ލާފައި އޮންނަ ރަށްތަކުގައި ވޯޓު ފޮށި ބެހެއްޓުމާ ގުޅޭ ގޮތުން އިތުރަށް ވިސްނާނެ ކަމަށް ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަނުން ވަނީ، މޮނިޓަރިންގެ ހުންނަ ރަށްތަކުގެ ރައްޔިތުންނަށް ވޯޓު ލުމުގެ ފުރަސަތު ބަންދުވެފައި އޮތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެކަމާ ގުޅިގެން އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވީ، މޮނިޓަރިންގައި އޮންނަ ރަށްތަކުގައި ވޯޓުލުމަށް ލުއިތަކެއް ދިނުމަށް އީސީން އެދިވަޑައިގެންފައިވާތީ އެކަމާ ވިސްނަވާނެ ކަމަށެވެ.
"އަޅުގަނޑުމެނަށް މިހާރު އުސޫލުގައި ކަނޑައެޅިފައެއް ނެތް އެހެން ނަމަވެސް އަޅުގަނޑުމެން އެއަށް ތަންކޮޅެއް ބޮޑަށް ވިސްނާލާނަން. ނަމަވެސް ހާއްސަ ފިޔަވަޅުތަކަކާ އެކީގައި އެކަން ކުރެވޭނީ. އެއްކޮށް ދޫކޮށެއް އަޅުގަނޑުމެނަކަށް ނުލެވޭނެ،" މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްތަކުގައި ވޯޓުލުމާ ގުޅޭ ގޮތުން މައިމޫނާ ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލު ބުނާ ގޮތުން މޮނިޓަރިންގެ ހާލަތުގައި އޮންނަ އެއްވެސް ރަށަކަށް އަރައި ފޭބުމަކީ މަނާ ކަމެކެވެ. އެއީ އިމަޖެންސީކޮށް ސިއްހީ ހިދުމަތް ދިނުމުގެ އިތުރުން އާއިލާއަކަށް ދިމާވާ ކަމެއްގެ ސަބަބުން ހާއްސަ ހުއްދައެއްގެ ދަށުން ދަތުރުކުރުމަށް ދެވޭ ހުއްދަ ފިޔަވައި ކަމަށް މައިމޫނާ ވިދާޅުވި އެވެ.
ކޮވިޑް-19ގެ މި ހާލަތުގައި އިންތިހާބު ބޭއްވުމަށް އެޗްޕީއޭ އިން ގައިޑްލައިނެއް އެކުލަވާލާފައި އޮތް ނަމަވެސް އީސީން ވަނީ އިތުރު ލުއިތަކެއް ދިނުމަށް އެދިފަ އެވެ. އަދި އިތުރު ލުއިތަކެއް ނުދީފި ނަމަ އިންތިހާބު ބޭއްވިދާނެކަމާ މެދު ވެސް އީސީން ވަނީ ސުވާލު އުފައްދާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު