ކޮވިޑް 19 ވެކްސިންސް ގްލޯބަލް އެކްސެސް (ކޮވެކްސް) އިން ރާއްޖެއަށް 113،850 ޑޯޒްގެ ވެކްސިން ލިބޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

ކޮވެކްސް ފެސިލިޓީން އިއްޔެ ވަނީ 12,000 ވެކްސިން ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، ކޮވެކްސް ފެސިލިޓީން އިތުރު ވެކްސިން ރާއްޖެއަށް ލިބޭނެ ކަމަށެވެ.

ނާސިރު ވިދާޅުވީ، ކޮވެކްސް ފެސިލިޓީން ރާއްޖެއަށް ލިބެނީ ފައިޒާ އަދި އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޝީލްޑް ވެކްސިން ކަމަށެވެ.

"އެގޮތުން އަޅުގަނޑު ފާހަގަކޮށްލަން 108،000 ޑޯޒްގެ ކޮވިޝީލްޑްގެ ވެކްސިން އަޅުގަނޑުމެންނަށް ލިބިގެންދާނެ ކަމަށް އަދި 5،850 ޑޯޒްގެ ފައިޒާ އެބަ ހިމެނޭ" ނާސިރު ވިދާޅުވިއެވެ.

އެޗްއީއޯސީން މީގެ ކުރިން ބުނި ގޮތުގައި ކޮވެކްސް ފެސިލިޓީން ރާއްޖޭގެ އާބާދީގެ 20 އިންސައްތަ މީހުންނަށް ޖަހާ ވަރަށް ވެކްސިން ހިލޭ ދޭނެއެވެ. ކޮވެކްސްއަކީ ފަގީރު އަދި މުއްސަނދި ގައުމުތަކުގެ މެދުގައި ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު އުފެއްދި އިނީޝިއޭޓިވްއެކެވެ.

މި އިނީޝިއޭޓިވް އުފައްދާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އާއި ކޯލިޝަން ފޯ އެޕިޑެމިކް ޕްރިޕެއާޑްނަސް އިނޮވޭޝަންސާއި ގްލޯބަލް އެލާޔަންސް ފޯ ވެކްސިން އެންޑް އިމިއުނައިޒޭޝަން އަދި ޔުނިސެފް ގުޅިގެންނެވެ.

މިދިޔަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިން ދޭން ފަށާފައިވާއިރު ރާއްޖޭގައި ޖަހަމުން އަންނަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޝަނުން އުފައްދާ އޮކްސްފޯޑް-އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިނެވެ. މިއަދުގެ ނިޔަލަށް ޖުމުލަ 151،643 މީހަކު ވަނީ ވެކްސިން ޖަހައިފަ އެވެ.