ކޮވިޑް-19 ވެކްސިންސް ގްލޯބަލް އެކްސެސް (ކޮވެކްސް) އިން 12,000 ވެކްސިން ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ ކޮވެކްސް އިން ކޮވިޝީލްޑު ވެކްސިންގެ 12,000 ޑޯޒް މިއަދު ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަމަށެވެ. އެ ފެސިލިޓީން މީގެ ކުރިން ވަނީ ވެކްސިން ޖަހަން ބޭނުންކުރާ 100,000 ސިރިންޖު އަދި އެހެނިހެން އާލަތްތައް ވެސް ހަދިޔާކޮށްފައެވެ.

ކޮވެކްސްއަކީ ފަގީރު އަދި މުއްސަނދި ގައުމުތަކުގެ މެދުގައި ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު އުފެއްދި އިނީޝިއޭޓިވްއެކެވެ.

މި އިނީޝިއޭޓިވް އުފައްދާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އާއި ކޯލިޝަން ފޯ އެޕިޑެމިކް ޕްރިޕެއާޑްނަސް އިނޮވޭޝަންސާއި ގްލޯބަލް އެލާޔަންސް ފޯ ވެކްސިން އެންޑް އިމިއުނައިޒޭޝަން އަދި ޔުނިސެފް ގުޅިގެންނެވެ.

މިދިޔަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިން ދޭން ފަށާފައިވާއިރު ރާއްޖޭގައި ޖަހަމުން އަންނަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޝަނުން އުފައްދާ އޮކްސްފޯޑް-އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިނެވެ. އަދި އިއްޔެގެ ނިޔަލަށް ޖުމުލަ 145،768 މީހަކު ވަނީ ވެކްސިން ޖަހައިފަ އެވެ.