ދަރިވަރުންނާއި ގައުމަކަށް އެންމެ ފައިދާ ވާނެ ގޮތަކީ އެބައެއްގެ އަމިއްލަ އިމްތިހާނެއް އޮތުމުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ދިރާސީ އަހަރު ފެށުން އޮގަސްޓު މަހަށް ބަދަލުކުރިކަން އެންގުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ހުރިހާ ގޮތަކުން ވެސް އެންމެ ފައިދާ ވާނީ ދަރިވަރުންނަށް އެ ގައުމަކުން އަމިއްލަ އިމްތިހާނެއް ދިނުމުން ކަމަށެވެ.
"ދަރިވަރުންނަށް ގައުމަކަށް އެންމެ ރަނގަޅުވާނެ ގޮތަކީ އެބައެއްގެ އަމިއްލަ އިމްތިހާނެއް އޮތުން،" މިނިސްޓަރު ވިދާޅުވި އެވެ.
ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ، އެގޮތަށް ހަމަޖެހިގެން ދިއުމުން ދަރިވަރުން ކިޔަވާ އެއްޗެހި ބޮޑަށް ދިމާވެ އަދި ގުޅިގެން ދާނެ ކަމަށެވެ. އަދި ދަރިވަރުންނަށް ފައިދާތަކެއް ލިބިގެން ދާނެ ކަން މިނިސްޓަރު ތަކުރާރު ކުރެއްވި އެވެ.
"އެހެންވީމަ އަޅުގަނޑުމެންގެ ވެސް އުންމީދަކީ ރާއްޖޭގެ އެގްޒަމިނޭޝަން ސިސްޓަމް ލޯކަލް އެގްޒެމިނޭޝަން ސިސްޓަމަކަށް ހެދުން. ނަމަވެސް އަދި އަޅުގަނޑުމެން އެގޮތަކަށް ކަންކުރާކަށް ނިންމާފައެއް ނެތް. ދުރުމުސްތަގުބަލުގައި ހިޔާލުތަކެއް ވިސްނުންތަކެއް އެގޮތަށް އެބަހުރި." މިނިސްޓަރު ވިދާޅުވި އެވެ.
އެހެން ވިސުނުން ހުރި ނަމަވެސް އަދި ކުރިއަށް ދާން ނިންމާފައި އޮތީ ކެމްބްރިޖް އާއި އެޑްކްސެލް އިމްތިހާނާއި އެކު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު