ކޮވިޑް-19 ގެ ފަރުވާއަށް ރާއްޖެއަށް ބޭނުންވި ވެންޓިލޭޓަރުތަކުގެ ތެރެއިން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި ވެންޓިލޭޓަރުތައް ލިބޭނެ ކަމުގެ ޔަގީންކަން ނެތުމުން ދެން އަމަލުކުރާނެ ގޮތަކާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ ލަފަޔަކަށް އެދިއްޖެ އެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަން ދުބާއީ ކުންފުންޏާ ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށެވެ. އެ އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ. އެކުންފުންޏާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ފުރަތަމަ ފޮނުވީ 11 ވެންޓިލޭޓަރެވެ. ނަމަވެސް އެތަކެތީގައި ހުންނަން ޖެހޭނެ ކަމަށް އެއްބަސްވި ފީޗާސްތައް ނެތުމުން އެތަކެތި ހެލްތު މިނިސްޓްރީން ބަލައިގެންފައެއް ނުވެ އެވެ. ނަމަވެސް ފަހުން ވަނީ އިތުރު 15 ވެންޓިލޭޓަރު ފޮނުވައިފަ އެވެ. އަދިވެސް ބާކީ 60 ވެންޓިލޭޓަރު ލިބެންޖެހެ އެވެ.
މި ވެންޓިލޭޓަރުތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގުރާމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިރޭ ވިދާޅުވީ ދުބާއީގެ ކުންފުނީގެ އަމަލުތައް ހުރި ގޮތުން އެ އެއްޗެހި "ލިބޭނެ ހެން ހީނުވާ" ކަމަށާއި އެހެންކަމުން އެކަމުގައި ފިޔަވަޅު އަޅަން ޖެހޭނީ އެހެން ގޮތަކަށް ކަމަށެވެ.
"އެކަމުގައި (ވެންޓިލޭޓަރުގެ މައްސަލައިގައި) ސަރުކާރުން ޖެހޭނީ ވަކި ގޮތެއް ނިންމަން. އެކަމުގައި ސަރުކާރުގެ ވަކީލަށް ވާނީ ސިޓީ ފޮނުވާފައި،" ނަސީމު ވިދާޅުވި އެވެ.
ނަސީމު ވިދާޅުވީ، އެކަމުގައި ތަހުގީގު ކުރަންޖެހޭ މައްސަލައެއް އޮތް ނަމަ އެކަން އެ މުއައްސަސާއަކުން ކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ޝަރީއަތަށް ފޮނުވަންޖެހޭނަމަ އެކަން ވެސް ކުރާނެ ކަމަށެވެ. ނަމަވެސް އެކަމަކީ ހިނގާ ނިމިފައި އޮތް ކަމެއް ކަމަށާއި އެކަމުގެ ތެރެއަށް ވަނުމުގެ ބޭނުމެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، މަގާމުން އިސްތިއުފާ ދެއްވީ ވެސް މި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އޭނާއަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވި ނަމަވެސް، އެ އޮފީހުން އެ މައްސަލަ އަނބުރާ ފޮނުވާލުމުން، އަމީނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުންނެވެ.
އޮޑިޓް އޮފީހުން އާންމުކުރި ހެލްތު މިނިސްޓްރީގެ ކޮމްޕަލަޔަންސް އޮޑިޓް ރިޕޯޓުގައި ދުބާއީ ކުންފުންޏަކަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި އިރު އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ބަލާފައިނުވުމާއި އެ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް 34,502,250 ރުފިޔާއަށް ހަވާލުކުރި ނަމަވެސް އެފަދަ ބޮޑު މަޝްރޫއެއް ކުންފުންޏަކާ ހަވާލުކުރާއިރު އެކަން ކުރެވޭނެ މާލީ އަދި ފަންނީ ގާބިލުކަން ލިބިފައިވާ ކުންފުންޏެއްކަން ބަލައިފައެއް ނުވެ އެވެ.
މީގެ އިތުރުން ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް ދުބާއީގެ އެގްޒެކިއުޓާސްއާއެކު ހެދި އެއްބަސްވުމުގެ ދަށުން ހެލްތު މިނިސްޓްރީން ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު ދެ ފަހަރެއްގެ މަތިން އެ ޕްރޮޖެކްޓުގެ އަގުގެ ޖުމްލަ 90 ޕަސެންޓް ކަމުގައިވާ 30.9 މިލިއަން ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާފައިވާ ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު