އިންހައުސް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ދިނުމުގެ ބަދަލުގައި ރާއްޖޭގައި ގާއިމުވެފައިވާ އިންޝުއަރެންސް ނިޒާމުގެ ތެރެއިން މުވައްޒަފުންނަށް އިންޝުއަރެންސްގެ ހިދުމަތް ދިނުމަށް ސްޓެލްކޯއަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ފާސްކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެގޮތަށް ފާސްކުރީ، އެ ކުންފުނީގެ އިންޝުއަރެންސް ކަންތައްތަކާ ގުޅޭ ގޮތުުން ހުރި ކަންބޮޑުވުންތައް ބެލުމަށްފަހުގައެވެ.

އެ ނިންމުމާއެކު އެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ، އާސަންދައިގެ ދަށުން ރާއްޖޭގައި ހެލްތު އިންޝުއަރެންސް ސްކީމެއް ގާއިިމު ކޮށްފައިވާއިރު އެ ސްކީމުގެ ދަށުން ހުރިހާ ދިވެހި ރައްޔިތުންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ދައުލަތުގެ ހަރަދުގައި ލިބޭތީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުންނަށް ވަކި ހެލްތު އިންޝުއަރެންސް ކުންފުންޏެއް މެދުވެރިކޮށް، އިންޝުއަރެންސް ހިދުމަތް ދިނުމުން، އެއް ހިދުމަތެއް ދެފަރާތަކުން ދެވި، ހަރަދު ބޮޑުވެ އިސްރާފު ކުރެވޭ ކަމަށެވެ.

އާސަންދައިގެ ދަށުން ސްޓެލްކޯގެ މުވައްޒަފުންނަށް ވެސް ހެލްތު އިންޝުއަރެންސް ލިބިދޭތީ، އެހެން ފަރާތްތަކާއެކު ހެލްތު އިންޝުއަރެންސްއާ ބެހޭ އެއްބަސްވުމެއްގައި ސޮއިނުކުރުމަށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ނަމަވެސް 19 ޖޫން 2007 އިން 18 ޖޫން 2018 އަށް ސްޓެލްކޯގެ މުވައްޒަފުންގެ ހެލްތު އިންޝުއަރެންސް ދެމުން ގެންދިޔައީ އެލައިޑް އިންޝުއަރެންސުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

"ކުންފުންޏަށް އަދި އިންޝުއަރެންސްގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ވީހާވެސް ގެއްލުން ކުޑަކޮށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދިނުމަށާއި އެކަށީގެންވާ އަވަސް ހިދުމަތެއް ދެއްވުމަށް މުވައްޒަފުންނާ މަޝްވަރާކޮށް ކުންފުނިން އިން-ހައުސް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށް ދިނުމަށް އުސޫލެއް އެކުލަވާލައި 19 ޖޫން 2018 ގައި ހިދުމަތް ދޭން ފަށާފައިވޭ،" ރިޕޯޓުގައިވެއެވެ.

ސްޓެލްކޯގެ އިންޝުއަރެންސްގެ ދަށުން ހިދުމަތް ލިބޭ ފަރާތްތަކަށް އަހަރު ދުވަހުގެ މުއްދަތަށް ޖުމްލަ ޕެކޭޖު ކަވަރޭޖުގެ ގޮތުގައި ހަމަޖައްސާފައިވާ މިންވަރަކީ 250،000 ރުފިޔާ ކަމަށާއި އަދި ތަފާތު އެކި ސިއްހީ ހިދުމަތްތަކަށް ސަބް ލިމިޓް ކަނޑައަޅާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އެހެންކަމުން ސްޓެލްކޯ އިން އިން-ހައުސްކޮށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ދިނުމަކީ ބެސްޓު ޕްރެކްޓިސްއެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.