އެނބުރި ޗެލްސީއަށް ދިއުމުގެ ވިސްނުން ގެންގުޅޭ ކަމަށް ބްރެޒިލްގެ މިޑްފީލްޑަރު އޮސްކާ ބުނެފިއެވެ.

ޗެލްސީގައި ކާމިޔާބު ފަސް ސީޒަނަކަށްފަހު އޮސްކާ، އޭޝިއާގެ އެންމެ ވަރުގަދަ އެއް ލީގު، ޗައިނާ ލީގަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. 60 މިލިއަން ޕައުންޑުގެ އަގަކަށް އޮސްކާ ޗައިނާ ސުޕަ ލީގުގެ ޝަންހާއި އެސްއައިޕީޖީއަށް ބަދަލުވެފައިވަނީ ސީޒަނެއްގެ މައްޗަށް 25 މިލިއަން ޕައުންޑު ޖެހޭ މުސާރައެއްގައެވެ.

އުމުރުން 29 އަހަރުގެ އޮސްކާ، ޗައިނާގައި ވެސް ކާމިޔާބުތަކެއް ހޯދާފައިވާއިރު، އޮސްކާ ބުނެފައިވަނީ ކެރިއަރު ނިންމާލަން ބޭނުން ވަނީ ޗެލްސީގައި ކަމަށެވެ.

"އަހަރެން ކެރިއަރު ނިންމާލަން ގަސްތު ކުރަނީ ޗެލްސީގައި. އެ ކުލަބަކަކީ އަހަރެންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިން ކުލަބު. އެއީ ޗެމްޕިއަންސް ލީގުގައި ކުޅުމާއި ވޯލްޑު ކަޕުގައި ކުޅުމުގެ އިތުރުން ޕްރިމިއާ ލީގު ކާމިޔާބު ކުރުން،" އޮސްކާ ބުނެފައިވެއެވެ.

ޗެލްސީ ޖާޒީގައި 203 މެޗު ކުޅެ، ދެފަހަރަށް ލީގާއި ޔޫރޮޕާ ލީގު ވެސް އެ ކުލަބާއެކު ކާމިޔާބު ކޮށްފައިވާ އޮސްކާ ކުރިން ބުނެފައިވަނީ އޭނާ ޗައިނާއަށް ގޮސްފައިވަނީ އާއިލީ ކަންކަމަށް ފައިސާ ބޭނުންވާތީ، އެ ފައިސާ ހޯދުމަށް ކަމަށެވެ. އެކަމަށް ފާޅުގައި ވާހަކަ ދައްކައި އޮސްކާ ބުނެފައިވަނީ އާއިލީ ކަންކަމަށް ފައިސާ ބޭނުންވާ ބޭނުންވުން އާންމުނަށް ވެސް އިހުސާސް ކުރެވޭނެ ކަމަށާއި ފަގީރުކަމުން އަރައިގަނެ، އަމިއްލަ ފުދުންތެރިކަަމަށް މަސައްކަތް ކުރުމަކީ ވެސް ފުޓުބޯޅައިން ހާސިލުކުރަން އޭނާއަށް މަޖުބޫރުވި ކަމެއް ކަމަށެވެ.