ގއ. ވިލިނގިލީ ފަޅުތެރޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަ އަނިޔާތަކެއް ލިބުނު މީހާ އިތުރު ފަރުވާ އަށް އިންޑިއާއަށް ގެންގޮސްފި އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ވިލިނގިލީ ފަަޅުތެރޭގައި ކޫއްޑޫން ވިލިނގިއްޔަށް ދަތުރު ކުރި ލޯންޗަކާއި ވިލިނގިލިން މަހަށް ފުރި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓުގައި ދޯނީގައި ތިބި ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބުނުއިރު ހާލު ސީރިއަސްވީ ލޯންޗުގައި އިން މުހައްމަދު ޖަޒްލާން ޖާވިދަށެވެ.

އެކްސިޑެންޓުގައި ޖަޒްލާންގެ ވައަތު ލޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު މޫނު މަތިން ބޮޑުތަނެއް ވަނީ ކަފައިގެން ގޮސްފަ އެވެ.

ޖަޒްލާންގެ ކޮއްކޮ ޖީލާން ޖާވިދު މިއަދު "ވަން" އަށް ބުނީ އިތުރު ފަރުވާއަށް ޖަޒްލާން އިއްޔެގެ ވަގުތެއްގައި އިންޑިއާގެ ބެންގަލޫރުގައި ހުންނަ މަނިޕާލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ލޮލަށް ލިބުނު ގެއްލުން ފިޔަވާ އިތުރު ސީރިއަސް އަނިޔާތަކެއް ލިބިފައި ނެތް ކަމަށް ބުންޏެވެ.

"މިކޮޅުން ޑޮކްޓަރުން ބޭނުންވީ ވީހާވެސް އަވަހަކަށް ފަރުވާ ދޭން ފޮނުވަން. ލޮލަށް ވަރަށް ބޮޑަށް ގެއްލުން ވެފައި ހުރުމުގެ ސަބަބުން އިއްޔެގެ ވަގުތެއްގަ ފުރުވާލީ." އޭނާ ބުންޏެވެ.

ވިލިނގިލިން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނީ އެ އެކްސިޑެންޓު ހިނގީ ދޯނީގައި ދިއްލަންޖެހޭ ނެވިގޭޝަން ލައިޓް ނުދިއްލާ ދަތުރުކުރުމުގެ ސަބަބުން ކަމަށެވެ.

އެކްސިޑެންޓުގައި ދޯނީގައި ތިބި މީހުންގެ ތެރެއިން އެކަކުގެ އަތް ބިންދައިގެން ދިއުމުގެ ސަބަބުން ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ފަރުވާދީފަ އެވެ. އަދި އަނެއް ދެ މީހުން ވެސް ވަނީ ފަރުވާއަށްފަހު އެ ރޭ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.