ޖިންސީ މުއާމަލާތް ހިންގުމަށް އެދުނުކަން ސާބިތުވިޔަސް އަދަބު ކަނޑައެޅޭނެ ތަނެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައަކީ، ގ.އެއްތެޔޮމާގެ/ އަބްދުލް ޣަނީ އިސްމާއީލް، އާންމުތަނެއްގައި ހުރި މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާ ވާނެކަން ނުވަތަ އުނދަގޫ ވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، ޖިންސީ މުއާމަލާތެއް ހިންގުމަށް އެދިފައިވާ ކަމަށް ބުނެ ދައުލަތުން ކުރި ދައުވާ އެކެވެ.
މި މައްސަލަ ކުރިމިނަލް ކޯޓުން ބަލައި މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، ރޭގަނޑު 7:30 އެހާކަންހާއިރު ސ. ހިތަދޫ/ ކާނޭޝަން ވިލާ އައިމިނަތު މަލްހާ އަސްލަމް، މަޖިދީމަގުން މާފަންނާވީކޮޅަށް ހިނގާފައި ދަނިކޮށް ބޭންކު އޮފް މޯލްޑިވްސްއާ ހިސާބު މަގުމަތިން އަބްދުލް ޣަނީ އިސްމާއީލް، ސައިކަލުގައި އައިމިނަތު މަލްހާގެ ފަހަތުން ދިޔައިރު، ޣަނީ ލައިގެން ހުރި ފަޓުލޫނުގެ މަތިން ޣަނީގެ ކުރިމަތި ފަރާތުގައި ތަކުރާރުކޮށް އަމިއްލަ އަށް އަތްލަމުންދިޔަ ކަމަށެވެ.
އެގޮތަށް ގޮސް، މަޖިދީމަގު ގަލޮޅު ބޯޅަދަނޑާ ހިސާބުގައި ހުންނަ މިސްކިތް ކައިރިން، ޣަނީ ކައިރީގައި ބޭނުންވަނީ ކޮން ކަމެއްތޯ މަލްހާ ސުވާލު ކުރުމުން، މަލްހާއާއެކު ޖިންސީ މުއާމަލާތް ހިންގުމަށް ބޭނުންވާ ކަމަށް ބުނެ ޖިންސީ މުއާމަލާތް ހިންގުމަށް ޣަނީ މަލްހާގެ ކިބައިން އެދިފައިވާ ކަމަށް ދައުލަތުން ހުށަހެޅި ދައުވާއަށް، ޣަނީ އިންކާރު ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެ މައްސަލައިގައި ޝަރީއަތަށް ހުށަހެޅި ހެއްކާއި ގަރީނާއިން މި ދައުވާ ޝަރީއަތަށް ސާބިތުވާތީ، އާންމު ތަނެއްގައި ހުރި މީހަކު އެމީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުން ޣަނީ ކުއްވެރި ވެއްޖެ ކަމަށް ކަނޑައަޅާ ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް ގާނޫނުލް އުގޫބާތުގެ 94 ވަނަ މާއްދާގެ (ށ)އަށް ރިއާޔަތްކޮށް ޣަނީގެ މައްޗަށް މި ކުށަށް އަދަބު ކަނޑައެޅޭނެތަނެއް ނެތް ކަމަށް ކަޑައަޅައި ހުކުމްކޮށް، ކުރިިމިނަލް ކޯޓުން ވަނީ އެ މައްސަލަ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު