އުމުރުން ދުވަސްވީ ބައެއް މީހުންނާއި ހައިރިސްކް ބައެއް މީހުން ވެކްސިން ނުޖަހައި އަދިވެސް އެބަތިބި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑުން ރައްކާތެރި ވެވޭނީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖަހައިގެން ކަމަށެވެ. އަދި ވެކްސިން ޕްރޮގްރާމް ފަށައިގެން ކުރިއަށްދާއިރު ވެކްސިން ޕްރޮގްރާމަށް ބައެއް ކެޓަގަރީތަކުން ތަރުހީބު ކުޑަކަން ފާހަގަކުރެއްވިއެވެ.

"އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުމަށް އެއްކޮށް ހުޅުވާލެވިފައި މިވަނީ. ނަމަވެސް އެންމެ ބޭނުންވާ ވަރަށް ވެކްސިން ޖެހުމަށް ގިނަ ފަރާތްތަކުން އަދިވެސް ވަޑައެއްނުގަންނަވާ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ވެކްސިން ޖެހުމުގައި އުމުރުން ދުވަސްވީ މީހުންނާއި ހައިރިސްކް މީހުންނަށް އިސްކަން ދިން ނަމަވެސް އަދިވެސް އެފަދަ ބައެއް މީހުންނަށް ވެކްސިން ނުދެވި އެބަތިވި ކަމަށާއި އެޗްއީއޯސީގެ އެދުމަކީ ވީހާވެސް ގިނަ ބަޔަކު ވީހާވެސް އަަވަހަށް ވެކްސިން ޖެހުން ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ. ރާއްޖޭގައި ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 137،124 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.