(1 މާޗުގެ އަދަދާ ގުޅޭ)

أبــو يـعـقــوب ޖަވާބު ދެއްވިއެވެ. "ކަލާ ހިތްޕުޅު ހަމަޖައްސަވާ. عمــر المـتــوكّـل އަށް އަޅުގަނޑުމެން ހުށަހަޅާ ޝަރުޠުތައް ވަރަށް ހަރުކަށިވާނެ. އަނެއްކާ عمــر އާއި معـتـمـد އާވެސް ވަރަށް ތަފާތު. އޭނާގެ އެންމެ ރަނގަޅުކަމަކީ އޭނާއަކީ އަލްފާންސޫގެ ޑޯލާރަސްކަލެއް ނޫންކަން. މީގެއިތުރަށް ވެރިޔެއްގެ ހައިސިއްޔަތުންވެސް އޭނާ ޝަރުޢީ އިންތަކަށް ޙުރުމަތްތެރިކޮށް ހިއްތަވާ. ކުޑައިރުކޮޅެއްގެ ތެރޭގައި ޝާހީ އީވާނުގައި ރަށުގެ ބޮޑުންގެ ބައްދަލުވުމެއް އޮންނާނެ. ކަލާ އަޅުގަނޑާއެކު އެތަނަށް ވަޑައިގަންނަވާން ތައްޔާރުވެވަޑައިގަންނަވާ!"

شيـخ أبــو يـعـقــوب އާއި أحمـد އާ ދެބޭފުޅުން ސަހަރަށް ވަޑައިގަންނަވާން އިރުކޮޅެއްގެ ތެރޭގައި ގެއިން ނުކުމެވަޑައިގެންފިއެވެ.

عبـدالمـنعــم ޠުލައިޠުލާގެ ޖަލުން ސަރަޙައްދީ ކިއްލާގެ ޖަލަށް ބަދަލުކުރެވުނުތާ ފަސްހަފުތާ ވެއްޖެއެވެ. ޤައިދީންގެ ޢަދަދު ގިނަވަމުންގޮސް ކިއްލާގެ ފާރަވެރީންގެ ޢަދަދަށްވުރެ ޤައިދީންގެ ޢަދަދުވަނީ ދޮޅުގުނަ އިތުރުވެފައެވެ. ކިއްލާގައި ތިބި ސިފައިންގެ ކޮމާންޑަރަކީ އުމުރުފުޅުން ދުވަސްފުޅުވީ ތަޖުރިބާކާރު ސިފައިންގެ ބޭފުޅެކެވެ. ޠުލައިޠުލާގެ ސަރަޙައްދުގެ ވަރަށް މުހިންމު ދިފާޢީ ކިއްލާއެއް މިހާރުވަނީ ޖަލަކަށް ބަދަލުވެފައެވެ. އެއީ ކިއްލާގެ ކޮމާންޑަރު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަމެއް ނޫނެވެ.

އެއްދުވަހެއްގެ ހަވީރެވެ. ކިއްލާގެ ފާރަވެރީންގެ ހަތަރު މީހަކު عبـدالمـنعــم ގެ އަރިހަށްގޮސް އޭނާ ހުންނެވި ވަތްގަނޑުން ނެރެގެން ކޮމާންޑަރުގެ އަރިހަށް ގެންގޮސްފިއެވެ. ކޮމާންޑަރު އިންނެވީ ކިއްލާގެ މަތީބުރީގެ ކޮޓަރިޔެއްގައެވެ. އޭނާގެ ކުރިފުޅުމަތީގައިހުރި މޭޒުމަތީގައި ތަރުތީބެއްނެތް ކަރުދާސްތަކެއް ވިހުރުވައިލައިފައި ހުއްޓެވެ. ކޮމާންޑަރުގެ ވާތްޕުޅުފަރާތުގައިހުރި ގޮނޑިޔެއްގައި ފުލުހުންގެ އޮފިސަރެއް އިންނެވިއެވެ. عبـدالمـنعــم އެކޮޓަރިޔަށް ވެދެވަޑައިގެންނެވުމުން އެބޭފުޅުން އިރުކޮޅެއްވަންދެން އޭނާއާ ދިމާޔަށް ބަލަހައްޓަވައިގެން ތިއްބެވިއެވެ. ކޮމާންޑަރު އިރުކޮޅަކުން އޭނާގެ އަރިހުގައި އިންނެވި ފުލުސް އޮފިސަރާ ދިމާޔަށް ބައްލަވައިލައްވައިފައި ސުވާލު ކުރެއްވިއެވެ. "މިއީތޯ އޭނާ؟"

ޒުވާނާ އާނއެކޭ ވިދާޅުވުމުގެ ގޮތުން އިސްތަށިފުޅު ޖައްސަވައިލެއްވިއެވެ. ކޮމާންޑަރު ފާރަވެރީންނަށް އިޝާރާތްކޮށްލެއްވުމުން އެމީހުން ބޭރަށް ނުކުމެއްޖެއެވެ. ފާރަވެރީން ބޭރަށް ނުކުތުމުން އޭނާ عبـدالمـنعــم އާ ދިމާޔަށް ބައްލަވައިލައްވައިފައި ސުވާލު ކުރެއްވިއެވެ. "ކަލާގެ ނަންފުޅަކީ عبـدالمـنعــم ތޯ؟"

"އާދެ!" عبـدالمـنعــم މަޑުމަޑު އަޑުފުޅަކުން ޖަވާބު ދެއްވިއެވެ.

"ކަލާ މިތަނަށް ގެނެވުނީ ޤުރުޠުބާއިން ޠުލައިޠުލާއަށް ގެނެސްފައި ޠުލައިޠުލާއިން ދޮގެއްތޯ؟"

عبـدالمـنعــم ޖަވާބު ދެއްވިއެވެ. "އާދެ. އެކަމަކު ކަލާއަށް އަޅުގަނޑާ ތިޔަ ސުވާލު ނުކުރެއްވިކަމުގައިވިޔަސް އަޅުގަނޑަށްޓަކައި އަލަށް ހަމަޖެހުނު ޖަލެއްގެ ނަން ވިދާޅުވެވިދާނެ."

މުސްކުޅިފުޅު ކޮމާންޑަރު އޭނާގެ މޫނުފުޅުމައްޗަށް މޮޅިވެރި ހިނިތުންވެވަޑައިގެންނެވުމެއް ވެރިކުރައްވައިފައި ވިދާޅުވިއެވެ. "ކޮންމެވެސް ދުވަހަކުން މި ކިއްލާގެ ކޮމާންޑަރުކަމުގެ ބަދަލުގައި ޖަލެއްގެ ބަނޑޭރިޔަކަށް ވާންޖެހޭނެކަން އެނގުނުނަމަ އަޅުގަނޑު ޠުލައިޠުލާގެ ސަރުކާރުގެ ވަޒީފާ އަދާނުކުރުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑު މިހައިތަނަށް މަސައްކަތް ކޮށްފައިވާނީ ޤައިދީންނަށް އެއްވެސްކަހަލަ ޝަކުވާއެއް ކުރެވުނަނުދީވޭތޯ ބަލަން. ކޮންމެއަކަސް މިވަގުތު އަޅުގަނޑުގެ މަޤުޞަދަކީ އަމިއްލަ ނަފުސު ދިފާޢުކުރާން މަސައްކަތް ކުރުމެއް ނޫން. ކަލާ އަޑުއައްސަވައިފައިވާނޭ ފަދައިން أميــر يحـيى ފިލައިވަޑައިގެންފި. ޠުލައިޠުލާގެ ރައްޔިތުންވަނީ އަލްފާންސޫގެ ބަދަލުހިއްޕެވުމުގެ ޙަމަލައެއްގެ ނުރައްކާ އިޙުސާސު ކުރެވިގެން ބިޠުލިޔޫސުގެ ވެރިޔާ عمــر المـتــوكّـل ގެ އަރިހަށް ވަފުދެއް ފޮނުވައިފައި. އުންމީދުކުރެވޭ ގޮތުގައި ބިޠުލިޔޫސުގެ ސިފައިން ޠުލައިޠުލާ ޙިމާޔަތްކުރާން ވަރަށް އަވަހަށް އަތުވެދާނެ. އަޅުގަނޑު ގަސްދުކުރަނީ ޠުލައިޠުލާގެ ހުރިހައި ސިޔާސީ ހައްޔަރީން ދޫކޮށްލާން. ޚާއްޞަކޮށް އެބޭފުޅުންނާ ބެހޭގޮތުން މިތާނގައި އެއްވެސް ރެކޯޑެއްނެތް ބޭފުޅުން ދޫކޮށްލާން. މިކަމާބެހޭގޮތުން ޠުލައިޠުލާގެ އައުސަރުކާރުގެ މަޝްވަރާއަށް އެދި އަޅުގަނޑު ލިޔެވެސްފިން. އެކަމަކު އަދިވެސް ޖަވާބެއް ނުލިބޭ. ދާދި ދެންމެޔަކު އަޅުގަނޑަށް ޚަބަރުލިބުނު ގޮތުގައި އަލްފާންސޫގެ ސިފައިން އަޅުގަނޑުމެންގެ ސަރަޙައްދާ ދިމާޔަށް އެބައާދޭ. އެމީހުންގެ ބައެއް ގެމަތައް މިކިއްލާއާ ވަރަށްގާތަށް އަތުވެއްޖެ. އެމީހުން މިރޭ ނުވަތަ މާދަމާ ހެނދުނު މިހިސާބަށް އައުމަކީ އެކަށީގެންވާ ކަމެއް. އެހެންކަމުން އަޅުގަނޑު ބޭނުންވަނީ ޤައިދީން ވަގުތުން ދޫކޮށްލާން. މީގެ ތަންކޮޅެއް ކުރީން ކަލާއާ ބެހޭގޮތުން އަޅުގަނޑަށް މަޢުލޫމާތު ނުލިބުނުކަމީ ވަރަށް ދެރަކަމެއް. މިއިންނެވީ ޠުލައިޠުލާގެ ފުލުހުންގެ އޮފިސަރެއް. އޭނާ އެވަޑައިގަތީ ހަމަ ދެންމެއަކު. އޭނާ ވިދާޅުވާގޮތުގައި މުޅި އަންދަލުސު އެބޭފުޅުންނަށްޓަކައި ފަޚުރުވެރިވާން ޖެހޭފަދަ ބޭފުޅުންވެސް އަޅުގަނޑުގެ ހައްޔަރުގައި އެބަތިއްބެވި."

ފުލުސް އޮފިސަރު ތެދުވެވަޑައިގެން އެތާނގައި ހުހަށްހުރި ގޮނޑިޔެއް ގެންނަވައި މޭޒުކައިރީގައި ބަހައްޓަވައިފައި عبـدالمـنعــم އާ ދިމާޔަށް ވިދާޅުވިއެވެ. "އިށީނދެވަޑައިގަންނަވާ! ކަލާއަށް އަޅުގަނޑު އެނގިވަޑައެއް ނުގެންނެވި ދޮގެއްތޯ؟" އަޅުގަނޑަކީ ކަލާ ޤުރުޠުބާގެ ޖަލުން ޠުލައިޠުލާގެ ޖަލަށް ގެނައި ފުލުހުންގެ ތެރެއިން ހިމެނޭ މީހެއް. އޭރަކު އަޅުގަނޑުމެންނަކަށް އަޅުގަނޑުމެންނަށް މިކުރެވެނީ ކީއްކަމެއް ނޭނގޭ. އަޅުގަނޑަކީވެސް ޠުލައިޠުލާގެ ޝާހީ ޢާއިލާއިން ވެރިކަމުގެ ދަހިވެތިކަމުގައި ބޭނުންކުރި ހަތިޔާރަކަށްވި އެތަކެއްހާސް މީހުންގެ ތެރެއިން އެކެއް. އެކަމަކު މިހާރު އަޅުގަނޑަށް އިޙުސާސުވަނީ އަޅުގަނޑުމެން އެ އަލިފާންގަނޑެއްގެ ދަރުކަމުގައިވާން ރުހިގަބޫލުވި އަލިފާންގަނޑު ޚުދު އަޅުގަނޑުމެންގެ ގެދޮރާ ދިމާޔަށްވެސް ފެތުރެމުން އެބަދާކަން. يحـيى ޠުލައިޠުލާގެ ތަޚުތުގައި އަލުން ބޭންދުމުގެ ކުރީން އަލްފާންސޫ ބޭނުންފުޅުވަނީ يحـيى އޭނާއަށް ދެއްވި ކިއްލާތަކަށް އޭނާގެ ބާރު ހިންގަވާން އަލްފާންސޫގެ އެދިވަޑައިގަތުމާ ގުޅިގެން أميــر يحـيى ކިއްލާތަކުގެ ކޮމާންޑަރުންނަށް އަންގަވައިފައިވަނީ އަލްފާންސޫގެ ސިފައިންނާ ހަނގުރާމަނުކޮށް އެމީހުންނާ ކިއްލާތައް ހަވާލުކުރާން، يحـيى އަޅުގަނޑު ފޮނުއްވީ ޤަޞްޠިލާގެ ސިފައިންނާ މިކިއްލާ ހަވާލުކުރުވަން. އެކަމަކު މިހާރު އަޅުގަނޑު ބޭނުންވަނީ އަޅުގަނޑަށް މީގެކުރީން ކުރެވުނު ފާފަތަކުގެ ކައްފާރާ އަދާކުރެވޭތޯ ބަލަން....."

عبـدالمـنعــم ފުލުސް އޮފިސަރުގެ ވާހަކަފުޅު މެދުކަނޑުއްވައިލައްވައިފައި ވިދާޅުވިއެވެ. "..... މިއީ ދިގު ވާހަކަފުޅުތަކަކަށް އެންމެ އެކަށީގެންވާ ވަގުތެއްކަމުގައި ނުވެދާނެ. އަޅުގަނޑު ބޭނުންވަނީ ތިޔަބޭފުޅުން އަޅުގަނޑުމެން ދޫކޮށްލައްވާން ކުރައްވާނީ ކޮން ޝަރުޠުތަކެއްކަން އޮޅުންފިލުވަން."

ފުލުސް އޮފިސަރުގެ ބަދަލުގައި ކިއްލާގެ ކޮމާންޑަރު ޖަވާބު ދެއްވިއެވެ. "ތެދުތެދަށް ދަންނަވާނަމަ ތިޔަބޭފުޅުން ދޫކޮށްލުމަކީ އަޅުގަނޑުމެންގެ މަޖުބޫރީއެއް. ތިޔަބޭފުޅުންނަށް އިޙުސާންތެރިވުމެއް ނޫން. ހަމަ މިހާރުވެސް އަލްފާންސޫގެ ލަޝްކަރު މިކިއްލާގެ ދޮރުގައި ޓަކިދޭން ފަށައިފާނެ. އޭރަކުން ޤައިދީން ޙިމާޔަތްކުރުމަކީވެސް ނުވަތަ ބެލެހެއްޓުމަކީވެސް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްނޫން. އަޅުގަނޑު ކަލާ ބަލައި މިފޮނުވީ ކަލާގެ އެކުވެރީން ޞުލްޙަވެރިކަމާއެކު ކިއްލާއިން ނެރުއްވައިގެން ގެންދަވާށޭ ދަންނަވާންވެގެން. ތިޔަބޭފުޅުންގެ ތެރޭގައި ތިއްބެވި ފައިމަގުގައި ދަތުރުކުރެއްވޭވަރު ނުވާ ބޭފުޅުންނަށް އަޅުގަނޑު އަސް އަރުވާނަން."

ކުއްލިޔަކަށް عبـدالمـنعــم އަށް އުދުހިވަޑައިގެންނެވުނީ ޚިޔާލުފުޅުގެ މުޅީން އެހެން ދުނިޔެއަކަށެވެ. އޭނާއަށް ކަރުނަފޮދާއި، ރީތި ރާގުތަކާއި ހިނިފުޅުވެޑުވުމުގެ ސައިލެއްގައި ބެހިވަޑައިގެންނެވެނީއެވެ. "އަހަރެންގެ އަންހެނުން. އަހަރެންގެ ކުދީން." އޭނާ މާޒީގެ ފަރުދާތައް ކައްސަވައިލައްވައިފައި މިހާރު އެހުންނެވީ ޤުރުޠުބާގައިހުރި އޭނާގެ ބޮޑުސިންގާ ރީތި ފައްކާ ގަނޑުވަރުގެ ގޯތިތެރޭގައެވެ. حسن އޭނާގެ ފައިންޕުޅުގައި އޮޅުލައިވަޑައިގެންފައި ވިދާޅުވަނީއެވެ. "ބައްޕާފުޅާ! ބައްޕާފުޅުގެ އަރިހުގައި އަޅުގަނޑު ގެންދަވާ! ބައްޕާފުޅުވަނީ ހަނގުރާމަ ނިމުމުން އަޅުގަނޑު ގޮވައިގެން ބޭރަށް ވަޑައިގަންނަވާން ވަޢުދުވެވަޑައިގެންފައި." عبـدالمـنعــم،

حسن އުރައިލައްވައި މޭފުޅުގައި ޖައްސައިލައްވައިފައި ވިދާޅުވަނީއެވެ. "ދަރިފުޅާ އަދިއެއް ހަނގުރާމައެއް ނުނިމޭ."

ދެން އޭނާ ޚިޔާލުފުޅުގެ ދުނިޔޭގައި އޭނާގެ އަނބިކަނބަލުންނާ މުޚާޠަބު ކުރައްވަނީއެވެ. "ހަމަ މިއަދު އަޅުގަނޑަށް އެނބުރި އާދެވުމަކީވެސް އެކަށީގެންވާ ކަމެއް. ޙަޔާތުގެ ދުވަސްތަކެއް ޖަލުގައި ވޭތިކުރާންވެސް އަޅުގަނޑަށް ޖެހިދާނެ. ހަމައެފަދައިން މިއީ އަޅުގަނޑުމެން ދެމީހުންގެ އެންމެފަހުގެ ބައްދަލުވުން ކަމުގައިވެސް ވެދާނެ. އަޅުގަނޑު ކަލާއާމެދު އުންމީދުކުރަނީ މިކުދީންނަށް ކަލާ ދެއްވާ އެންމެފުރަތަމަ އަދި އެންމެފަހުގެ ދަރެހަކީ މުސްލިމެއްގެ ޙަޔާތުގެ މަޤުޞަދު އެމީހެއްގެ ދިރިހުރުމަށްވުރެ މާމަތިވެރިކަން ވިސްނައިދެއްވުން ކަމުގައިވާނެކަމަށް."

ކިއްލާގެ ކޮމާންޑަރު ސުވާލުކުރެއްވިއެވެ. "ކަލާ މިތަނުން ވަޑައިގަންނަވާން ބޭނުންފުޅުވަނީ ޠުލައިޠުލާގެ ޤައިދީންނާ އެކުގައިތޯ ނުވަތަ ސީދާ ޤުރުޠުބާއަށްތޯ؟"

عبـدالمـنعــم ކޮމާންޑަރާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާ އިސްތަށިފުޅު ހޫރައިލައްވައިފައި ވިދާޅުވިއެވެ. "ނޫން! ނޫން! މިހާރަކު އަޅުގަނޑެއް ނުދާނަން."

"ކީކޭތޯ؟"

"އަޅުގަނޑުގެ ވާހަކަޔަކީ އަލްފާންސޫގެ ލަޝްކަރު މިކިއްލާއަށް ޙަމަލަދޭން އަންނަކަމުގައިވާނަމަ އަޅުގަނޑަކަށް މިކިއްލާ ދޫކޮށްލައިފައެއް ނުދެވޭނެއޭ. ޖަލުގެ އަނދިރި ކޮޓަރިތަކުގައެވެ. އަޅުގަނޑު އަބަދުވެސް ދުޢާކުރަމުން އައީ ޝަހީދެއްގެ މަރުން މަރުގެންނެވުމުގެ ތައުފީޤު ދެއްވުންއެދި. ހީވާގޮތުން އަޅުގަނޑު މާތް اللّـه ގެ ޙަޟުރަތަށް ކުރި ދުޢާ އިޖާބަ ކުރައްވައިފި— އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރީން ކިއްލާ ދިފާޢުކުރުމުގައި ތިޔަބޭފުޅުންނާ ބައިވެރިވާނަން. ތިޔަބޭފުޅުންނަށް ކިތަކަށް މީހުނަށް ހަތިޔާރު ދެއްވިދާނެތޯ؟"

އަޅުގަނޑުމެންގެ އަތުގައި ހަތިޔާރު މަދެއް ނޫން. މައްސަލައަކީ ކާބޯތަކެތީގެ މައްސަލަ ކާބޯތަކެއްޗާއި އެބާވަތުގެ އެހެނިހެން ފޯރުމާލު ހުރީ މަހެއްހައި ދުވަހަށް ފުދޭވަރަށް."

"إنشـاءاللّـه އަޅުގަނޑުމެން ފޯރުމާލު ހޯދާނީ ދުޝްމިނުންގެ އަތުން."

ކިއްލާގެ ކޮމާންޑަރު ވިދާޅުވިއެވެ. "ކަލާގެ އެހެނިހެން އެކުވެރީންގެ ޚިޔާލު އައްސަވައިލެއްވުން ރަނގަޅެއް ނުވާނެތޯ"

عبـدالمـنعــم ޖަވާބު ދެއްވިއެވެ. "އަޅުގަނޑަށް އެނގޭ بنـو ذوالـنـّون ގެ އަމުރަށް ހައްޔަރުކޮށްފައިހުރި އެކަކުވެސް މާތް މަޤުޞަދެއްގައި ދިރިހުންނާކަށެއް ފަހަތަކަށް ނުޖެހޭނެ!"

ކިއްލާގެ ފާރަވެރީންނާއި ޤައިދީން އެރޭގެ ޢިޝާނަމާދު ކުރީ އަޚުންތަކެއްގެ ގޮތުގައި އެކުގައި ސަފުހަދައިގެންނެވެ. އެއް ޖަމާޢަތެއްގައެވެ. އިމާމެއްގެ ވާޖިބު އަދާކުރެއްވީ عبـدالمـنعــم އެވެ.

ނަމާދު ކުރައްވައި ނިމިވަޑައިގެން عبـدالمـنعــم ގެ ވަރަށް އަސަރުގަދަ ތަޤުރީރެއް އޮތެވެ.

އެ ލޭކައްކުވައިލާފަދަ ތަޤުރީރުން އެންމެންގެ ހިތްތަކުގައިވެސް ވަރަށް ވަރުގަދަ ހިތްވަރަކާއި ޖޯޝެއް އުފެދުނެވެ. عبـدالمـنعــم ޤައިދީންނާ މުޚާޠަބުކުރައްވައި ކުރެއްވި ތަޤުރީރުގައި ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެކުވެރީންނޭވެ! ތިޔަބޭފުޅުންގެ އަތްޕުޅުތަކުން މިހާރު ތިޔަވަނީ ބިޑި ނައްޓައިލެވިފައި— ތިޔަބޭފުޅުން ތިއްބެވި ޖަލުގެ ވަތްގަނޑުތަކުގެ ދޮރުވަނީ ހުޅުވިފައި. އެކަމަކުވެސް އަޅުގަނޑު ދަންނަވާނީ ތިޔަބޭފުޅުން މިނިވަންވެވަޑައިގެންފިކަމުގައި ހީފުޅުނުކުރައްވާށޭ. އުތުރުފަރާތުން އަލްފާންސޫގެ ޝަޚުޞިއްޔަތާ ގުޅިގެން އުފެދިފައިވާ މާސިންގާ ޠޫފާނާ އަޅުގަނޑުމެން ކުރިމަތިނުލައިފިނަމަ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަމިއްލަ ނަފުސުތައް ފެންނާނީ ކުޑަކުޑަ ޖަލަކުން ނުކުމެ އެއަށްވުރެ މާބޮޑު މާތަނަވަސް ޖަލެއްގައި ހައްޔަރުވެފައި ތިއްބައި. އަންދަލުސުގެ ކޮންމެ މުސްލިމަކު ވާނީ ނަޞާރާއެއްގެ އަޅެއްކަމުގައި. މި ކިއްލާގެ ޙާކިމު ވަނީ އަޅުގަނޑުމެންގެ މިނިވަންކަމުގެ އަމުރު ނެރުއްވައިފައި. އެކަމަކު އަޅުގަނޑުމެން މި ކިއްލާއިން ނުކުމެގެން އަޅުގަނޑުމެންގެ ގޭގެޔަށް ދާންވީ އަޅުގަނޑުމެންގެ އަނބިދަރީންނަށާއި މައިންބަފައިންނަށާއި އުޚުތުންނަށާއި އަޚުންނަށް އަޅުގަނޑުމެންގެ ފަހަތުން ނަޞާރާއިންގެ ޠޫފާނެއް އެބައަންނަކަމުގެ ޚަބަރު ދޭންތޯ؟ އަލްފާންސޫ ޠުލައިޠުލާގެ ސަރަޙައްދީ ކިއްލާތައް އަތުލައްވައިފި. ޠުލައިޠުލާގެ ވަރަށްބޮޑު ބަޔަކަށް ވެރިވެވަޑައިގެންފި. ދެން އޭނާ އަޅުވެތިކުރައްވާނީ ޠުލައިޠުލާގެ ވެރިރަށް. އެއަށްފަހު މި ޠޫފާން މިސުރާބު ޖަހާނީ އަންދަލުސުގެ އެހެނިހެން ރަށްރަށާ ދިމާޔަށް.

(ނުނިމޭ)