ޢުމްރާނީ ތަރައްގީގެ ނުވަތަ ޕީއެސްއައިޕީގެ މަޝްރޫއުތައް ކަނޑައަޅައި ހިންގުމުގައި ކޮރަޕްޝަނަށް ހުށަހެޅިފައިވާ މިންވަރުގެ ރިސްކު އެސެސްމެންޓެއް ހެދުމަށްފަހު އިސްލާހު ކުރަންޖެހޭ ކަންކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިދާރާތަކަށް އަންގައިފި އެވެ.
އެ ރިސްކު އެސެސްމެންޓު ރިޕޯޓުގައި ބަލާފައިވަނީ 2017، 2018 އަދި 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން، ލަފައިފުރުމުގެ ދަތިކަން ހައްލުކުރުމާއި ބިން ހިއްކުމާއި މަގުހެދުމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ދަށުން އެއް މިލިއަން ރުފިޔާއަށްވުރެ މަތިން ބަޖެޓް ކޮށްފައިވާ ފަސް މަޝްރޫއަކަށެވެ.
އަދި އެ ދިރާސާއިން ފާހަގަވި ކަންކަމުގެ އަލީގައި ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމުގައި ކުރިމަގުގައި ހައްލުކުރަންޖެހޭ ކަމަށް އޭސީސީއަށް ފާހަގަވި ކަންކަން ބަޔާންކޮށް ކަމާބެހޭ އިދާރާތަކަށް ވަނީ ލަފާ ދީފަ އެވެ.
އެގޮތުން މަޝްރޫއުތައް ކަނޑައެޅުމުގައި ކޮރަޕްޝަނަށް އޮތް ރިސްކު ކުޑަކުރުމަށްޓަކައި އަމަލުކުރެވިދާނެ ގައިޑްލައިނެއް އެކުލަވާލުމަށް ވަނީ ލަފާ ދީފައެވެ. އެ ގައިޑްލައިން އެކުލަވާލުމަށްޓަކައި މައިގަނޑު ހަތް ލަފައެއް ހުށަހަޅާފައިވާއިރު މަޝްރޫއުތަކުގެ ނަޒާހަތްތެރިކަން ކަށަވަރު ކުރުމަށްޓަކައި ސަމާލުކަން ދޭންޖެހޭ އަށް ކަމެއް ހުށަހަޅާފައިވެ އެވެ.
އޭސީސީން ބުނީ، އެ ދިރާސާގެ މައިގަނޑު މަގުސަދަކީ، އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކަނޑައެޅުމުގަ އާއި ބިޑިން ޕްރޮސެސްގެ އިތުރުން މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ހިރާސްތައް ދެނެގަނެ، އެފަދަ ހިރާސްތައް ހައްލު ކުރުމަށް އެޅޭނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ލަފާދިނުން ކަމަށެވެ.
އަދި މަޝްރޫއުތައް ކުރިއަށް ނުދިއުމާއި ހުއްޓުމާއި ފެންވަރު ދަށްވުމާއި މަސައްކަތް ހަވާލުކުރެވޭ ގޮތާއި ހުންނަ ގުޅުން ދެނެގަނެ، މަޝްރޫއުތައް ޕްލޭން ކުރުމާއި މަޝްރޫއު އަމާޒުކުރެވޭ ފަރާތްތައް ކަނޑައެޅުމާއި ބަޖެޓު އެލޮކޭޓު ކުރުމުގެ އިތުރުން ހިނގާ އިތުރު ކަންކަމުގައި ކޮރަޕްޝަން ރިސްކަށް މަގުފަހިވާކަން ދެނެގަތުމާއެކު، އެކަންކަން ހައްލުކުރުމަކީ ވެސް އެ ދިރާސާގެ މަގުސަދެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އޭސީސީން ބުނީ، މި ދިރާސާގެ ބޭނުމަށް ޕްލޭނިން މިނިސްޓްރީން، މަޝްރޫއުތައް ހަވާލުކޮށްފައިވާ ކުންފުނިތަކާއި މަޝްރޫއުތައް ހިންގާފައިވާ ރަށްރަށުގެ ރަށު/ސިޓީ ކައުންސިލުތައް އަދި ފިނޭންސް މިނިސްޓްރީ އާއި ނޭޝަނަލް ޓެންޑަ ބޯޑުގެ އިތުރުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން މައުލޫމާތު ހޯދާފައިވާނެ ކަމަށެވެ.
އެގޮތުން ދިރާސާގެ ނަތީޖާ އިން ފާހަގަކުރެވުނު އެންމެ މުހިންމު ކަމަކީ، މަޝްރޫއުގެ މަސައްކަތް ފެށުމަށްފަހު މަޝްރޫއުގެ ސްކޯޕަށް އުނި އިތުރު ގެންނަން ޖެހުމުގެ ސަބަބުން، މަޝްރޫއުގެ އަގަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހިފައިވުން ކަމަށް އޭސީސީން ބުންޏެވެ. އަދި އެހެން ކަންދިމާވާން ޖެހެނީ، މަޝްރޫއު ފެށުމުގެ ކުރިން މަޝްރޫއުއާ ގުޅޭ ނީޑް އެސެސްމެންޓެއް ނުވަތަ ޕޮލިސީ ނީޑެއް ނުހެދޭތީ ކަމަށް ފާހަގަކޮށްފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު