ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ޖަޕާނުގެ ފޮރިން މިނިސްްޓްރީ ގުޅިގެން ބާއްވާ "ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑައިލޮގު"ގެ ތިން ވަނަ މަޝްވަރާ ބައްދަލުވުން މިއަދު ބާއްވައިފި އެވެ.

ކޮވިޑް-19ގެ ސަބަބުން ވާޗުއަލްކޮށް ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ދެގައުމުގެ މެދުގައި އޮތް ތަރައްގީ އާއި ވިޔަފާރީގެ ގުޅުމާއި ސަރަހައްދީ އަދި މެރިޓައިމް ގުޅުންތަކާ ގުޅޭގޮތުންނެވެ.

މިބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ ފޮރިން މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ހަލީލެވެ. ޖަޕާނުގެ ފަރާތުން އެގައުމުގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ ޖަޕާނުގެ ހާރިޖީ ވުޒާރާގެ ސައުތު އީސްޓު އެންޑު ސައުތު ވެސްޓު އޭޝިއަން އެފެއާޒު ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް ކޮބަޔަޝީ ކެނިޗީ އެވެ.

މި ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި މިހާރު ވެސް އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތްތަނުގައި އިތުރު ދާއިރާތަކުން ގުުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރި އެވެ.

މަޝްވަރާގެ ތެރެއިން ސްޓޭޓް މިނިސްޓަރު ހަލީލު ވަނީ ދެގައުމުގެ މެދުގައި އޮތް ޒަމާންވީ އަދި ހާއްސަ ގުޅުން ފާހަގަކޮށް، އެގުޅުން ރާއްޖެއިން އަބަދުވެސް ދަމަހައްޓާނެކަމުގެ ޔަގީންކަންދެއްވައިފަ އެވެ. އަދި ކޮވިޑުގެ ސަބަބުން ދިމާވި ހީނަރުކަމުން އަރައިގަތުމަށް ރާއްޖެއަށް ދިން އެހީތަކަށް ޖަޕާނުގެ ސަރުކާރަށް ޝުކުރު އަދާކުރި އެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮބަޔަޝީ ވަނީ ދެގައުމުގެ މެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވައި ރާއްޖެއަކީ ޖަޕާނުގެ މުހިންމު ބައިވެރިއެއްކަން ފާހަގަކޮށް، ޖަޕާނުގެ ވެރިރަށް ޓޯކިޔޯޯގައި މިއަހަރު ބާއްވާ ހޫނު މޫސުމުގެ އޮލިމްޕިކްސް އަށް ދާ ދިވެހި ޓީމަށް މަރުހަބާ ކިޔަންް އިންތިޒާރުކުރާ ކަމަށް ވިދާޅުވެފަ އެވެ.

އަދި 2022 ވަނަ އަހަރު ދެގައުމުގެ މެދުގައި ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމުކުރިތާ 55 އަހަރު ފުރޭނެތީ، އެއީ ދެ ގައުމަށް ވެސް މުހިންމު އަހަރެއް ކަމުގައި ކޮބަޔަޝީ ފާހަގަކުރެއްވި އެވެ. އަދި ކުރިއަށް އޮތްތަނުގައި ދެގައުމުގެ އިސް އޮފިޝަލުން ވެސް އެއް ގައުމުން އަނެއް ގައުމަށް ޒިޔާރަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެ އާއި ޖަޕާނާ ދެމެދު މިފަދަ މަޝްވަރާ ބައްދަލުވުންތައް އާންމުކޮށް ބާއްވަ އެވެ. ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑައިލޮގުގެ އެންމެ ފަހުގެ ބައްދަލުވުން ބޭއްވީ އޮގަސްޓް 2019 ގައި ރާއްޖޭގަ އެވެ.