ރަށްރަށުގެ ރައްޔިތުންނަށް މާލޭން ބިމާއި ފްލެޓް ލިބޭގޮތަށް، މާލޭ ރައްޔިތުންނަށް ރަށްރަށުން ބިމާއި ފްލެޓް ލިބޭގޮތަށް، މާލޭ ދަފްތަރު މުޅި ރާއްޖެއަށް ހުޅުވާލުމަށް، މާލޭގެ މޭޔަރު ޝިފާ މުހައްމަދު އެދިވަޑައިގެންފިއެވެ.

ހިޔާ ފްލެޓްތައް ދޫކޮށްފައިވާ ގޮތާމެދު ގިނަ ބަޔަކު ކަންބޮޑުވުންތައް ފާޅު ކުރުމާ ގުޅިގެން، އެކަމާބެހޭ ކަންތައްތައް އޮޅުން ފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް މައުލޫމާތު ދެއްވުމަށް ދެއްކެވި ވާހަކައިގެ ތެރޭން މޭޔަރު ޝިފާ ވިދާޅުވީ، ކުރިއަށްއޮތްތަން ރަނގަޅު ކުރުމަށް ދަފްތަރުގެ ކަންތައްތައް އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން އެ ދަފްތަރަކީ މުޅި ރާއްޖެއަށް އޮންނަ ދަފްތަރެއް ކަމަށް ހަމަޖައްސައި، ރަނގަޅު އުސޫލަކުން އެކަންތައްތައް ކުރުމަށް ގާނޫނެއް ހަދަންޖެހޭ ކަމަށް ޝިފާ ވިދާޅުވިއެވެ.

އަތޮޅުތަކުގެ ރައްޔިތުންނަށް މާލޭން ބިމާއި ފްލެޓާއި ބޯހިޔާވަހިކަން ލިބޭގޮތަށް މާލޭ ރައްޔިތުންނަށް ވެސް އަތޮޅުތެރޭގެ ރަށްރަށުން އެފުރުސަތު ހަމަހަމަގޮތަށް ލިބެންޖެހޭނެ ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ، މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ނުލިބޭއިރު، ހިޔާ ފްލެޓް ޕްރޮގްރާމަށް އަމާޒުކޮށްގެން ރަށްރަށުގެ ގިނަ ބަޔަކު 2018 ވަނަ އަހަރު މާލެ އަރުވައި ދަފްތަރުގައި ރަޖިސްޓްރީ ކުރުވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަތޮޅުތަކުގެ ބިންވެރިން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން 2000 އަށްވުރެ ގިނަ މީހުން 2018 ވަނަ އަހަރު ދަފްތަރުގައި ޖައްސާފައިވާ ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.