ދ. މީދޫގެ ތިން ކައުންސިލަރުން މުސާރަ ނުލިބޭ ގޮތަށް ތިން މަސް ދުވަހުގެ މުއްދަތަކަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސަސްޕެންޑް ކޮށްފި އެވެ.

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ނިސްބަތްވާ އެ ތިން މެންބަރުން ސަސްޕެންޑް ކުރުމަށް އެލްޖީއޭ އިން ނިންމާފައިވަނީ، އެ އޮތޯރިޓީއަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން އިންކުއެރީއެއް ހެދުމަށްފަހުގައި ކަމަށް އެލްޖީއޭ އިން ވަނީ ބުނެފަ އެވެ.

އެ ތިން މެންބަރުންނަކީ އެ ކައުންސިލްގެ ރައީސް އިޔާސް އިސްމާއިލް ލަތީފް އާއި ނައިބު ރައީސް ޝުރައިފް އިބްރާހިމް ރަޝީދުގެ އިތުރުން މެންބަރު މުހައްމަދު ތައުފީގު އެވެ.

އެގޮތުން އެ ތިން ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވަނީ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކޮށް އެކަމުގައި އިހުމާލު ވުމުގެ އިތުރުން ކައުންސިލްގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް ސުލޫކީ މިންގަނޑާއި ހިލާފްވުމުން ކަމަށް އެލްޖީއޭ އިން ވަނީ ބުނެފަ އެވެ. އަދި އޭގެތެރެއިން ބައެއް އަމަލުތައް ތަކުރާރުކޮށްފައިވާ ކަން އިންކުއަރީން ފާހަގަވެފައިވާ ކަމަށް ވެސް އެލްޖީއޭގެ ބޯޑުގެ ނިންމުމުގައިވެ އެވެ.

މީދޫ ކައުންސިލް ތިން މަހަށް ސަސްޕެންޑް ކޮށްފައިވާއިރު، އެ މައްދަތުގައި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް މެދުނުކެނޑި ދެވޭނެ އިންތިޒާމް އެ އަތޮޅުގެ އަތޮޅު ކައުންސިލްގެ ލަފާގެ މަތިން ހަމަޖެއްސުމަށް މީދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލަށް އެލްޖީއޭ އިން ވަނީ އަންގާފަ އެވެ.