ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް މެންބަރުން ހޮވުމަށް ނެގި ވޯޓުގައި މަގުބޫލު އުޒުރެއް ނެތި ބައިވެރިނުވި ހދ. ހަނިމާދޫ ކައުންސިލުގެ ދެ މެންބަރެއްގެ މައްޗަށް އެމްޑީޕީން ފިޔަވަޅު އަޅައިފިއެވެ.

ފިޔަވަޅު އެޅީ ހަނިމާދޫ ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ފިރާގާއި އެ ކައުންސިލުގެ މެންބަރު އަހުމަދު އަނާންގެ މައްޗަށެވެ. މި ދެ ބޭފުޅުންގެ މައްސަލަ ޕާޓީގެ ފިޔަވަޅު އެޅުމާ ބެހޭ ކޮމިޓީއަށް ހުށަހެޅީ ޕާޓީގެ ސެކްރެޓޭރިއަޓުންނެވެ. އެނގިފައިވާ ގޮތުގައި އެ ދެ ކައުންސިލަރުން ވަޑައިގެންނެވީ ތައިލެންޑުގެ ބެންކޮކަށެވެ.

ކޮމިޓީން މި މައްސަލަ ބެލިއިރު، އެލްޖީއޭ ވޯޓަކީ އެމްޑީޕީ އާއި ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ. ވޯޓުލުމުގެ ބަދަލުގައި އެ ދެ ބޭފުޅުން ރާއްޖެއިން ބޭރަށް ވަޑައިގެންފައިވާ އިރު، އެ ދުވަހު ރާއްޖެ ދޫކޮށް ދާންޖެހޭ ފަދަ ކުއްލި ހާލަތެއް ނުވަތަ ހާއްސަ ސަބަބެއް ނެތްކަން އެ ބޭފުޅުންގެ އަމިއްލަ ބަހުންވެސް އެނގެން އޮންނަ ކަމަށް ކޮމިޓީން ބުނެފައިވެއެވެ.

އެހެންކަމުން، އެމަޖެންސީ ހާލަތެއް މެދުވެރިނުވެ ވޯޓުލާން އޮތް ދުވަހު ފުރައިގެން ދިއުމަކީ ވޯޓުގައި ބައިވެރިނުވުމަށް އޮތް ބަލައިގަނެވޭ ފަދަ އުޒުރެއް ކަމަށް ކޮމިޓީގެ އެއްވެސް މެންބަރަކަށް ގަބޫލުނުކުރެވޭ ކަމަށް ނިންމާފައިވެއެވެ.

މި އަމަލަކީ ޒިންމާދާރުކަން ކުޑަ، ޕާޓީގެ މަސްލަހަތާ ފުށުއަރާ އަމަލެއް ކަމަށް ކޮމިޓީން ކަނޑައެޅިއެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) އާއި (ބ) އާ ހިލާފު ކަމެއްގެ ގޮތުގައި، ހެއްކާއި ގަރީނާއިން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ކޮމިޓީން ނިންމިއެވެ.

މި ނިންމުމާ ގުޅިގެން، ފިޔަވަޅު އެޅުމާއި އިސްތިއުނާފުކުރުމުގެ ގަވާއިދުގެ 28 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ދެ އަހަރު ދުވަހުގެ މުއްދަތަށް ޕާޓީގެ ނަމުގައި ގައުމީ އިންތިހާބީ މަގާމަކަށް ކުރިމަތިލުން ވަނީ މަނާކޮށްފައެވެ.

މި ފިޔަވަޅު މުހައްމަދު ފިރާގާއި އަހުމަދު އަނާންގެ މައްޗަށް މިހާރު ވަނީ ތަންފީޒުކޮށްފައެވެ. ފިރާގާއި އަނާން ވަނީ ކުރިއަށްއޮތް އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބަށް ވެސް ކުރިމަތިލައިފައެވެ. ހަނިމާދޫގެ ގައުމީ މަޖިލިސް މެންބަރު ކަމަށް އަނާން ކުރިމަތިލާފައިވާ އިރު، ފިރާގު ވަނީ ހދ. އަތޮޅުން ހޮވާ ގައުމީ މަޖިލިސް މެންބަރުކަމަށް ކުރިމަތިލައިފައެވެ. މި ފިޔަވަޅާއެކު އެ ދެ ބޭފުޅުންގެ ކެންޑިޑެސީ ބާތިލުވާނެއެވެ.

އެލްޖީއޭގެ ބޯޑަށް ރަށު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރެއް ހޮވުމަށް މިދިޔަ މަހުގެ 31 ގައި ބޭއްވި އިންތިހާބު ކާމިޔާބުކުރީ ސަރުކާރު ހިންގާ ޕީއެންސީންނެވެ. ރަށު ކައުންސިލް މެންބަރުންގެ ތެރެއިން އެލްޖީއޭ ބޯޑަށް އިންތިހާބުވެފައިވަނީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން ބޯޑަށް އިންތިހާބުވެފައިވަނީ ށ. ފުނަދޫ ރައީސް މަރްޔަމް ޒީނާއެވެ.