ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިހާބުކުރުމަށް ބޭއްވި އިންތިހާބުގެ ނަތީޖާއިން ހާމަވަނީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ބަލައިގަންނަކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ އެލްޖީއޭ ބޯޑުގެ އިންތިހާބު ކާމިޔާބުކުރެއްވި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ދެ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވައި އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ހިދުމަތްތަކާއި ފުރުސަތުތައް ލާމަރުކަޒުކޮށް، ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެކަމަށް ބާރުދީ، ޕީއެންސީގެ ދެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވި ހުރިހާ ރަށު ކައުންސިލަރުންނާއި އ.ތ.މ. ކޮމިޓީތަކުގެ ރައީސުންނަށްވެސް ޝުކުރު އަދާކުރައްވައިފައެވެ.
"މި އިންތިހާބު ކާމިޔާބު ކުރުމުގައި ޕާޓީގެ ލީޑަޝިޕާއި އިއްޒަތްތެރި މަޖިލިސް މެންބަރުންނާއި ހުރިހާ ދާއިރާތަކުގެ ރައީސުންނާއި ސްޓިއަރިން ކޮމިޓީ ތަކުގެ ރައީސުންނާއި އެންމެހާ ފަރާތްތަކުން ކޮށްދެއްވި މަސައްކަތްޕުޅަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." ރައީސް ވިދާޅުވިއެވެ.
ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭ ބޯޑަށް އިންތިހާބުވި ދެ ބޭފުޅުންނަކީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދާއި، ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަރްޔަމް ޒީނާއެވެ.
މިއަދު ކުރިއަށްދިޔަ މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 807 ފަރާތަކަށް ލިބިފައިވާ އިރު، އޭގެ ތެރެއިން 706 ފަރާތަކުން ވަނީ ވޯޓުލާފައެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 87.5 ޕަސަންޓެވެ.
ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އެލްޖީއޭގެ ބޯޑަށް ތިން މެންބަރުން އިންތިހާބުކުރަން ޖެހެއެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ މެންބަރެކެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް