އަން އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އަނެއްކާވެސް އިއުލާން ކޮށްފި އެވެ.

އޮފިޝަލުން ހޯދުމަށް މީގެ ކުރިން ދެފަހަރެއްގެ މަތިން އިއުލާން ކުރި އެވެ. އެއީ މިދިޔަ އަހަރުގެ އެޕްރީލް ހަތަރުވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ތައްޔާރުވަމުންދިޔަ އިރު އެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އިންތިހާބު ފަސްކުރުމުން އަލުން އަނެއްކާވެސް އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އަންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ބޭނުންވާ ކަމަށެވެ.

އިލެކްޝަނުން ބުނީ ކުރިން އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ކުރިމަތިލާ އަދި އެ ކޮމިޝަނުން އޮފިޝަލުންގެ ގޮތުގައި ހޮވުނުކަން އަންގާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. އެހެން ކަމުން އިލެކްޝަނުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން އެކަމަށް ހާއްސަ ކޮށްފައިވާ ފޯމު ފުރުމަށްފަހު [email protected]އަށް ފޮނުވުމަށް ވަނީ އެދިފަ އެވެ.

އޮފިޝަލަކަށް ވުމަށް އެދި ހުށަހަޅާ ފޯމު، ރަށު/އަތޮޅު/ސިޓީ ކައުންސިލް އިދާރާއިންނާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ލިބެން ހުންނާނެ ކަމަށާއި ބޭނުންވާ އަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭ ނަމަ، އޮފިޝަލުން ހަމަވަންދެން ފޯމް ބަލައިގަންނާނެ ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފަ އެވެ.

ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ 1800 ރުފިޔާ، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ 1600 ރުފިޔާ، ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ 1500 ރުފިޔާ، ވޯޓު ގުނާ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ 1200 ރުފިޔާ، ރިސާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ 500 ރުފިޔާ ވޯޓުލާ ދުވަހަށް ލިބޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކުރެއެވެ.