އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެންބަރު ގައުމުތަކުން އދ އަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާޗުއަލްކޮށް ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ 1976ގައި އޯއައިސީ އާ ގުޅުނު ފަހުން ދިވެހިރާއްޖެއިން އެހެން މެންބަރު ގައުމުތަކާ ގުޅިގެން މަސައްކަތް ތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ދެމެހެއްޓެނިވި ތަރައްގީއާއި، މޫސުމީ ބަދަލުތަކާއި، އާއްމު ސިއްހަތާއި، އިސްލާމްދީނާ ދެކޮޅަށް ހިންގޭ ހަރަކާތްތައް ހުއްޓުުވުމާއި ޓެރަރިޒަމްއާއި އަދި މުސްލިމުންގެ ހައްގުތައް، ހާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާ ބެހޭގޮތުން ވަކާލާތުކުރުމުގައި، ދިވެހިރާއްޖެއިން މަސައްކަތް ކުރާކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.
ޝާހިދު ވިދާޅުވީ 1969 ގައި އޯއައިސީ އުފެދުނުފަހުން އެ ޖަމިއްޔާއިން މުސްލިމް ގައުމުތައް ގުޅުވައި، 1.5 ބިލިޔަން މުސްލިމުންގެ ހިތްތަކާ ގުޅިފައިވާ އެކި މައްސަލަތަކުގައި ވަކާލާތުކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ޝާހިދުވަނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން ދެމެހެއްޓެނިވި ގޮތެއްގައި އަރައިގަތުމާއި، ދެމެހެއްޓެނިވި ތަރައްގީއާއި، އދ ގެ އާއްމު މަޖިލީހުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އަދި މަލްޓިލޭޓަރަލް ސިސްޓަމް ވަރުގަދަކޮށް، ގައުމުތައް ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމާ ބެހޭ ގޮތުން ވެސް އޭނާ ވާހަކަ ދެއްކެވި އެވެ.
މިދިޔަ ހަފްތާ ބަންދުގައިވެސް މިނިސްޓަރު ޝާހިދު ވަނީ ނަން-އެލައިންޑް މޫވްމަންޓްގެ ފަރާތުން އދ އަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާ ބައްދަލުކުރައްވާފަ އެވެ. އަދި ބޮޓްސްވާނާ، ސައުދީ އަރަބިއްޔާ، ނޯވޭގެ ހާރިޖީ ވަޒީރުންނާ މި ހަފްތާގައި ވާޗުއަލްކޮށް ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވާފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު