ފުރަތަމަ ލެގު ސެވިއްޔާއިން 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނިކޮށް، ބާސެލޯނާއިން ފަހަތުން އަރައި ނަތީޖާ އަނބުރާލައި ކޮޕާ ޑެލްރޭގެ ފައިނަލުން ޖާގައެއް ހޯދައިފިއެވެ.

ރޭ ކުޅުނު ކޮޕާ ޑެލްރޭ ސެމީ ފައިނަލް ދެވަނަ ލެގު ބާސާއިން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ފަހުކޮޅުގައި ސެވިއްޔާގެ ދެ ކުޅުންތެރިޔަކަށް ރަތް ކާޑު ދައްކާފައިވާއިރު، ބާސާއިން މެޗުގެ ތިންވަނަ ގޯލް ޖެހީ އިތުރު ވަގުތުގެ ތެރޭގައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-0 ގައި ނަތީޖާ އޮތުމުން އެގްރިގޭޓް އޮތީ 2-2 އިން އެއްވަރު ވެފައެވެ. އިތުރު ވަގުތަށް ގޮސް، ބާސާއަށް އެންމެ މުހިއްމު ގޯލް ޖަހައިދިނީ މާޓިން ބްރައިތުވެއިޓެވެ.

މިދިޔަ ހަފުތާގައި ކުޅުނު ލީގު މެޗުގައިވެސް ބާސާއިން ސެވިއްޔާ ބަލިކޮށް، ރޭގެ މެޗަށް އުންމީދު ބޮޑުކޮށް ނުކުތްއިރު، މެޗުގެ ކުރީކޮޅުގައި އުސްމާން ޑެމްބޭލޭ ޖެހި ހިތްގައިމު ގޯލާއެކު ބާސާއިން ލީޑު ނެގިއެވެ. އޭރިއާ ތެރެއިން މަތީ ކަނަށް ޑެމްބޭލޭ ފޮނުވާލި ބާރު ހަމަލާ ގޯލް މަތީ ކަނަށް އަމާޒު ކޮށްލާފައިވާއިރު، މެޗުގައި ސެވިއްޔާއަށް ވަނީ ޕެނެލްޓީއެއް ލިބި ނާކާމިޔާބު ވެފައެވެ.

ލޫކާސް އޮކާމްޕޯސް ޖެހި ޕެނެލްޓީ ޓާ ސްޓާގަން މަތަކޮށް ބޭރުކޮށްލިއިރު، ބާސާއަށް އެންމެ މުހިއްމު ގޯލް މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ޖެރާޑް ޕީކޭއެވެ. މެޗުގެ 90 ވަނަ މިނެޓުގައި ސެވިއްޔާގެ ފެނާންޑޯއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާފައިވުމުން އިތުރު ވަގުތަށް ސެވިއްޔާ ދިޔައީ ކުޅުންތެރިޔަކު މަދުކޮށެވެ.

އިތުރު ވަގުތަށް ގޮސް މަ ގިނައިރެއް ނުވެ، ބްރައިތުވެއިޓްގެ ގޯލާއެކު ބާސާއިން ލީޑު ނަގައި ހަމަޖެހިލިއެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ސެވިއްޔާގެ ފޯވަޑް ލޫކް ޑިޔޯންގަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާފައެވެ. މިހާތަނަށް 30 ފަހަރު ކޮޕާ ޑެލްރޭ ކާމިޔާބު ކޮށްފައިވާ ބާސާއިން ފައިނަލްގައި ނުކުންނަން ޖެހޭނީ އެތުލެޓިކޯ ބިލްބާއޯ ނޫނީ ލެވަންޓޭއާ ދެކޮޅަށެވެ. އެ ދެޓީމު ކުޅުނު ފުރަތަމަ މެޗު އޮތީ 1-1 އިން އެއްވަރު ވެފައެވެ.

ބާސާގެ އެތެރޭ އިންތިހާބު އާދީއްތަ ދުވަހު އޮންނައިރު، އިންތިހާބުގައި ވާދަކުރާ ޖޯން ލަޕޯޓާއާއި، ވިކްޓާ ފޮންޓް އަދި ޓޯނީ ފްރީޒާވެސް ރޭގެ މެޗު ބެލުމަށް ދަނޑަށް ވަދެ ތިބިކަން ފާހަގަކޮށްލެވެއެވެ. ބާސާގެ އެތެރޭގައި މައްސަލަތައް ބޮޑުވެ، ކުރީގެ ރައީސް ވަނީ މިދިޔަ އަހަރު ފަހުކޮޅު އިސްތިއުފާވެސް ދީފައެވެ. އަދި މިދިޔަ ހަފުތާގައި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް، ބާސާގެ ހިޔާނާތު މައްސަލަތައް ބާރަށް ކުރިއަށް ގެންދާކަން ހާމަކޮށްފައެވެ.