އެމްޓީސީސީގެ ވަޒީފާތަކަށް 254 ދިވެހިން ހޯދަން ހުޅުވާލައިފި އެވެ.
އެމްޓީސީސީ ޓަވަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ޓެކްނިކަލް ވަޒީފާތަކަށް 254 ދިވެހީންނަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. ދިވެހިން ހޯދާ ވަޒީފާތަކުގެ ތެރޭގައި ހެވީ ވެހިކަލް އޮޕަރޭޓާސް، ވެލްޑަރުން، ކާޕެންޓަރުން، މެކޭނިކުން އަދި އިންޖިއަނަރުން ހިމެނެ އެވެ.
މި ވަޒީފާތަކަށް ހޮވޭ މީހުންނަށް، އެމީހެއްގެ ތަޖުރިބާއަށް ބަލައި 10،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ މުސާރައެއް ލިބޭނެ އެވެ.
އެ ވަޒީފާތަކަށް މީހުން ނެގުމަށް މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުގައި މާދަމާއިން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 އިން ހަވީރު 17:00 އަށް ވޯކިން އިންޓަވިއުތައް ކުރިއަށް ގެންދާނެ އެވެ. އަދި އިންޓަވިއު އިން ފާސްވާ ދިވެހިންނަށް ވަގުތުން ވަޒީފާ ހަމަޖެހިގެންދާނެ އެވެ.
އޭގެ އިތުރުން އޮންލައިންކޮށް އަދި އެމްޓީސީސީގެ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް އަދި އެމްޓީސީސީ ޓަވަރުގެ ތިން ވަނަ ފަންގިފިލާއަށް ވެސް ވަޒީފާއަށް އެދި ހުށަހެޅޭނެ އެވެ. އަދި އެމްޓީސީސީގެ ޕްރޮޖެކްޓުތައް ހިންގާ ރަށްރަށުގައި ހުންނަ އެ ކުންފުނީގެ ސައިޓަށް ގޮސް، ލިޔުންތައް ދެއްކުމުން އެމީހަކަށް ވެސް ވަޒީފާ ހަމަޖައްސައިދޭނެ އެވެ.
އެމްޓީސީސީން ވަނީ ފާއިތުވި ދެ އަހަރުގެ ތެރޭގައި 312 ދިވެހިންނަށް ވަޒީފާ ދީފައެވެ. އެމްޓީސީސީގެ އަމާޒަކީ އެކުންފުންޏަކީ ސައްތައިން ސައްތަ ދިވެހިން މަސައްކަތް ކުރާ ކުންފުންޏަކަށް ހެދުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު