މިއަހަރުގެ މެއި އަދި ޖޫންގައި އޭލެވެލް އިމްތިހާން ބާއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު، ޑރ. އައިޝަތު އަލީ ވިދާޅުވީ މީގެ ކުރިންވެސް ތާވަލުކުރެވިފައި އޮތް ގޮތަށް މި އަހަރު ރާއްޖޭގައި އޭލެވެލް އިމްތިހާނު ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް އެދި އެޕްލިކޭޝަން ފޯމު މިމަހުގެ 11 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

މިނިސްޓަރު އައިޝާ ވިދާޅުވީ ރާއްޖޭގައި ބާއްވާނީ އެޑެކްސެލް އިން ދޭ އިމްތިހާނެއް ކަމަށާއި، ސެޓްފިކެޓުވެސް ދޭނީ އެޑެކްސެލް އިން ކަމަށެވެ. އަދި މި އިމްތިހާނުގެ ނަތީޖާ ލިބޭނީ އަންނަ އޯގަސްޓް މަހު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ހަމަޖެހިފައިވާ ގޮތުން ރާއްޖޭގައި އިމްތިހާން ކުރިއަށް ގެންދަން ރާވާފައިވާ ކަމަށާއި އެގޮތުން މިއަހަރު މެއި / ޖޫން ގައި މިހާރު ކިޔަވަމުން އަންނަ ހުރިހާ ކުދިން އޭ އެލް އެގްޒާމް އާ އޭ އެސް އެގްޒަމްގައި ބައިވެރިވާނެ ކަމަށެވެ.

ނަމަވެސް ލެވެލް އިމްތިހާނުތަކުގައި ބައިވެރިވާ ދަރިވަރުންގެ ފެންވަރު ވަޒަން ކުރުމާއި ސެޓްފިކެޓު ދިނުމުގެ ކަންތައް ކުރިއަށް ގެންދާނެގޮތެއް އަންގާނެ ކަމަށް އެޑެކްސެލް އިން ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ ރާއްޖޭގައި އިމްތިހާން ބޭއްވޭތޯ އެޑެކްސެލް އާއެކު ފަސް ބައްދަލުވުމެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

އެގޮތުން މި ބައްދަލުވުންތަކުގައި އެޑެކްސެލް އާއެކު ވަރަށް ގިނަ މަޝްވަރާތައް ކުރެވުނު ކަމަށާއި މި މަޝްވަރާ ތަކަށްފަހު ރާއްޖޭގައި އިމްތިހާނު ބޭއްވުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިމްތިހާނަށް ރާއްޖޭގައި ކުރަންޖެހޭ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރިއަށް ގެންދަން ފަސޭހައަކަށް ރާއްޖޭގައި އިމްތިހާނުގެ ކަންތައް ކުރިއަށްދާނެކަން އެޑެކްސެލް އިން އިއުލާނު ކުރީ ރޭ" އޭނާ ވިދާޅުވިއެވެ.

އިމްތިހާން ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ކުރަމުންދާ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.