ސައުދީ އިން ލަސްނުކޮށް ވަލީ އަހުދަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނެ ހަޝޯގީގެ ލޯބިވެރިޔާގެ ފަރާތުން ބަޔާނެއް ނެރެފިއެވެ.

ހަޝޯގީގެ ލޯބިވެރިޔާ ހަތީސް ސެންގިޒް ނެރެފައިވާ ބަޔާނުގައި ހަޝޯގީ ގެ މަރާ ބެހޭގޮތުން އެމެރިކާގެ އިންޓެލިޖެންސުން ނެރެފައިވާ ރިޕޯޓުން ދައްކާގޮތުން ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަކީ މަރުގެ އެންމެ މުގުލުގައި ހުރި ފަރާތްކަމަށް ހާމަވެފައިވާކަމަށް ވަނީ ބުނެފައެވެ.

ހަތީސް ވަނީ ސައުދީން ލަސްނުކޮށް މިކަމަށް ފިޔަވަޅުއެޅުމަށް ގޮވާލައިފައެވެ. އަދި މިކަމުގެ ސަބަބުން ހަޝޯގީ އަށް އިންސާފު ލިބުމުގެ އިތުރުން މުސްތަގުބަލުގައި މިފަދަ އަމަލުތައް ހުޓުވުމަށް ބާރު ލިބިގެން ދާނެކަމަށް ބުނެފައި ވެއެވެ.

ސައުދީ އިން ވަނީ އެމެރިކާގެ އިންޓެލިޖެންސުގެ ރިޕޯޓު ބަލައި ނުގަންނަ ކަމަށް ބުނެފައެވެ.

2018 ވަނަ އަހަރު ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓަށް ހަޝޯގީ ދިޔައީ އޭނާގެ ލޯބިވެރިޔާއާ އެކުގައެވެ. އޭނާގެ ލޯބިވެރިޔާ ބުނެފައި ވަނީ އެ އިމާރާތަށް ހަޝޯގީ ވަތް ފަހުން، ނުނިކުންނަ ކަމަށެވެ. ތަހުގީގުން ހާމަވިގޮތުގައި ހަޝޯގީ މަރާލާފައިވަނީ ކޮންސުލޭޓުތެރޭގައެވެ. މަރާލުމަށްފަހު ހަޝޯގީގެ ހަށިގަނޑު ނައްތާލާފައިވާކަމަށް ވަނީ ތަހުގީގަށް ސާބިތު ވެފައެވެ.