އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.

އޭސީސީގެ މީޑީއާ އޮފިޝަލު ހަސަން މަނިކު "ވަން" އަށް މިރޭ ވިދާޅުވީ ހަބީބުއާ ގުޅޭ މައްސަލައެއް މިއަދު އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަބީބުގެ މަސްލަހަތު ހިމެނޭ ހައްޖު ގުރޫޕެއްގެ ޑޮކިއުމެންޓުތަކެއް ޕްރިންޓު ކުރުމަށް އީސީގެ ޕްރިންޓަރު ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކޮށް މައްސަލަ ހުށަހަޅާފައިވަނީ،" ހަސަން ވިދާޅުވިއެވެ.

އީސީގެ ނައިބު ރައީސް ކަމަށް ހަބީބު އައްޔަން ކޮށްފައިވަނީ މިދިޔަ މަހު 25 ގައެވެ. އެއީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު އަކުރަމް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.