ކަޓަލޫނިއާގައި ތަހުގީގު ކުރަމުން އަންނަ ހިޔާނާތުގެ މައްސަލައެއްގައި ބާސެލޯނާގެ ކުރީގެ ރައީސް ޖޯސެފް ބާޓޮމިއޫއާއެކު އިތުރު ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ބާސާގެ ކުރީގެ ބޯޑުން ހިންގާފައިވާ ހިޔާނާތުގެ ގިނަ މައްސަލަތަކެއް ފޮރުވުމަށް ޕީއާރު ކުންފުންޏަކަށް ނުހައްގުން ފައިސާތަކެއް ދީ، އެ ފައިސާތައް ހަރަދުކޮށްގެން އޭރު ބޯޑުގެ މޫނުމަތި ރީތި ކުރުމަށް ކޮށްފައިވާ މަސައްކަތަކާއި ގުޅޭ ގޮތުން ތަހުގީގު ކުރަމުންދާ "ބާސާގޭޓް" މައްސަލައާ ގުޅިގެން ފުލުހުން ވަނީ ބާސާގެ ސްޓޭޑިއަމަށް ވެސް ވަދެފައެވެ.

ބާސާގެ ކުރީގެ ރައީސް ހައްޔަރު ކުރިކަން ކްލަބުން އަދި ޔަގީން ކޮށްދީފައި ނުވި ނަމަވެސް، ގޯލް.ކޮމް ފަދަ ވަރުގަދަ ހަބަރު ފަތުރާ ވަސީލަތްތަކުން ބާޓޮމިއޫ ހައްޔަރު ކުރިކަން ވަނީ ޔަގީން ކޮށްދީފައެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ބާޓޮމިއޫ ހައްޔަރު ކޮށްފައިވަނީ ކަމާގުޅޭ ބައެއް ލިޔުންތަކާ ވެސް އެކުގައެވެ. ބާޓޮމިއޫއާއެކު އިތުރު ތިން މީހަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

އޭގެ ތެރޭގައި ކުރީގެ ސީއީއޯ އޮސްކާ ގްރައުގެ އިތުރުން ކުރީގެ އެޑްވައިޒަރު ޖައުމޭ މަސްފޭރޭ އާއި ލީގަލް ކައުންސިލްގެ ރޮމަން ގޮމޭޒް ހިމެނެ އެވެ. ބާސާގެ ސްޓޭޑިއަމަށް ފުލުހުން ވަދެ ކަމާބެހޭ ބައެއް ލިޔުންތައް ނަގާފައިވާއިރު، އެ ލިޔުންތަކާއެކު ފުލުހުން ބާޓޮމިއޫ ހައްޔަރުކުރީ އޭނާ ގޭގައި ހުންނަވަނިކޮށެވެ.

ބާސާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޯޓު އަމުރަކާއެކު މިއަދު ހެނދުނު ފުލުހުން އެކްލަބުގެ ސްޓޭއިންގެ އޮފީސް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ ތަހުގީގަށް ބާސާއިން ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ. އަދި އަދުލު އިންސާފުގެ ނިޒާމުގެ ހުރިހާ ފަރާތްތަކަށް ވެސް ފުރިހަމައަށް ކްލަބުން އިހުތިރާމު ކުރާނެ ކަމަށާއި ތަހުގީގުގެ ސަބަބުން ބާސާގެ ދެފުށް ފެންނަ އުސޫލުތަކަށް ފުރުސަތު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ބާސާގެ ބަޔާނުގައިވެއެވެ.

މިދިޔަ އަހަރު ޖޫން މަހު ވެސް އެ މަސައްލައިގައި ފުލުހުން ބާސާގެ ސްޓޭޑިއަމްގެ އޮފީހަށް ވަދެފައިވާއިރު، ބާޓޮމިއޫ ކްލަބުގެ ރައީސް ކަމުން އަމިއްލައަށް އިސްތިއުފާ ދިނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުއެވެ. އޭނާއާއެކު ބޯޑު އެއްކޮށްވަނީ އެފަހަރު އިސްތިއުފާ ދީފައެވެ.

މިހާރު ބާސާގައި ވަގުތީ ބޯޑެއް އޮތްއިރު، ކޮވިޑާ ހުރެ އިންތިހާބު ވަނީ ދެފަހަރެއްގެ މަތިން ފަސްކޮށްފަ އެވެ. ނަމަވެސް މި މަހު ހަތްވަނަ ދުވަހު މިހާރު އޮތް ގޮތުން އިންތިހާބު ބާއްވާނެއެވެ.