(27 ފެބުރުއަރީގެ އަދަދާ ގުޅޭ)
أحمد އާއި طـاهـــرة އާ ދެބޭފުޅުން އަވަށުގެ މިސްކިތާ ހަމަޔަށް ވަޑައިގެންނެވިތަނާ އެބޭފުޅުންނަށް ޖަމާޢަތެއްގެމީހުނާ ބައްދަލުވެވަޑައިގެންނެވިއްޖެއެވެ. އެމީހުން ބުނިގޮތުގައި އެމީހުން އައީ ޝަހީދުން ފަސްދާނުލައިފައެވެ. طـاهـــرة އޭނާގެ ބައްޕާފުޅާ ބެހޭގޮތުން އެބައިމީހުންނާ ސުވާލު ކުރެއްވިއެވެ. އޭގެތެރެއިން އެކަކު ޖަވާބު ދިނެވެ. "شيـخ أبــو يـعـقــوب އަށްވުރެ ފަހުން ޖަލަށްލެވުނު މީހަކު މަޣުރިބުނަމާދު ވަގުތުގައި ގެޔަށް އައި. އޭނާ ހުރީ ވަރަށް ގަދަޔަށް ހުންއައިސްފައި. އޭނާ ބުނާގޮތުގައި އޭނާ شيـخ أبــو يـعـقــوب ޖަލަކުން ނުދެކޭ. ނުފޫޒުހުރި ބައެއް ބޭފުޅުން ވަނީ ވަކިވަކި ކޮޓަރިތަކުގައި ހައްޔަރުކޮށްފައި. ޖަލަށް ޙަމަލަދިން މީހުން ޖަލުގެ ދޮރު ހުޅުވުމާއެކު ބައެއްމީހުން ވަރަށްބޮޑަށް ހޯދި. ނަމަވެސް شيـخ أبــو يـعـقــوب އެއް ނުފެނުނު. ސަރަޙައްދީ ޖަލުތަކަށް ފޮނުވުނު ޤައިދީންގެ ތެރޭގައި އެކަލޭގެފާނު ހިމެނިވަޑައިގެންފައިވުމަކީވެސް އެކަށީގެންވާ ކަމެއް. އެކަލޭގެފާނު ޖަލުން ސަލާމަތްވެވަޑައިގެންނެވުމާއެކު އެއްވެފައިތިބި މީހުންގަނޑާ ބައިވެރިވެވަޑައިގެންނެވީ ކަމުގައިވެސް ވެދާނެ. އެހެނިހެން ޤައިދީންނަށް އެކަލޭގެފާނު ނުފެނި ހިނގައިދާނެ."
أحمد އަވަށުގެ މިސްކިތާ ހަމަޔަށް ވަޑައިގެންފައި طـاهـــرة ގެ އަރިހުގައި ވިދާޅުވިއެވެ. "ކަލާ ގެޔަށް ވަޑައިގަންނަވާ. އަޅުގަނޑު ނަމާދުކޮށްލައިގެން އެބަދަން."
أحمد ވުޟޫކުރައްވައިގެން މިސްކިތަށް އަރައިވަޑައިގެންނެވިއިރު ރޭގައި އޭނާއާ ބައްދަލުވެވަޑައިގެންނެވި ބަލިކަށި މުސްކުޅިޔާ މިސްކިތުގައި އިނެވެ. އޭނާއަށް أحمد ފެނުމާއެކު އުފަލުން ތެދުވެ أحمد އާ ބަޣަލްޤީރު ކޮށްފިއެވެ. އޭނާ ވާހަކަދައްކާން ފަށައިފިއެވެ. "ދަރިފުޅާ! ރޭގައި ދަރިފުޅުގެ ނިތްކުރިފުޅުމަތީން ބޭބެ ނޫރުގެ ދޯއްޖެއް ދުށީން. މިއަދު ޠުލައިޠުލާއިން މިފެންނަނީ ނޫރުގެ ސައިލެއް ހިނގައިގެންފައިވަނިކޮށް. އިއްޔެއާ ހަމަޔަށް ތިޔައީ ބޭބެއަށް ދުރުހިލޭ ކުއްޖެއް. އެކަމަކު މިއަދު ތިޔައީ ބޭބެމެންގެ ޤައުމުގެ މުޙުސިނު! ބޭބެގެ ހިތަށްވެސްއެރި. ޣަރުނާޠާގެ މުޖާހިދަކީ ދަރިފުޅު ފިޔަވައި އެހެން މީހަކު ކަމުގައެއް ނުވާނެއޭ!"
أحمد ހިނިފުޅުވަޑުވައިލައްވައިފައި ޖަވާބު ދެއްވިއެވެ. "ކަލޭގެފާނު އަދިވެސް ކޯރުގެ އައްސޭރީގައި އޮންނަ ކަލޭގެފާނުގެ އަވަށަށް ނުދުރުވަނީތޯ؟"
މުސްކުޅިޔާ ޖަވާބު ދިނެވެ. "އިއްޔެ އަޅުގަނޑަށް މި މިސްކިތާ ހަމަޔަށް އާދެވުނުއިރު މަޣުރިބު ނަމާދު ވަގުތުވަނީ. މި މިސްކިތްހުރީ ހުހަށް. އަޅުގަނޑު ބަންގި ދިނުމުން އެއްވެސްމީހަކު ނަމާދަކަށް ނައި.
شيـخ أبــو يـعـقــوب ބައެއް ދުވަސްދުވަހު މި މިސްކިތުގައި އިމާމުވެވަޑައިގެން ނަމާދުކޮށްދެއްވާ. އެފަދަ ދުވަސްދުވަހު މި މިސްކިތް އޮންނަނީ ދޮރޯއްޓާ ހަމަޔަށް ފުރިފައި. އަޅުގަނޑު ހިތުން ޢަހުދުކޮށްފައިވަނީ މި މިސްކިތް އަލުން އެގޮތަށް ނުފުރެނީސް ގެޔަށް ނުދާން. ދަރިފުޅު ވަޑައިގަތުމުން ބޭބެގެ ހިތުގައި ދެ ޚިޔާލެއް އުފެދުނު. ބޭބެގެ ހިތަށްއެރި. ދަރިފުޅަކީ ސަރުކާރުގެ ޖާސޫސެކޭ. ބޭބެއަކީ ނުރައްކާތެރި މީހެއްކަމުގައި ހީކުރައްވައިގެން ހައްޔަރުކުރައްވާށޭ ތިޔަ އުޅުއްވަނީ. އެކަމަކު ދަރިފުޅުގެ މޫނުފުޅަށް ބަލައިލުމާއެކު ބޭބެގެ ޝައްކު ފިލާ. ބޭބެ
شيـخ أبــو يـعـقــوب ގެ ގޭގެ އެޑްރެސް ދެންނެވީވެސް ދެފިކުރުމަތީގައިހުރެ."
"އެހެންވީއިރު شيـخ أبــو يـعـقــوب ހުންނެވީ ޖަލުގައި ކަމާއި އޭނާގެ ދަރިކަލުން ޝަހީދުވެވަޑައިގެންފިކަންވެސް ކަލޭގެފާނަށް އެނގިލައްވާ ދޮގެއްތޯ؟"
"އަޅުގަނޑަށް ހުރިހައިކަމެއްވެސް އެނގޭ. އެކަމަކު ދަރިފުޅަކީ ހިލޭމީހެއް ކަމުގައި ހީކޮށްގެން ބޭބެ އެކަންކަން ފާޅުނުކުރީ."
"އެހެންވީއިރު މިއަދު ޠުލައިޠުލާގައި މިހިނގާ ކަންތައްތަކުގެ އެންމެބޮޑު ހިއްސާއެއް ލިބިލައްވަނީ ކަލޭގެފާނަށް. شيـخ أبــو يـعـقــوب ގެ ގޭގައި އިންނެވީ ގިނިކަންޏާ އިންނެވި އަންހެން ބޭފުޅެކޭ ކަލޭގެފާނު ބުނުއްވިނަމަ އަޅުގަނޑު އެގެޔަށް ނުގޮސް ރޭގައިމިސްކިތުގައި
މަޑުކުރުމަކީ އެކަށީގެންވާ ކަމެއް. އެހެންވީނަމަ މި އިންޤިލާބު މިހައި އަވަހަށް ނައުމާއި ނަމާދުކުރާން އަންނަ މީހުންގެ އިންތިޒާރުގައި ކަލޭގެފާނު އެތައްދުވަހަކު އިންތިޒާރު ކުރައްވާން ޖެހިވަޑައިގެންނެވުމަކީ ދުރުކަމެއް ނޫން."
أحمد ނަމާދުކުރައްވައި ނިމިވަޑައިގެން އެގޯޅިޔާ ހަމަޔަށް ވަޑައިގެންނެވިއިރު شيـخ أبــو يـعـقــوب ގެ ގޭގެ ދޮރޯށި ހުރީ ހުޅުވައިފައެވެ. طـاهـــرة އިންނެވީ އަންހެނުންތަކަކާ ވާހަކަފުޅު ދައްކަވާށެވެ. أحمد ދޮރުގައި ޓަކިޖައްސަވައިލެއްވުމާއެކު އުމުރުން ދުވަސްވީ އަންހެނެއް ބޭރަށް ނުކުމެއްޖެއެވެ. އޭނާ أحمد އެހެން ކޮޓަރިޔަކަށް ގެންގޮސްފިއެވެ. އޭނާ ދެންނެވިއެވެ. "ކަލާ އިށީނދެވަޑައިގަންނަވާ. އަޅުގަނޑު ފަރީއްކޮޅު ގެންނާނަން."
أحمد އޭނާއާ ސުވާލު ކުރެއްވިއެވެ. "شيـخ أبــو يـعـقــوب ވަޑައެއްނުގަންނަވާތަ؟"
"އާދެ."
أحمد ފަރީއްކުޅުއްވާން އިންނަވަނިކޮށް އަވަށުގެ އެތައްބަޔަކު އެކޮޓަރިޔަށް އެއްވެއްޖެއެވެ. ވަރުބަލިފުޅުކަމާއި އަވަހާރަފުޅުގެ ސަބަބުން أحمد ހުންނެވީ ހާލުކޮޅެއް ނެތިފައެވެ. އެކަމަކުވެސް ކޮންމެ ކުޑަކުއްޖަކުވެސް ކޮންމެ ޒުވާނަކުވެސް ކޮންމެ މުސްކުޅިޔަކުވެސް ބޭނުންވަނީ އޭނާއާ ވާހަކަ ދައްކާށެވެ. އޭނާއަށް އެމީހެއްގެ އިޙުތިރާމާއި ލޯބީގެ ޝުޢޫރުތަކާއި އިޙުސާސުތައް ދަންނަވާށެވެ. އެންމެފަހުން އުމުރުން ތަންކޮޅެއް ދުވަސްވެފައިހުރި މީހެއް ތެދުވަމުން އެހެންމީހުންގެ ގާތުގައި ބުނެފިއެވެ. "އޭނާ އަރާމުކުރެއްވިޔަދީ! އޭނާ އެހުންނެވީ ވަރަށް ވަރުބަލިފުޅުވެފައި!"
އެމީހުންތައް ދިޔުމާއެކު أحمد ދޫލަމަތީގައި އޮށޯވެވަޑައިގެންފިއެވެ.
طـاهـــرة އެހެން ކޮޓަރިޔެއްގައި أحمد އަށް ތަންމަތި ތައްޔާރުކުރެއްވުމަށްފަހު أحمد އޮންނެވި ކޮޓަރިތެރެ ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ތެދުވެވަޑައިގަންނަވާ. އަޅުގަނޑު ކަލާގެ އެނދު ތައްޔާރުކޮށްފިން!"
أحمد އެއްވެސް ޖަވާބެއް ނުދެއްވިއެވެ. طـاهـــرة ކަންބޮޑުވެވަޑައިގެން ދޮރުމަތީގައި ކޮޅަށް ހުންނެވިއެވެ. އުމުރުން ދުވަސްވީ ޚާދިމާއެއް ތަށިތައް ބަލައި އަތުވެއްޖެއެވެ. އޭނާ طـاهـــرة ގެ އަރިހުގައި ދެންނެވިއެވެ. "މީނާ މިތާނގައި އޮންނަވައި އަވަހާރަފުޅު ލައްޕަވައިފި."
طـاهـــرة ވިދާޅުވިއެވެ. "އޭނާއަށް ދަންނަވާ އެނދަށް ވަޑައިގަންނަވާށޭ!"
އަންހެންމީހާ أحمد ގެ މުލައްދަނޑިފުޅުގައި ހިފައިފައި ނެގޭތޯ ބެލުމުން أحمد ފުރޮޅިވަޑައިގެންފައި އަވަހާރަފުޅުގެ ތެރޭގައި ވިދާޅުވިއެވެ. "ބޭބޭ! މަންމާ! حسن އަރިހު ވިދާޅުވޭ އަޅުގަނޑަށް އުނދަގޫ ނުކުރައްވާށޭ!"
طـاهـــرة އެ އަންހެންމީހާގެ ގާތުގައި ވިދާޅުވިއެވެ. "އަޅައިނުލައި ބާއްވާ! ސިފައިންގެ މީހެއްގެ ނިދި ހަލާކުކޮށްގެން ކަމަކުނުދާނެ."
ޚާދިމާ ތަށިތައް ހިފައިގެން ހިނގައްޖެއެވެ. طـاهـــرة ހިނދުކޮޅަކު އެތާނގައި ހުންނެވިއެވެ. "ބޭބޭ! މަންމާ! حسن!" މި ލަފުޒުތައް طـاهـــرة ގެ ކަންފަތްޕުޅުގައި ތަކުރާރުކޮށް ގުގުމަމުންދަނީ ކީއްވެގެން ބާވައެވެ؟
މި ޒުވާނާ މީގެ އެއްދުވަސްކުރީން މިގެއަށް ވަޑައިގެންނެވީ ބީރައްޓެއްސެއްގެ ގޮތުގައެވެ. ނަމަވެސް ހަމައެންމެ ދުވަހެއްގެ ތެރޭގައި طـاهـــرة އަށް މިހާރު ހީފުޅުވަނީ އެޒުވާނާ އަވަހާރަފުޅުގައި އެބަޔަކަށް ވިދާޅުވާ މީހުންނަކީވެސް އޭނާއަށް ދުރުހިލޭ ބައެއް ނޫންހެންނެވެ. އެބައިމީހުންގެ ޚިޔާލީ ތަސްވީރުތައް طـاهـــرة ގެ ހިތްޕުޅަށް އަރަމުންދެއެވެ. طـاهـــرة އެނދަކުން ރަޖައެއް ނަންގަވައިގެން ވަޑައިގެން أحمد ގެ ގައިކޮޅުގައި އަޅުއްވައިދެއްވައިފައި މަތީބުރިޔަށް ވަޑައިގެންފިއެވެ.
* * * * * * * * * * *
أحمد އަށް ހޭފުޅުލެއްވުނީ ވަރަށް މައްޗަށް އިރުއެރިފަހުންނެވެ. އޭރު ކޮޓަރީގެ ދޮރުންނާއި ކޮޓަރީގެ އަލިވައްދާ ތަންތަނުން ކޮޓަރިތެރެޔަށް އަވިދެއެވެ. އުމުރުން ދުވަސްވެފައިވާ އެކަމަކު ވަރުގަދަ ހަށިކޮޅެއްގެ ވެރިޔެއް އޭނާގެ އަރިހުގައި ގޮނޑިޔެއްގައި އިންނެވިއެވެ. أحمد ކަންބޮޑުވެވަޑައިގެން ތެދުވެވަޑައިގެން އިށީނދެވަޑައިގެންފިއެވެ. އުމުރުން ދުވަސްފުޅުވީ شيـخ ހިނިފުޅުވަޑުވައިލައްވައިފައި ވިދާޅުވިއެވެ. "އަޅުގަނޑަށް ހީވާގޮތުގައި މިހާރު ކަލާގެ އަވަހާރަފުޅު ފުރިހަމަވެދާނެ!"
أحمد ކުޑައިކޮށް ދެރަފުޅުވެފައި ވިދާޅުވިއެވެ. "އަޅުގަނޑަށް މާގިނައިރު ނިދިއްޖެ."
އުމުރުފުޅުން ދުވަސްފުޅުވީ شيـخ ވިދާޅުވިއެވެ. "އަޅުގަނޑަކީ أبــو يـعـقــوب."
أحمد ކަންބޮޑުވެވަޑައިގެން ކޮޅަށް ތެދުވެވަޑައިގެންފިއެވެ. شيـخ أبــو يـعـقــوب ވެސް ތެދުވެވަޑައިގެން أحمد އާ މުސާފަހާ ކުރައްވައިފައި އޭނާގެ އަރިހުގައި ގޮނޑިޔެއްގައި أحمد ބައިންދަވައިފިއެވެ.
أحمد ސުވާލު ކުރެއްވިއެވެ. "ކަލޭގެފާނު ގެއަށް ވަޑައިގެންނެވީ ކޮންއިރަކުތޯ؟"
"ގެއަށް އާދެވުނީ ފަތިސްވީފަހުން."
"ކަލޭގެފާނު ވަރަށްގިނައިރު ކުރައްވައިފީމު."
أبــو يـعـقــوب ވިދާޅުވިއެވެ. "ރޭދެބައިވަންދެންވެސް ޝާހީ ގަނޑުވަރުގައި ހީވަނީ ޤިޔާމަތްވެގެން އުޅޭހެން އާއްމުންގެ ގިނަމީހުން ގެޔަށްދިޔައީ އެހައިއިރު. ހަރުކުލައިގެ މީހުންނަށް އެއްތަންވެލައި މުސްތަޤުބަލާމެދު ވިސްނައިލުމުގެ ފުރުސަތު ލިބުނީ މީހުންތައް ގެޔަށް ދިޔުމުން."
أحمد ސުވާލު ކުރެއްވިއެވެ. "ކަލޭގެފާނު ހުންނެވީ މިރަށުގެ ޖަލުގައިތޯ؟"
أبــو يـعـقــوب ޖަވާބު ދެއްވިއެވެ. "އާދެ! އަޅުގަނޑާއި އެހެން ފަސްބޭފުޅަކާ ބަންދުކޮށްފައި ތިބީ ޖަލުގެ ބިމުއަޑީގެ ކޮޓަރިޔެއްގައި. ޖަލުގެ ދޮރުތައް ހުޅުވުމުން އެކަކުވެސް އަޅުގަނޑުމެންނާ މެދަކު ޚިޔާލެއް ނުކުރޭ. އިރުއޮއްސުނުފަހުން އަޅުގަނޑުމެން އެކޮޓަރީގެ ދޮރު ހަލާކުކޮށްލެވޭތޯ މަސައްކަތް ފަށައިފިން. އެމަސައްކަތުގައި އުޅެއުޅެތިއްބައި އަޅުގަނޑުމެންގެ ތެރެއިން އެއްބޭފުޅެއްގެ ތިމާގެފުޅު ބޭފުޅުން އޭނާ ހޯއްދަވާން ވަޑައިގެންފި. އެހެން ނޫންނަމަ އަޅުގަނޑުމެންނަށް އިތުރު އެއްދުވަހަކު ނުވަތަ ދެދުވަހަކު ޖަލުގައި ތިބޭން ޖެހުނީސް."
أحمد ވިދާޅުވިއެވެ. "އަޅުގަނޑުގެ ނަމަކީ أحمد."
أبــو يـعـقــوب ވިދާޅުވިއެވެ. "އަޅުގަނޑަށް ކަލާއާ ބެހޭގޮތުން މާގިނަ ކަންތައްތައް އެނގޭ.
طـاهـــرة އަޅުގަނޑަށް ހުރިހައި ވާހަކަތަކެއް ކިޔައިދިން."
أحمد ސުވާލު ކުރެއްވިއެވެ. "يحـيى ގެ އެއްވެސް ޚަބަރެއް ލިބިވަޑައިގެންފިތޯ؟"
"އޭނާ ސަލާމަތްވެވަޑައިގެން ވަޑައިގެންފި. އަޅުގަނޑުމެންނަށް ޔަގީން. އޭނާ އަލްފާންސޫގެ އެހީ ހޯއްދަވައިގެން އެނބުރި ވަޑައިގަންނަވާނެ. އަޅުގަނޑުމެންގެ ސަރަޙައްދާ ތިން މަންޒިލު ދުރުގައިހުރި ކިއްލާއެއްގައި އަލްފާންސޫގެ ސިފައިން އެބަތިބި. އަޅުގަނޑުމެންނަށް ސަލާމަތް މިހޯދަނީ ކުޑަކުޑަ މުސީބަތަކުން. ބޮޑެތި މުސީބާތްތައް އަންނާން އޮތީ. ރޭގައި އަޅުގަނޑުމެންނަކަށް ވަކިގޮތަކަށް ނިންމައެއް ނުލެވުނު. އެއްބަޔެއްގެ ޚިޔާލަކީ އަޅުގަނޑުމެން ރަށުގެ ރައްޔިތުންގެ އަމިއްލަ ބާރުގެ މައްޗަށް އިތުމާދު ކުރުން. އަނެއްބަޔަކު ދެކޭގޮތުގައި ޠުލައިޠުލާގެ މީހުންނަށް އެކަންޏަކު އަލްފާންސޫއާ ކުރިމައްޗެއް ނުލެވޭނެ. އެހެންކަމުން އެމީހުން ހުށަހަޅަނީ ބިޠުލިޔޫސުގެ ރަސްގެފާނު عمــر المـتــوكّـل ގެ އެހީފުޅު ހޯދާން. އަޅުގަނޑުމެންގެ ޤާއިދުންގެ ވަރަށްގިނަ ބޭފުޅުންވަނީ ހައްޔަރުވެވަޑައިގެންނެވުމުގެ ކުރީން عمــر المـتــوكّـل އާ ވާހަކަ ދައްކަވައިފައި."
"ކަލޭގެފާނުގެ ޚިޔާލުފުޅަކީ ކޮބައިތޯ؟"
"އަޅުގަނޑު މިހުރީ عمــر المـتــوكّـل އަށް ކިޔަމަންވުމާ ދެކޮޅުހަދާ މީހުންގެ ފަރާތުގައި. އެކަމަކު އަޅުގަނޑަށް ހީވާގޮތުގައި އަޅުގަނޑުގެ ބަސް މާބޮޑަކަށެއް ނުވިކޭނެ. އިއްޔެއްސުރެ އަޅުގަނޑަށް ފެނިފައިވާގޮތުގައި عمــر المـتــوكّـل އާ އެއްބައިވާ މީހުންގެ އަދަދު މާގިނަ. އަލްފާންސޫ ކުއްލި ޙަމަލައެއް ދެއްވައިފިނަމަ އާއްމުން
عمــر المـتــوكّـل އަށް ތާއީދުކުރާ މީހުންނަށް ލައްބައިކައޭ ބުނާނެ."
أحمـد ވިދާޅުވިއެވެ. "އެހެންވީއިރު ޠުލައިޠުލާގެ މީހުންވެސް މިތައްޔާރުވަނީ އެއްދުވަސްވަރެއްގައި ޤުރުޠުބާގެ މީހުންވެސް ހެދި ގޯސްހަދަން."
أبــو يـعـقــوب ޖަވާބު ދެއްވިއެވެ. "ކަލާ ހިތްޕުޅު ހަމަޖައްސަވާ. عمــر المـتــوكّـل އަށް އަޅުގަނޑުމެން ހުށަހަޅާ ޝަރުޠުތައް ވަރަށް ހަރުކަށިވާނެ. އަނެއްކާ عمــر އާއި معـتـمـد އާވެސް ވަރަށް ތަފާތު. އޭނާގެ އެންމެ ރަނގަޅުކަމަކީ އޭނާއަކީ އަލްފާންސޫގެ ޑޯލާރަސްކަލެއް ނޫންކަން. މީގެއިތުރަށް ވެރިޔެއްގެ ހައިސިއްޔަތުންވެސް އޭނާ ޝަރުޢީ އިންތަކަށް ޙުރުމަތްތެރިކޮށް ހިއްތަވާ. ކުޑައިރުކޮޅެއްގެ ތެރޭގައި ޝާހީ އީވާނުގައި ރަށުގެ ބޮޑުންގެ ބައްދަލުވުމެއް އޮންނާނެ. ކަލާ އަޅުގަނޑާއެކު އެތަނަށް ވަޑައިގަންނަވާން ތައްޔާރުވެވަޑައިގަންނަވާ!"
شيـخ أبــو يـعـقــوب އާއި أحمـد އާ ދެބޭފުޅުން ސަހަރަށް ވަޑައިގަންނަވާން އިރުކޮޅެއްގެ ތެރޭގައި ގެއިން ނުކުމެވަޑައިގެންފިއެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު