ގއ. ވިލިނގިލީ ފަޅުތެރޭގައި ރޭ ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މިހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފް އަހުމަދު މިއަދު "ވަން" އަށް ވިދާޅުވީ ރޭގެ އެކްސިޑެންޓުގައި އަނިޔާވެގެން ހަތަރު މީހަކު އެ ހޮސޕިޓަލަށް ގެންދިޔަ ކަމަށެވެ. އޭގެ ތެރެއިން ސީރިއަސް އަނިޔާ ލިބުނު މީހާ ރޭގެ ވަގުތެއްގައި މާލެ ފޮނުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާއަށް މާލެ ފޮނުވާފައިވަނީ ލޯންޗުގައި އިން އުމުރުން 25 އަހަރުގެ މީހާ ކަމަށެވެ. ބާކީ ތިބި ތިން މިހުންނަކީ ދޯނީގައި ތިބި ތިން މިހުން ކަމަށާއި އޭގެ ތެރެއިން ދެ މީހުން ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަކަމަށް ވިދާޅުވި އެވެ. އަދި އަނެއް މީހާގެ އަތް ބިނދިފައިވަތީ އޭނާ ގދ. ތިނަދުގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފޮނުވާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރޭ މި އެކްސިޑެންޓް ހިނގާފައިވަނީ ކޫއްޑޫ އިން ވިލިނގިއްޔަށް ދަތުރުކުރި ލޯންޗަކާއި ވިލިނގިލިން މަހަށް ފުރަން ދިޔަ ދޯންޏެއްގައި ޖެހިގެންނެވެ.